Roadha Mihaaru
2008ގެ ކާމިޔާބީ ތަކުރާރު ކުރެވިދާނެ: އައްސަދު

2008ގެ ކާމިޔާބީ ތަކުރާރު ކުރެވިދާނެ: އައްސަދު

07 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މި ފަހަރު ވާދަކުރާ ޓީމަށް 2008 ވަނަ އަހަރު ރާއްޖޭން މުބާރާތުގެ ތަށި ހޯދި ހޯދުން ތަކުރާރުކުރެވިދާނެ ކަމަށް އޭރުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މި ފަހަރު ވާދަކުރާ ޓީމަށް 2008 ވަނަ އަހަރު ރާއްޖޭން މުބާރާތުގެ ތަށި ހޯދި ހޯދުން ތަކުރާރުކުރެވިދާނެ ކަމަށް އޭރުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުނެފި އެވެ.

މީގެ 10 އަހަރު ކުރިން ރާއްޖޭން މޮޅު ކުޅުމެއް ދައްކައި އައްސަދުގެ ކެޕްޓަންކަމުގައި ތަށި ހޯދިއިރު އޮތީ ރަން ޖީލެއް ކަމަށް ގިނަ ބަޔަކު އެއްވަސްވެ އެވެ. އޭގެ ފަހުން ރާއްޖެ އަށް މުބާރާތުގެ ފައިނަލުގައި ކުޅެވުނީ އެންމެ ފަހަރަކު އެވެ. ދެން ކުޅުނު ތިން ފަހަރު ކެޓީ ސެމީ ފައިނަލުންނެވެ.

މި ފަހަރުގެ މުބާރާތް އައްސަދު އަށް ހާއްސަވާ އެއް ސަަަބަބަކީ އޭނާގެ އެއްބަޑު އެއްބަފާ ކޮއްކޮ އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމެވެ.

"ކޮންމެ މީހަކު ކެޕްޓަންކަމުގައި ހުރި ކަމުގައި ވިޔަސް. އެ ޓީމެއްގައި ތިބި ކޮންމެ ކުޅުންތެރިއެއްގެ ވެސް އުއްމީދުތަކެއް ހުންނާނެ. އަދި ކެޕްޓަނަކަށްވީމަ މުބާރާތެއް ކާމިޔާބުކޮށް ތަށި އުފުލާލުމުގެ އެ ހިޔާލު ކުރާނެ. އެއީ ހަމަ ކޮންމެ މީހަކަށް ވެސް ވާނެ ކަމެއް. ވަރަށް އުފާވޭ ކޮއްކޮ މިއަދު ބޭންޑް އަޅައިގެން ރާއްޖޭގެ ކެޕްޓަނަކަށް ހުރީމަ. ފުޓްބޯޅަ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަދި އެ ބޭންޑް އަޅައިގެން ގިނަ ދުވަހު ކުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އެދެން ކާމިޔާބީ އަށް،" މުބާރާތް ބެލުމަށް ބަންގްލަދޭޝްގައި ހުރެ އައްސަދު ބުންޏެވެ.

މި އަހަރުގެ ސާފްގައި ރާއްޖޭން ކުޅެނީ ނިސްބަތުން ޒުވާން ޓީމެކެވެ. އަދި މި ޓީމުގައި ސީނިއާ ގައުމީ ޓީމުގެ މުބާރާތެއްގެ ތަޖުރިބާ މަދު ކުޅުންތެރިން ވެސް ގިނަ އެވެ. އެ ހުރިހާ ކަމެއް އެހެން އޮތަސް އައްސަދުގެ ނަޒަރުގައި އެންމެ މުހިއްމީ އެ އޮންނަ އިތުބާރެވެ. އަދި އެކުގައި ކުރާ މަސައްކަތެވެ.

"ޓީމަށް އެންމެ މުހިއްމުވާނީ އެކުވެރިކަން. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އޮންނަ ގާތްކަން. އެ އިހުތިރާމް އޮވެގެން ޓީމެއް ޓީމެއްގެ ގޮތުގައި ނުކުމެވޭނީ. މުބާރާތުގައި އެންމެ މުހިއްމުވާނީ އެ ކަންތައް. އެ ބޭނުންވާ ހިސާބަށް ތަށްޓާ ހިސާބަށް ދިއުމަށް ހުރިހާ ކުޅުންތެރިން ވިސްނާ ވިސްނުން. ޓީމު ތެރޭގައި އެ އޮންނަ ގުޅުން ދެމެހެއްޓުން،" އައްސަދު ބުންޏެވެ.

އޭނާ ބުނީ 2008 ވަަނަ އަހަރުގެ ޓީމުގައި ވެސް ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ހުނަރުވެރި ތަފާތު މޮޅު ކުޅުންތެރިން ގިނަ ކަމަށާއި އެކަމަކު ކާމިޔާބު ހޯދުނީ އިންޑިވިޖުއަލީ އަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށެވެ. އަދި މި ފަހަރުގެ ޓީމަށް ވެސް އޮތީ އެ ގޮތަށް ވިސްނުން ކަމަށަ ބުންޏެވެ.

"މިހާރު މި އޮތީ ވެސް ތަށި ހޯދޭނެ ވަރުގެ ޓީމެއް. އަޅުގަނޑުމެން 2008 ވަނަ އަަހަރު ތަށި ހޯދިއިރުގައި އޮތް ފެންވަރުގެ ޓީމެއް މިހާރު ވެސް އޮތީ. އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަލައިފިއްޔާ ވަރަށް ތަފާތު މޮޅެތި ކުޅުންތެރިން އެބަތިބި. މުހިއްމީ ޓީމު އިންޑިވިޖުއަލްކޮށް ފެނިގެންދިއުމެއް ނޫން. ޓީމެއްގެ ސިފައިގައި ފެނުނީމަ އެ ސްޓްރެންތު މި އަންނަނީ. ކާމިޔާބީއެއް ހޯދުމުގެ އެންމެ މުހިއްމު ބައި މި އަންނަނީ ޓީމެއް ސިފައިގައި ދަނޑު މައްޗަށް ނުކުތުން،" އައްސަދު ބުންޏެވެ.

ސާފްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. މީގެ ކުރިން ލަންކާ އަތުން މޮޅުވުމަކީ ރާއްޖެ އަށް އުނދަގޫ ކަމެކެވެ. އެކަމަކު ފަހަކަށް އައިސް ލަންކާ ފުޓްބޯޅައިގެ ފެންވަރު ވެއްޓުނުއިރު، އޭރު ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކުން ލަންކާ ބަލިކޮށްފަ އެވެ.

އައްސަދު ބުނީ ލަންކާއާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އަށް މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތަސް ކަންފަސޭހަ ކޮށްލައިގެން ނުވާނެ ކަމަށެވެ.

އައްސަދު (ވ) އޭނާގެ ކޮއްކޮ އަކުރަމްއާ ސަލާމްކުރަނީ. -- ފޮޓޯ: އެފްއޭއެމް

އައްސަދު (ވ) އޭނާގެ ކޮއްކޮ އަކުރަމްއާ ސަލާމްކުރަނީ. -- ފޮޓޯ: އެފްއޭއެމް

"ދުވަސްތަކެއް ދިޔަ މީގެ ކުރިން އަޅުގަނޑުމެން ލަންކާއާ ދެކޮޅަށް ނުކުންނައިރު ޔަގީންކަން ނޯންނަ ދުވަސްކޮޅެއް. އެހެން ނަމަވެސް ފަހަކަށް އައިސް ލަންކާއާ އެކު ރާއްޖޭގެ ފުޓްބޯޅަ ޓީމު ކުޅެން ނުކުންނައިރު ވަރަށް ބޮޑު ޔަގީންކަމެއް އޮވޭ އެ މެޗުން ކާމިޔާބުވެގެން ކަމަށް ދަނޑުން ފައިބައިގެން އަންނާނީ. މި ގޮތަށް މިހާރު ވެސް އަޅުގަނޑު ބުނާނީ މި އޮތް ޓީމަށް ވެސް އެ ޔަގީންކަން އޮންނާނެ. އެކަމަކު ދަނޑުމަތީގައި އެ ދުވަހަކު އެ ކުރާ ހިތްވަރު އެ ކުރާ މަސައްކަތް ނަތީޖާ ހަމަ އަށް ބުރަވެވެން މި އަންނަނީ. އެހެންވީމަ އެ ވިސްނުމުގައި ނުކުމެފިއްޔާ މި މެޗުގައި ވެސް ވާނެ،" އޭނާ ބުންޏެވެ.

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ތަށި އުފުލާލި ފަހުން ދެން ކުޅުނު ހަތަރު ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ކެޓީ އިންޑިއާ އަތުންނެވެ. ފުރަތަމަ 2009 ވަނަ އަހަރުގެ ފައިނަލުން ބަލިވިއިރު، 2011، 2013 އަދި 2015 ވަނަ އަހަރު ސެމީ ފައިނަލްގަ އެވެ. އޭގެ ތެރެއިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވިއިރު އެ ފަހަރު ކުޅުނީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމެވެ. މި ފަހަރުގެ މުބާރާތަށް ވެސް އިންޑިއާ އިން ފޮނުވީ 23 އަހަރުން ދަށުގެ ޓީމެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހު އެވެ. އައްސަދު ބުނީ މި ފަހަރުގެ މުބާރާތުގެ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ރާއްޖެ އަށް ނަތީޖާ ނެރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އިންޑިއާ ފެނުނީ ލަންކާ އަށް ވުރެން ރަނގަޅުކޮށް. އަޅުގަނޑުމެންނަށް ވާދަނުކުރެވޭވަރުގެ ޓީމެއް ނޫން އެއީ. ރާއްޖޭގައި މިހާރު މި އޮތް ސްކޮޑަށް ވާދަނުކުރެވޭވަރުގެ ޓީމެއް މި މުބާރާތުން އަޅުގަނޑު ނުދެކެން. ހުރިހާ މެޗުތަކެއް އެއްކޮށް ނުބެލުނު ނަމަވެސް ހުރިހާ ޓީމެއްގެ ކުޅުން ފެނިއްޖެ،" އައްސަދު ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ކާމިޔާބީގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ބަޔަކީ ސަޕޯޓަރުންނެވެ. އައްސަދު ބުނީ 2008 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރެވޭނެ ބަޔަކީ ސަޕޯޓަރުން ކަމަށެވެ.

"ކާމިޔާބީ އަކަށްދާއިރު އެންމެ މުހިއްމު އެއްޗަކީ ރާއްޖޭގެ ސަޕޯޓަރުން. އޭރު ލިބުނު ވަރުގެ ސަޕޯޓެއް މި ފަހަރު ވެސް ލިބިގެންދިއުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދުމެއް. މި ޓީމުގައި ވެސް މި ތިބީ ދިވެހި ދަރިންތަކެއް. އެ ކުދިންނަށް ވެސް އެ ސަޕޯޓް އެބަބޭނުންވޭ. ރާއްޖޭގެ ރައްޔިތުންގެ ހެޔޮ ދުއާ އެބަބޭނުންވޭ. ވަރަށް ބޮޑަށް އެދެން ސަޕޯޓަރުން މި ޓީމާ ދޭތެރޭ އެ އުއްމީދު ބޭއްވުމަށް. އަދި ސަޕޯޓް ކޮށްދިނުމަށް،" އައްސަދު ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ލަންކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.