Roadha Mihaaru
ފަޒާދު ޕީޕީއެމުން ވަކިކޮށްފި

ފަޒާދު ޕީޕީއެމުން ވަކިކޮށްފި

06 ސެޕްޓެމްބަރ 2018

އިދިކޮޅު ފަރާތްތަކާ ރަސްމީކޮށް އިއްޔެ ގުޅިވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ފަރާތްތަކާ ރަސްމީކޮށް އިއްޔެ ގުޅިވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ސުލޫކީ ކޮމެޓީގެ އެ ނިންމުމާ އެކު، ފަޒާދު ޕާޓީން ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން އެކަން މަޖިލީހަށް އެންގުމުން، އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އަމަލުތައް ގޯސް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ފަޒާދަކީ ޕީޕީއެމްގެ ޓިކެޓްގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެކެވެ.

ފަޒާދަށް ޕީޕީއެމުން މިއަދު ފޮނުވި ސިޓީގައި ވަނީ އޭނާ އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ ފަޒާދުގެ އަމަލުތައް ހުރި ގޮތުން، ޕާޓީއަށް ގެއްލުން ވަމުންދާތީ އާއި އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވާތީ އެވެ. އެގޮތުން، ޕީޕީއެމްގެ ހަރަކާތްތަކާއި ޕާޓީގެ އެންގުންތަކާއި އެދޭ ކަންކަމުގައި އެއްބާރުލުން ނުދެއްވުމާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަތުމާއި އެ ގްރޫޕްގެ ނިންމުންތަކާ އެއްގޮތަށް އަމަލު ނުކުރައްވާ މައްސަލަ ސުލޫކީ ކޮމެޓީއަށް ފާހަގަވެފައިވާ ކަމަށް ޕީޕީއެމްގެ ސިޓީގައިވެ އެވެ. އަދި ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވަމުންދާ ކަން ވެސް ސުލޫކީ ކޮމެޓީއަށް ފާހަގަ ވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ފަޒާދަށް ޕީޕީއެމުން އިއްޔެ ދިނަސް، އެ ފުރުސަތުގެ ބޭނުން އޭނާ ނުހިއްޕަވަ ނުވެ އެވެ. އޭގެ ބަދަލުގައި، ފަޒާދު ރޭ ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. ހޯރަފުށީގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ.

ފަޒާދަކީ ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ދެވަނަ މެމްބަރެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް މިދިޔަ އަހަރު ޕީޕީއެމުން ވަކިވުމާ އެކު އޭނާގެ ގޮނޑި ގެެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގެ މެމްބަރުންގެ ތެރެއިން މިހާރު ޕީޕީއެމްގައި ހުންނެވީ އެ ރަށު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެކަންޏެވެ.