Roadha Mihaaru
ފަޒާދު ޕީޕީއެމުން ވަކިކުރި މައްސަލަ އީސީން ބަލަނީ

ފަޒާދު ޕީޕީއެމުން ވަކިކުރި މައްސަލަ އީސީން އަލުން ބަލަނީ

23 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކި ކުރި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކި ކުރި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އަމަލުތައް ގޯސް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ފަޒާދަކީ ޕީޕީއެމްގެ ޓިކެޓްގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. އެ ޕާޓީގެ ސުލޫކީ ކޮމިޓީން އޭނާ ޕާޓީން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 6 ގަ އެވެ.

އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވައި، ފަޒާދު ޕީޕީއެމްގެ ދަފްތަރުން އުނިކޮށް، އޭނާގެ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ކަނޑައެޅި އެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ސޮއިކުރައްވައި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން ފަޒާދު އުނިކުރަން ނިންމާފައި ވަނީ އެ ޕާޓީން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަނުކޮށް ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ފަޒާދު ކޮމިޝަނަށް ސިޓީ ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެހެންވެ، ފަޒާދު ޕީޕީއެމުން ވަކި ކުރި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ސިޓީގައިވެ އެވެ.

މީގެއިތުރުން، ފަޒާދުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި މަޖިލީހަށް ފޮނުވި ސިޓީގައި ކޮމިޝަންގެ 446 ވަނަ ޖަލްސާގައި ބާތިލްކޮށްފައިވާ ކަމަށް ވެސް ޝަރީފްގެ ސިޓީގައިވެ އެވެ.

ފަޒާދަކީ ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ދެވަނަ މެމްބަރެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް މިދިޔަ އަހަރު ޕީޕީއެމުން ވަކިވުމާ އެކު އޭނާގެ ގޮނޑި ގެެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގެ މެމްބަރުންގެ ތެރެއިން މިހާރު ޕީޕީއެމްގައި ހުންނެވީ އެ ރަށު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެކަންޏެވެ.