Roadha Mihaaru
"އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނަން"

އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާނަން: އިބޫ

06 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ، އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އިގްތިސާދީ މަޝްރޫތައް ފައްޓަވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ހއ. ހޯރަފުށިން އަހުމަދު ސާއިލް އަލީ

އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ، އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އިގްތިސާދީ މަޝްރޫތައް ފައްޓަވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުގެ ތެރެއިން، ހޯރަފުށީގައި ބޭއްވި ޖަލްސާގައި އިބޫ އެހެން ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ފަށާނެ ކަމަށް އިއުލާން ކުރި "އައިހެވަން" މަޝްރޫގެ އެއްވެސް އަމަލީ މަސައްކަތެއް ދައުރު ހަމަވާއިރު ވެސް ކޮށްފައި ނެތުމުން، މި ސަރަހައްދުގެ މީހުންނާއި އިދިކޮޅު އިއްތިހާދުގެ ބޭފުޅުން ގެންދަވަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އިބޫ ވިދާޅުވީ، އިހަވަންދިއްޕޮޅަކީ ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮތް އަދި އޭގެ ބޭނުން ވަރަށް ފަސޭހައިން ކުރެވެން އޮތް ތަނެއް ކަމަށެވެ. ދިރާސާތައް ކުރުމަށް ފަހު، ޓޫރިޒަމާއި ޓްރާންޝިޕް ބަނދަރުތައް ފަދަ އިގްތިސާދީ މަޝްރޫތައް އިހަވަންދިއްޕޮޅުގައި، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ސަރަހައްދު ތަރައްގީ ކުރެވިގެން ދާނީ އިންޓަގްރޭޑެޓް ޕްލޭނެއްގެ ދަށުން. އެތަނުގައި ޓޫރިޒަމާއި ޓްރާންޝިޕް ބަނދަރު ފަދަ އަދި އޭގެ އެންމެ ފައިދާ ހުރި ގޮތް ދެނެގަނެ އެކަމެއް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ހިންގާނީ ބޭރުގެ ފަރާތްތަކުގެ އެހީގަ އެވެ.

މިސަރުކާރުން، އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް ހެދުމަށް ނިންމާފައިވާ މާފިނޮޅުގެ ސަބަބުން މި ސަރަހައްދުގެ ހުރިހާ ރަށަކަށް ފަސޭހަ ވެގެން ނުދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އިއްތިހާދުގެ ވެރިކަމެއްގައި މި ހއ. ގައި އެއާޕޯޓު ހަދާނީ ހުރިހާ ރަށަކަށް ފަސޭހަވާނެ ސަރަހައްދެއްގައި ކަމަށް ވިދާޅުވި އެވެ.

ހޯރަފުއްޓަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން އިބޫ ވިދާޅުވީ، މި ރަށުގެ ސިއްހީ ނިޒާމް ރަނގަޅުކޮށް، މަގުތައް ޒަމާނީ ފެންވަރެއްގައި ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި މި ރަށުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.