Roadha Mihaaru
ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އަންގައިފި

ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އަންގައިފި

05 ސެޕްޓެމްބަރ 2018

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ މެދު ޝެއިޚް އިލްޔާސް ހުސައިން ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ މެދު ޝެއިޚް އިލްޔާސް ހުސައިން ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމެއްގައި، ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކަތަކަކީ މިހާތަނަށް ފުލުހުންނަށް ލިބިފައިނުވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި އަފްރާޝީމްގެ މަރަށް ހަ އަހަރު ފަހުން، އޭނާ އެ ވާހަކަ ދެއްކެވި ނިޔަތާ މެދު ސުވާލު އުފައްދައި، އެކަން އިތުރަށް ސާފުކުރަން އިލްޔާސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ ހޮނިހިރު ދުުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އެކަން ފުލުހުން ތަހުގީގުނުކޮށް، އެކަމުގެ ޖަވާބު ފުލުހުން ހޯދާފައި ނުވާތީ އެކަމާ މެދު އޭނާ ސުވާލު ކުރެއްވި އެވެ.

"ކީއްވެގެންތޯ އެކަމުގެ ތަހުގީގު ނުކުރެވުނީ؟ މި ނޫން ދުވަހެއް އަންނާނެ. ތިޔަބައި މީހުންނާ ސުވާލު ކުރެވޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސްގެ އެ ވާހަކަތައް ތަހުގީގު ކުރަން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ "އަފްރާޝީމް ގަތުލުކޮށް، މި ދުނިޔޭން ނެތި ކޮށްލި ބަޔަކު އިނގޭ ކަމަށް" އިލްޔާސް ވިދާޅުވެފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައުލޫމާތު ފުލުހުން ސާފުކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ސުވާލު ކުރުމުގެ ފުރުސަތު ނުދީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވިދާޅުވީ އަފްރާޝީމްގެ މަރު ތަހުގީގުކުރީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަމާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕީޖީއަށް ފޮނުވައި، ޝަރީއަތް ހިންގައި އެކި ފަރާތްތަކަށް ހުކުމްކުރި ފަހުން، އެ މައްސަލަ އަލުން ފެންމަތިކޮށް އިލްޔާސް ދެއްކެވި ވާހަކަތަކަކީ މިހާތަނަށް، ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާ މައުލޫމާތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސުވާލު އުފެދޭ މިހާ ގިނަ ދުވަސް ވެގެން ދިޔަ އިރު، މިފަދަ ނުރައްކާތެރި ވާހަކަތަކެއް، ފުލުހުންނާއި ދައުލަތާއި ކަމާ ގުޅޭ އިދާރާތައް ފަޟީހަތްވެ، ފިތުނަ އުފެއްދުމުގެ ނިޔަތުގައި މި ވާހަކަ ދެއްކެވި އިރު، މިހާ ގިނަ ދުވަސް ވީ އިރު، ރަސްމީ ސިފައެއްގައި ނުވަތަ ނުރަސްމީ ސިފައެއްގައި ފުލުހުންނާ ހަމައަށް ހުށަނޭޅީ ކީއްވެގެންތޯ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ދޮގު ވާހަކަތަކެއް އިލްޔާސް ދެއްކެވުމުގެ ބޭނުމަކީ ފުލުހުންނާއި ދިވެހި ދައުލަތާ މެދު ފިތުނަ އުފައްދައި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމެވެ. އަދި ރައްޔިތުންގެ ވިސްނުން ބަދަލުކޮށް، ފުލުހުންނާ މެދު އޮންނަ އިތުބާރު ނަގާލަން މަސައްކަތް ކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ސިޔާސީ ގޮތުން ރާއްޖެ މިހާ ހަލަބޮލި ވެފައިވާ ދުވަސްވަރެއްގައި، ޝެއިހް އިލްޔާސް އަމިއްލަ ޒާތީ އަދި ސިޔާސީ ނިޔަތެއް ހާސިލް ކުރުމަށް، އަދި ކުރިއަށް އޮތް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދެއްކި ވާހަކައެއްކަމަށް ގަބޫލުކުރަން،" ދާހިލީ ހަމަޖެހުމާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަސައްކަތް ކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވަމުން ޝިފާން ވިދާޅުވި އެވެ.

ައައްޑޫ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވެފައި ވަނީ އޭނާ އެ ހުރިހާ ވާހަކައެއް ދައްކަވަނީ އެ ފުރުސަތު ދެވަނަ ފަހަރަށް ލިބިވަޑައިނުގެންފާނެތީ ކަމަށެވެ.