ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި، ހ. ހިކޯސްޓާ އަލީ ޝާން (ސަޓޯ) އެ ޖަރީމާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް އެ ރިޕޯޓް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އޭނާގެ ނަން އުނިކޮށް ރިޕޯޓް ތައްޔާރުކޮށްފި އެވެ.
20 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި، ހ. ހިކޯސްޓާ އަލީ ޝާން (ސަޓޯ) އެ ޖަރީމާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް އެ ރިޕޯޓް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އޭނާގެ ނަން އުނިކޮށް ރިޕޯޓް ތައްޔާރުކޮށްފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ބެލީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުންނެވެ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ރޭވި ގޮތާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން އަދި ފައިސާ ދައުރުކުރި ގޮތް ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވުމުން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީސް ހިމެނޭ ގޮތަށް ސަރުކާރުގެ ކަމާ ގުޅޭ ހަތަރު އިދާރާއަކާ އެ ރިޕޯޓް ހިއްސާ ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުވުމުން، އެ ދިރާސާ ކުރުމަށް މަޖިލީހުން ފޮނުވީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށެވެ. އެ ކޮމިޓީން އެ ރިޕޯޓް ދިރާސާ ކުރަން ހަވާލުކުރީ އެ ކޮމިޓީގެ ތެރެއިން ނެގި ތިން މެމްބަރުންގެ ސަބް ކޮމިޓީއަކާ އެވެ. އިދިކޮޅަށް އަޣުލަބިއްޔަތު އޮތް އެ ކޮމިޓީގައި ތިއްބެވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އަދި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
އެކަމަކު، އާދަމް ޝަރީފާއި ހުސައިން މުހައްމަދު ލަތީފް މީޑިއާ ގައި ވިދާޅުވީ، ސަބް ކޮމިޓީން ރިޕޯޓް ތައްޔާރުކުރީ އެ ދެ ބޭފުޅުންގެ ކޮމެންޓެއް ނެތި އަދި ބައިވެރިވުމެއް ވެސް ނެތި ކަމަށެވެ. އެހެންވެ، އެއީ ސަބް ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް އަމިއްލަ އަށް ތައްޔާރުކުރި ރިޕޯޓެއް ކަމަށް އިދިކޮޅުން ބުނެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ސަޓޯ އަށް ކޮށްފައި ވެ އެވެ. އެ ތުހުމަތާ ގުޅިގެން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި އޭނާ އަދާކުރަމުން އައި ވަޒީފާއިން މިިދިޔަ އާދިއްތަ ދުވަހު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސަޓޯ ފޮޓޯއެއް ނަގަނީ.
ސަޓޯ އަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުންގެ ގާތް އެކުވެރި އެކެވެ. އަދި މި ސަރުކާރުގެ ސިޔާސީ އިސް ގިނަ ބޭފުޅުންނާ ސަޓޯއާ ގާތްގުޅުމެއް އޮވެ އެވެ.
އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އެއީ ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ އިތުރުން ސަޓޯ އާއި އުމުރުން 18 އަހަރުން ދަށުގެ ކުއްޖާ އެވެ. ހެކިންނާ ހަވާލާދީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސަޓޯ ވަނީ އަފްރާޝީމްގެ ހަށިކޮޅަށް ވަޅި ވެސް ޖަހައިފަ އެވެ. އަދި މި ހަމަލާ ރާވައި ތަންފީޒުކުރުމުގެ އެއް މޭސްތިރިޔާ އަކީ ވެސް އޭނާ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކުރީ، މައި ކޮމިޓީން މިިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ހަތް ނުކުތާއާ ގުޅޭގޮތުން އަމަލު ކުރަންވީ ގޮތް ދެނެގަތުމަށްޓަކަ އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ސަބް ކޮމިޓީއާ ހަވާލުކުރި މަސައްކަތް:
1- ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު ދެނެގަތުން
2- އަފްރާޝީމް އަވަހާރަކޮށްލުމުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތުން
3- ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ދެނެގަތުން
4- އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ އެނގިތިބެ ސިއްރުކުރި ފަރާތްތައް ދެނެގަތުން
5- އަފްރާޝީމް އަވަހާރަކޮށްލުމުގައި ފުލުހުންނާއި އިމިގްރޭޝަންގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުން
6- ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މީހުން މިހާރު ތިބި ތަންތަން ދެނެގަތުން
7- ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން
އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭގޮތުން ހިންގާފައިވާ އެކި ކަންކަމާއި މައުލޫމާތު އެކި މިންވަރަށް އެނގި ސިއްރުކުރި ފަރާތްތަކުގެ ލިސްޓުގައި، އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަން ހިމަނާފައި ވެ އެވެ. ކޮމިޝަނުން އޭނާއާ ސުވާލު ކުރީ ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.
