Roadha Mihaaru
100 ވަނަ ރަށުން އިބޫއަށް ޕެރޭޑެއް!

100 ވަނަ ރަށުން އިބޫއަށް ޕެރޭޑެއް!

07 ސެޕްޓެމްބަރ 2018

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިންގެ 100 ވަނަ ރަށް ކަމުގައިވާ ހއ. ބާރަށަށް ވަޑައިގަތުމުން ޕެރޭޑާ އެކު ހޫނު މަރުހަބާއެއް މިއަދު ދައްނަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިންގެ 100 ވަނަ ރަށް ކަމުގައިވާ ހއ. ބާރަށަށް ވަޑައިގަތުމުން ޕެރޭޑާ އެކު ހޫނު މަރުހަބާއެއް މިއަދު ދައްނަވައިފި އެވެ.

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ރަށަށް ހެނދުނު އިބޫ ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު މަރުހަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސް އަދި މި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒެވެ.

އިބޫއާ ސަލާމް ކުރެއްވުމަށް ހަދާފައިވާ ކިޔޫ ނިމުނު ހިސާބުގައި މި ރަށު ފިރިހެނުންތަކެއް ތިބީ ޕެރޭޑަށް ތައްޔާރުވެ އެވެ. ހުދު ގަމީހާއި ކަޅު ފަޓުލޫނުގައި ތިބި މީހުންގެ ތެރެއިން އެއް ބައެއްގެ އަތުގައި ލަކުޑިން ހަދާފައި ހުރި ބަޑިތަކެއް ހުއްޓެވެ. ދެން ތިބީ ސަންގާއި ޕެރޭޑް ޖަހާ ބެރު ހިފައިގެން ތިބި ބަޔެކެވެ. އެ މީހުން ހަރަކާތް ކުރަމުން ދިޔައީ ކޮމާންޑަރެއްގެ ގޮތުގައި ހުރި މީހާގެ ގޮވާލުންތަކަށެވެ.

އިބޫ ބާރަށަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

އިބޫ ބާރަށަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

ރަށު ބަނދަރުން އިބޫ މި ރަށު ހަރުގެއަށް ވަޑައިގަތީ ޕެރޭޑްގެ ފަހަތުންނެވެ. އަދި އިބޫގެ ފަހަތުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އައެވެ.

މިރަށު އެމްޑީޕީ ހަރުގޭގައި ރަށު ރައްޔިތުންނާ މުހާތަބް ކުރައްވައި އިބޫ ވިދާޅުވީ މިފަހަރުގެ ކެމްޕެއިންގައި 100 ވަނަ ރަށެއްގެ ގޮތުގައި ވަޑައިގަތް ބާރަށުން ދެންނެވި ހޫނު މަރުހަބާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އޭނާގެ ރަނިން މޭޓް ފައިސަލް ނަސީމް 76 ރަށަށް ވަޑައިގެންފައިވާއިރު މިހާރު ރާއްޖޭގައި ނުދެވި ވަނީ އެންމެ 11 ރަށަށް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ ރަށްތަކަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އުތީމް ތިންބެއިން ރާއްޖެ މިނިވަން ކުރެއްވުމަށް ދަތުރު ކުރެއްވި ކަޅުއޮށްފުންމި ބަނދެފައި ވަނީ މި ރަށުގައި ކަން ފާހަގަ ކުރައްވައި އިބޫ ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ތަރިކަ ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެކަމަށް ހާއްސަކޮށް ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވިދާޅުވި އެވެ.

މުހައްމަދު އަމީންގެ ވެރިކަމުގައި ހިނގި އުތުރުގަޑުބަޑުގައި ސަރުކާރާ ހިތްހަމަ ނުޖެހިގެން މާލެ ގެންދިޔަ މީހުންގެ ތެރޭގައި މި ރަށުގެ ކުރީގެ ބޮޑުކަތީބު ހިމެނެ އެވެ. އޭގެ އަދަބެއްގެ ގޮތުން އޭނާ އަށާއި އުތުރުގެ އެކި ރަށްތަކަށް ނިސްބަތްވާ އެތައް ބަޔަކަށް އަނިޔާތައް އޭރުގެ ސަރުކާރުން ދިނެވެ. މި ރަށުގައި އެމްޑީޕީ ޖަގަހަ ހަދާފައިވަނީ އެ ހަރަކާތުގައި ބައިވެރިވި މި ރަށު ކަތީބުގެ ގޯތީގަ އެވެ. މީގެ އެތައް އަހަރެއް ކުރިން އޭނާ ވަނީ ނިޔާ ވެފަ އެވެ.

އިބޫ ބާރަށަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

އިބޫ ބާރަށަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވީ އެކަންކަން އަލުން އިޔާދަވާން ރައްޔިތުން ނޭދޭ ކަމަށެވެ. މި މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރާއްޖޭން އަނިޔާވެރިކަން ނިމުމަކަށް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާ ބޭނުން ވަނީ ރާއްޖެ ތަރައްގީ ކުރުމަށް ބާރުތައް ރައްޔިތުންނަށް ދޭން ކަމަށެވެ. އެގޮތުން ކޯލިޝަންގެ ވެރިކަމެއްގައި ކައުންސިލްތަކަށް ބާރުތައް ދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ރަށު ކަންކަން ނިންމާނީ މި ރަށު ކައުންސިލުން. ވެރިކަމުގެ ނިޒާމް ހިންގުމަށް ގެންނަ ބަދަލުތަކާ އެކު އެކަން ކަން ހަމަޖެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

މިއަދު ހެނދުނު އިބޫ ވަނީ މި އަތޮޅު ވަށަފަރަށް ވެސް ވަޑައިގެންފަ އެވެ. އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މިއަދުގެ ސަރުކާރަށް ތާއީދު ނުކުރާ ރައްޔިތުން މި ސަރުކާރުން ބާކީކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އެކަން ނިމުމަކަށް ގެނެސް ހުރިހާ ރައްޔިތުންނާ މެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހުރިހާ ރަށަކަށް އިބޫ ވަޑައިގެން ވެ ވަޑައިގަންނަވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނަރުދަމާ އާއި ފެނުގެ ނިޒާމް ވަށަފަރުގައި ވެސް ގާއިމް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ ރަށުގައި ޓޫރިޒަމް ފުޅާކުރަން މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.