Roadha Mihaaru
ގައުމީ ޓީމު ގައުމީ ރޫހުން ކައްކުވާލި އެއްގަޑިއިރު

ގައުމީ ޓީމު ގައުމީ ރޫހުން ކައްކުވާލި ވަގުތުކޮޅު

09 ސެޕްޓެމްބަރ 2021

އޮލިމްޕިކް ކޮލިފައިންގައި 1991 ގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން، ބައެއް ކުޅުންތެރިން ސީނިއާ ޓީމަށް ގެންދަން އޭރުގެ ގައުމީ ކޯޗު ހަންގޭރީގެ މިކޮލަސް ޓެމިސްވާރީ ބޭނުންވި އެވެ. ސީނިއާ ޓީމަށް ގެންދަން އޭނާ ބޭނުންވި އެއް ކުޅުންތެރިޔަކީ ޝާހު އިސްމާއިލް (ސާޔާ) އެވެ. އަކަމަކު މިކޮލަސް ނިންމީ ވާތު ބެކުގެ ރޯލަށް ޝާހު ކުޅުވުމަށެވެ. ޝާހަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ދެފައިން އެއްވަރަށް ކުޅުނު މަދު ސްޓްރައިކަރުންގެ ތެރޭގައި ޝާހު ހިމެނުނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކް ކޮލިފައިންގައި 1991 ގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން، ބައެއް ކުޅުންތެރިން ސީނިއާ ޓީމަށް ގެންދަން އޭރުގެ ގައުމީ ކޯޗު ހަންގޭރީގެ މިކޮލަސް ޓެމިސްވާރީ ބޭނުންވި އެވެ. ސީނިއާ ޓީމަށް ގެންދަން އޭނާ ބޭނުންވި އެއް ކުޅުންތެރިޔަކީ ޝާހު އިސްމާއިލް (ސާޔާ) އެވެ. އަކަމަކު މިކޮލަސް ނިންމީ ވާތު ބެކުގެ ރޯލަށް ޝާހު ކުޅުވުމަށެވެ. ޝާހަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ދެފައިން އެއްވަރަށް ކުޅުނު މަދު ސްޓްރައިކަރުންގެ ތެރޭގައި ޝާހު ހިމެނުނެވެ.

ވާތު ބެކަށް ކުޅެން ދާކަށް ޝާހު ބޭނުމެއް ނުވި އެވެ. އޭނާ އަށް އެންމެ މޮޅަށް ކުޅެވެނީ ވެސް ފޯވަޑަކަށެވެ. ޑިފެންސަށް ކުޅެން ޖެހޭތީ ބޮޑާހާކާފައި ސީނިއާ ޓީމަށް ނުގޮސް ސާޔާ ހުރީ މާލޭގަ އެވެ. ޓީމު ތައްޔާރުވަމުން ދިޔައީ އެ އަހަރު ލަންކާގާއި ބާއްވި ސާފް ގޭމްސް އަށެވެ. ފުޓުބޯޅަ އިވެންޓުގެ ފައިނަލަށް ރާއްޖެ ދަތުރު ކުރުމަކީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ފުޓުބޯޅަ އިވެންޓުގައި ރާއްޖެ އަށް އަދިވެސް ލިބިފައި އޮތް އެންމެ ބޮޑު ކާމިޔާބެ އެވެ. ސަރަހައްދީ ގޭމްސްގެ ފުޓްބޯޅައިގެ ފައިނަލަށް ރާއްޖެ ދަތުރުކުރުމަކީ އޭރު ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ފައިނަލަށް ދަތުރު ކުރި ޓީމުގެ ހުރިހާ މެންބަރުންނަށް ގައުމީ ބަތަލުންގެ ދަރަޖަދީ މުޅި ޓީމަށް ރަން މަރުހަބާއެއް ކިޔެވެ.

ގައުމީ ޓީމަށް ނުދެވުމުގެ ހިތްދަތިކަން ސާޔާ ވަށައިލީ ޓީމު ފައިނަލަށް ގޮސް އެހާތަނަށް ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބު ފެނުމުންނެވެ. ފުޓްބޯޅައިގެ ބަތަލުންނަށް މުޅި މާލެ މަރުހަބާ ކިޔަން ނުކުތްއިރު ސާޔާ ހުރީ ބާކީވެފަ އެވެ. އެ ހުރިހާ މަންޒަރެއް ޓީވީ ބަލަން އޭނާ އޮތީ ގޭގަ އެވެ. އޭނާ އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ އެވެ. ގައުމީ ޓީމުގެ ފުރުސަތު ބޭނުން ނުކުރެވުމުގެ މައްޗަށް އިންތިހާ އަށް ދެރަވި އެވެ. ގައުމީ ޓީމުގެ ކޮންމެ މަގާމަކަށް ކުޅެން ފުރުސަތު ލިބުނަސް އެ ފުރުސަތުގެ ބޭނުން ހިފަން އޭނާ އަޒުމު ކަނޑައެޅީ އެ ދުވަހު އެވެ.

ސާޔާ ބޯޅަ ބޮލުން ކޮންޓްރޯލް ކުރަނީ

ސާޔާ ބޯޅަ ބޮލުން ކޮންޓްރޯލް ކުރަނީ

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ، ދިވެހި ޓީމަށް ހާއްސަކޮށްގެން އިއްޔެ ބޭއްވި މެންދުރު ކެއުމަށް ފަހު ސާޔާ ދެއްކީ އެ ވާހަކަތަކެވެ. އޭނާގެ ވާހަކަ އަޑުއަހަން ހޮޓެލް ޖެންގެ ބޯލް ރޫމުގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިން ފެންކަޅި ކޮށްލި އެވެ.

"ސީނިއާ ކުޅުންތެރިންނަށް ވެސް އަދި ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިންމު ވާހަކައެއް ޝާހް ދެއްކީ ވަރަށް އިންސްޕަޔާވި،" ގައުމީ ކީޕަރު މުހައްމަދު ފައިސަލް ބުންޏެވެ.

ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ކުރި ސެޝަންގައި ދެން ވާހަކަ ދެއްކީ ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ޓީމުގެ މެންބަރު ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) އާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް އައްސަދު ވާހަކަ ދައްކަނީ

ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް އައްސަދު ވާހަކަ ދައްކަނީ

ކުރީގެ ފުޓްބޯޅަ ދެ ލެޖެންޑުންނަށް ވުރެ ގައުމީ ޓީމުގެ މި ސެޝަން ކުޑަ ހުސައިން އަށް ހާއްސަ އެވެ. އަމިއްލަ ގައުމުގައި ފުރަތަމަ ފަހަރަށް ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިވެހި ގައުމީ ޓީމު ތައްޔާރުވިއިރު 2008 ގައި ވެސް ހުސައިން ވަނީ މި ކަހަލަ މޯޓިވޭޝަނަލް ސްޕީޗެއް އޭރުގެ ޓީމަށް ދީފަ އެވެ. އޭރު ހުސައިން ދެއްކި ވާހަކަ އަޑުއަހަން އައްސަދު ވެސް ކުޅުންތެރިއެއްގެ ގޮތުގައި އޯޑިއަންސްގައި އިނެވެ. މިއަދު އޭނާ ވެސް އެހުރީ ހުސައިންއާ އެއްސަފެއްގައި މިހާރުގެ ޖީލަށް އެ ހިތްވަރު ދޭށެވެ.

"ސާފް ޗެމްޕިއަންޝިޕް 2008 ގައި ކާމިޔާބުކުރި ފަހަރު ވެސް އޭރުގެ ޓީމަށް ވެސް މޯޓިވޭޝަނަލް ސްޕީޗެއް ދޭން އަހަރެން ދިޔައިން. އިންޝާ ﷲ މިފަހަރު ވެސް އަހަރެމެންނަށް ކާމިޔާބު ތަކުރާރު ކުރެވޭނެ،" ސޯޝަލް މީޑިއާގައި ހުސައިން ލިޔެފައިވެ އެވެ.

ޝާހުގެ ވާހަކަ އިން ހިތްވަރު ހޯދޭނެ އަނެއް ކަމަކީ ގައުމީ ޓީމާއި ކްލަބެވެ. ގައުމީ ޓީމަށް ކުޅެ ކާމިޔާބު ހޯދުމާއި ކްލަބަށް ކުޅެ ކާމިޔާބު ހޯދުމަކީ ހާސްބައި ތަފާތު ކަމެކެވެ. ގައުމީ ޖޯޒީ އާއި ފޯރީގައި އެ އަންނަ ޖޯޝް ހަމަ ޔަގީނުން ވެސް ކްލަބުގައި ނާންނާނެ އެވެ. ފުޓްބޯޅަ ސީޒަންގެ 1999 ގެ ރަން ބޫޓު ހޯދުމުން ރާއްޖޭގެ ލެޖެންޑްރީ ކޯޗު އަބްދުލް ޖަލީލް (އަބުޖީ)، ސާޔާއާ ދިމާލަށް ބުނި ވާހަކަ އެވެ.

ކުޑަ ހުސައިން ޓީމާ ވާހަކަ ދައްކަނީ

ކުޑަ ހުސައިން ޓީމާ ވާހަކަ ދައްކަނީ

ޖެހިޖެހިގެން ދެ ސީޒަންގައި ރަން ބޫޓް ހޯދުމުން ސާޔާ އަށް ލިބުނު އުފާ ވަރަށް ބޮޑުވި އެވެ. އެކަމަކު އަބުޖީ އަށް އެއީ އެއްވެސް އެޗަކަށް ނުވި އެވެ.

"ކަލޭ އެކަން ކޮށްފިއްޔާ ކަލޭގެ ފައިގައި ބޮސްދޭން ދާނަމޭ" އަބްޖީ ސާޔާއާ ދިމާލަށް ބުނި ބުނުމުގެ ހަނދާ އޭނާ އާ ކުރީ އިއްޔެ ގައުމީ ޓީމާ ބައްދަލުކޮށް ދެއްކި ވާހަކައިގަ އެވެ. ސާޔާ އަށް އެންމެ ފުރަތަމަ އެކަން ވިސްނުނީ އަބްޖީ އަށް އެކަން ކަމުނުދިޔައީ އަބްޖީގެ ޓީމަށް އޭނާ ނުކުޅޭތީ ކަމަށެވެ.

ހަގީގަތުގައި އަބުޖީ ބުނީ ގައުމީ ޓީމަށް ލަނޑު ޖަހައިފިއްޔާ ޝާހުގެ ފައިގައި ބޮސްދޭން ދާނެ ވާހަކަ އެވެ. ކްލަބަށް ކިތަންމެ ވަރަކަށް ލަނޑުޖަހައިގެން ބޮޑު އިނާމެއް ހޯދިޔަސް ގައުމީ ޓީމަށް ލަނޑު ޖަހައިގެން ކުރެވޭ އިހްސާސާ މާބޮޑުކަން ސާޔާ އަށް ވިސްނައިދޭން އަބްޖީ މަސައްކަތް ކުރީ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކަށް މާދަމާ ރޭ ގައުމީ ޓީމު ގަތަރަށް ފުރާނެ އެވެ. އޭގެ ކުރިން ކުޅުންތެރިންނަށް ހާއްސަކޮށް ބޭއްވި އިވެންޓުގައި ގައުމީ ޖޯޝުން ކުޅުންތެރިން ކައްކުވައިލި އެވެ. ގަތަރުގެ ޓްރޭނިން ކޭމްޕަށް ފަހު މާލެ އަންނާނީ މި މަހު 28 ވަނަ ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕް ފަށާނީ އޮކްޓޯބަރު 1 ގަ އެވެ. އަމިއްލަ ގައުމުގައި މުބާރާތް ބާއްވާތީ ރާއްޖެ އަށް އެތައް ގޮތަކުން ހާއްސަ އެވެ. އަދި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެގެންދާނީ ސައްތައިން ސައްތަ ދިވެހި ކޯޗިން ޓީމަކާ އެކު ސާފް ޗެމްޕިއަންޝިޕާ ދިވެހިން ކުރިމަތިލާނެ ފަހަރަށެވެ.