Roadha Mihaaru
ބްރިޖް ހުޅުވުމާ އެކު އެތައް ސަތޭކަ ބަޔަކު ދަތުރުކޮށްފި

ބްރިޖް ހުޅުވާލުމާ އެކު އެތައް ސަތޭކަ ބަޔަކު ދަތުރުކޮށްފި

07 ސެޕްޓެމްބަރ 2018

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރަށް މިއަދު ހަވީރު 4:00 ޖެހިއިރު ހުޅުވާލުމާ އެކު އެތައް ސަތޭކަ ބަޔަކު ދަތުރުކޮށްފި އެވެ. ހުޅުމާލެ އަށް ދިއުމަށް ޓަކައި، މިއަދު ހަވީރުން ފެށިގެން މިހާރު ވެސް މާލޭ ރާޅުގަނޑު ސަރަހައްދުގައި ދިގު ކިޔޫއެއް އެބައޮތެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރަށް މިއަދު ހަވީރު 4:00 ޖެހިއިރު ހުޅުވާލުމާ އެކު އެތައް ސަތޭކަ ބަޔަކު ދަތުރުކޮށްފި އެވެ. ހުޅުމާލެ އަށް ދިއުމަށް ޓަކައި، މިއަދު ހަވީރުން ފެށިގެން މިހާރު ވެސް މާލޭ ރާޅުގަނޑު ސަރަހައްދުގައި ދިގު ކިޔޫއެއް އެބައޮތެވެ.

ސައިކަލާއި ޓެކްސީ އާއި ބަހުގައި މެދުނުކެނޑި އެތައް ބަޔަކު ދަތުރުކުރި އެވެ. ހަމައެކަނި ބްރިޖް ހުރަސްކޮށްލުމަށް ޓަކައި އެކަނި ވެސް ބައެއް މީހުން ވަނީ ބްރިޖުގައި ދުއްވާފަ އެވެ. އެކަމަކު ބްރިޖް ހުރަސްކޮށް ވަރަށް ގިނަ ބަޔަކު ހުޅުމާލެ އަށް ވެސް ދިޔަ އެވެ. އެހެންވެ، ހުޅުމާލޭގެ މައި މަގުތައް މިއަދު ހަވީރު އޮތީ، އެހެން ދުވަސްތަކާ ހިލާފަށް ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ.

އާންމު ދަތުރުފަތުރަށް ސިނަމާލެ ބްރިޖު ހުޅުވާލިއިރު އެ ދެމެދުގައި އެމްޕީއެލުން މިއަދު ވަނީ ބަހުގެ ހިދުމަތް ވެސް ފަށައިފަ އެވެ.

ބްރިޖުގައި ދުއްވުމަށް 70 މީހުންގެ ޖާގައިގެ ނުވަ ބަސް މިހާރު ގެނެސްފައިވާއިރު އިތުރު ބަސްތަކެއް ދެ ހަފުތާގެ ތެރޭގައި އަންނާނެ އެވެ.

ބްރިޖާ ގުޅިފައިވާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި އަލުން ހަދައި، ރޭ ވަނީ ހުޅުވައިފަ އެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައިވާ އިރު، އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފަ އެވެ.

ބްރިޖާއި ރިންގު ރޯޑުގެ ލޭންތަކުގައި ދުއްވާނެ ގޮތް:

- ބްރިޖާއި ރިންގު ރޯޑުގެ ވެސް އެންމެ ބޭރު ދެ ލޭން ހާއްސަކޮށްފައި ވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އިންޖީނު އުޅަނދަށް.

- ބްރިޖާއި ރިންގު ރޯޑުގެ މެދުގައިވާ ދެ ލޭން ޚާއްސަކޮށްފައި ވަނީ ބަސް ފިޔަވައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކަށް.

- ބްރިޖުގައި ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފައި ވަނީ ދެ ފަރާތުގައި ވާ ލޭން.

ބްރިޖުގެ ވެހިކަލްތައް ދުއްވާ ލޭންތަކުގައި ހިނގާފައި އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރުމިނުގައި ބްރިޖުގައި ދުއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެއާއެކު، ބްރިޖާއި ރިންގު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި ޕާކު ވެސް ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.