Roadha Mihaaru
އެއީ މިވަގުތު ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް:ރައީސް

އެއީ މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް، ފާސްކޮށްދެއްވާ: ރައީސް

19 ނޮވެމްބަރ 2020

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓަކީ ކޮވިޑުގެ ބަލިމަޑުކަމުގެ މި ހާލަތުގައި އިގްތިސާދު ހިނގައިގަނެވޭނެ ގޮތްތަކަށް އަމާޒުކޮށް މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ވިދާޅުވެ ފާސްކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓަކީ ކޮވިޑުގެ ބަލިމަޑުކަމުގެ މި ހާލަތުގައި އިގްތިސާދު ހިނގައިގަނެވޭނެ ގޮތްތަކަށް އަމާޒުކޮށް މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ވިދާޅުވެ ފާސްކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

ހއ. ހޯރަފުށީގެ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖެ އިގްތިސާދީ ގޮތުން އޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ކިތަންމެ ދަތީގައި ވެސް މިހާތަނަށް ސަރުކާރުން އެކަން ކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާ ކަމަށާއި މުސާރަ ވެސް ކުޑަކޮށްފައި ނުވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. މިއާއެކު ވެސް މިއީ ރައްޔިތުންނަށް ދަތި ވަގުތެއް ކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާ އަށް ހަތަރު ބިލިއަން، ތައުލީމީ ދާއިރާ އަށް 3.9 ބިލިއަން، އިޖުތިމާއީ ދާއިރާ އަށް 3.7 ބިލިއަން، ގެދޮރު އިމާރާތްކުރަން 3.2 ބިލިއަން، ތިމާވެށި ރައްކާތެރިކުރަން 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. ރިކަރަކަންޓު ހަރަދުގެ ގޮތުގައި މުސާރަ އާއި ހިންގުމާއި އާސަންދަ އާއި އިނާޔަތްތައް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫއުތައް ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އައުޝަން އިލްޔާސް/މިހާރު

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އައުޝަން އިލްޔާސް/މިހާރު

އަންނަ އަހަރު ހިންގާނެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި، ރައީސް ވިދާޅުވި ގޮތުގައި، ހދ. ހަނިމާދު އާއި އައްޑޫގެ އެއާޕޯޓް ތަރައްގީކުރުމާއި މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖާއި މާލޭ ވިޔަފާރި ބަނދަރާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމާއި ފަސް ޓާޝަރީ ހޮސްޕިޓަލް އެޅުން ވެސް ހިމެނޭނެ އެވެ.

"އަޅުގަނޑު މި ދެންނެވި މުހިއްމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާ މެދު ބަހުސްކުރައްވަމުން ގެންދެވިއިރުގައި ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުރައްވަން. އަޅުގަނޑު ދަންނަވާނީ މިއީ، މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ،" ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ މި ދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކަށް ވާތީ މެދުނުކެނޑި، ހުއްޓުމެއް ނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެދިވަޑައިގަތީ މަޖިލީހުގެ މެމްބަރުން އެކަމަށް އެހީތެރިވެވަޑައިގަތުމުގެ ގޮތުން ބަޖެޓް ފާސްކޮށްދެއްވާށެވެ. މިވަގުތަކީ ސަރުކާރުން އެކަނި މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މި ބަޖެޓް ޖެހޭ އެބަ ފާސްކުރަން. އަޅުގަނޑުމެން ބޭނުން ދިއްދޫގެ ބަނދަރު ހަދަން، ބަޖެޓު ކޮށްފައި އޮންނާނެ. ބަޖެޓް ފާސްކޮށްގެން އެކަން ވާނީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫގެ ބިން ހިއްކަން، ބަޖެޓުގައި އޮންނާނެ. ކެލާގެ ތަރައްގީގެ މަޝްރުއުތައް ހުންނާނެ. މި ބަޖެޓް ފާސްކޮށްދެއްވާ. އެހެން ނޫނިއްޔާ އެކަމެއް ނުވާނެ،" ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވައި ރައީސް ވިދާޅުވި އެވެ.

"ދަރަނި ބޮޑުވުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން"

ރާއްޖޭގެ ދަރަނި ބޮޑު ކަމަށް ދައްކާ ވާހަކަ ސާފުކޮށް އެނގެން އެބަ ޖެހޭ ކަމަށް ވިދާޅުވެ ދަރަންޏާ ގުޅުވައި އިދިކޮޅުން މި ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ވެސް ރައީސް މިއަދު ރައްދު ދެއްވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ދަރަނި އޮތި 26 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން 2018 ގައި ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދި މިހާތަނަށް ދަރަނީގެ ގޮތުގައި މި ނެގީ 15 ބިލިއަން ރުފިޔާ. އަދި އޭގެ ކުރިއަށް ޖެހިލަމާ ހިނގާ. ދެހާސްއަށްވަނަ އަހަރު އަޅުގަނޑުމެން، އެމްޑީޕީ އޭރު ވެރިކަމާ ހަވާލުވިއިރުގައި ދައުލަތުގެ ދަރަނި އޭރު އޮތީ 6.5 ބިލިއަން ރުފިޔާގައި. ތިން އަހަރަށް ފަހު އަޅުގަނޑުމެން ވަކިވިއިރުގައި 26 ބިލިއަން ރުފިޔާގައި ދަރަނި ހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫނެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދަރަނިތައް މި ސަރުކާރަށް ވާރުތަވިއިރު ދައުލަތުގެ ރިޒާވުގައި ފައިސާ ނެތް ކަމަށެވެ.

"[ރިޒާވުގައި] 250 މިލިއަން ޑޮލަރު ހުރީ. ދެން ކިހިނެއްތޯ ކަންތައްތައް ކުރާނީ؟ މި ދަތި ހާލުގައި ވެސް އަޅުގަނޑުމެންގެ ރިޒާވުގައި މިހާރު ވެސް ހުންނާނެ 250 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ވިއްކާފައި އޮތް 85 ރަށް އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. މިހާތަނަށް އެއްވެސް ފަޅު ރަށެއް ރިސޯޓް ތަރައްގީކުރަން ދޫކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެ ވެސް ބަޖެޓުގައި ހުރި ނަމަތާ މި ދަތި ހާލުގައި އަޅުގަނޑުމެންނަށް އޭގެއިން ޚަރަދު ކުރެވޭނީ،" ބަޖެޓަށް ފާޑުވިދާޅުވާ އިދިކޮޅު މެމްބަރުންނަށް ރައްދެއްގެ ގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފައިނޭންޝަލް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތެވެ. އަމާޒު ވެސް ވަރަށް ސާފު ކަމަށާއި ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ވެސް ކަނޑައަޅާފައިވާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނަން. އިރާދަކުރެއްވިއްޔާ ހަރު މުދާ ނުވިއްކައި ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.