ނަމަވެސް ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން ރިޔާސީ ކޮމިޝަނުން ވަނީ ޝަހީމް އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތު ކޮށްފަ އެވެ. އެކަމަކު އެ ތުހުމަތުތައް ޝަހީމް ދޮގުކުރައްވަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ރިޔާސީ ކޮމިޝަނުން އުޅެނީ ހަގީގީ ގާތިލް ފޮރުވަން ކަމަށެވެ. އަފްރާޝީމްގެ މަރު، މައުސޫމް މީހުންނާ ގުޅުވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
ސަޓޯ ފިޔަވައި، އަފްރާޝިމް އަވަހާރަކޮށްލުމާ ގުޅުން ހުރި ގިނަ ބައެއްގެ ނަންތައް ރިޔާސީ ކޮމިޝަންގެ ރިޕޯޓް ދިރާސާ ކުރުމަށް ފަހު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން އެކުލަވައިލި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުކުމުގައި ހުރި ހަމައެކަނި ހުމާމް.---ފައިލް ފޮޓޯ: މިހާރު
އެ މައްސަލައިގައި ކޮމިޝަންގެ ހޯދުންތަކާއި ފާހަގަކުރެވޭ ކަންކަމާއި ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަންކަމުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމަށް ސަބް ކޮމިޓީން ބުންޏެވެ. އެހެންވެ، ފުލުހުން ތަހުގީގުކޮށްފައިވާ ގޮތާއި ލިބިފައިވާ މައުލޫމާތުތައް ބޭނުންކޮށްފައިވާ މިންވަރާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް ބުންޏެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓު ދިރާސާކުރުމަށް ފަހު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ލަފާ ދޭން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ސަލަފް ވެސް ހިމެނޭ ގޮތަށް ޖިހާދީ ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމާއި އަފްރާޝީމް އަވަހާރަކޮށްލުމުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހޯދައި އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރުން ހިމެނެ އެވެ.
ޑރ. އަފްރާޝީމް އަލީ.
"ވީމާ، "މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ފޮނުއްވާފައިވާ ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު"، ސަބް ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ މައްޗަށް ރިއާޔަޔްކޮށްދެއްވައި މައި ކޮމެޓީއަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ރިޕޯޓާމެދު އަމަލުކޮށްދެއްވުން އެދި، މި ރިޕޯޓު މައި ކޮމެޓީއަށް ހުށަހަޅަމެވެ،" ސަބް ކޮމިޓީގެ މުގައްރިރް ހަސަން ލަތީފް ސޮއިކުރައްވައި ފޮނުއްވި ދިރާސާ ރިޕޯޓުގައި ބުންޏެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރެވޭކަށްނެތް
ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި
ސަބް ކޮމިޓީގެ ދިރާސާގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް
ތަހުގީގުތަކާ ގުޅިގެން ނަޝީދުގެ ކަންބޮޑުވުން ކޮމިޓީ އަށް
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ
ރިޕޯޓާ ގުޅިގެން އެހީތެރިކަމަށް އަދި ނޭދޭ: ޕޮލިސް
އަފްރާޝީމްގެ މަރާ ގުޅިގެން ޝާން ސަސްޕެންޑްކޮށްފި
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި
ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީ އަށް