09 ސެޕްޓެމްބަރ 2018
އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-0 އިން ބަލިވެ، ސްރީ ލަންކާއާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ރާއްޖެ އެއްވަރުވުމުން ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ނެގި ގުރު ކާމިޔާބުވެ ރާއްޖެ ސެމީ އަށް ދަތުރުކޮށްފި އެވެ.
އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-0 އިން ބަލިވެ، ސްރީ ލަންކާއާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ރާއްޖެ އެއްވަރުވުމުން ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ނެގި ގުރު ކާމިޔާބުވެ ރާއްޖެ ސެމީ އަށް ދަތުރުކޮށްފި އެވެ.
ހަ ޕޮއިންޓާ އެކު އެއް ވަނަ ޓީމުގެ ގޮތުގައި އިންޑިއާ ސެމީ އަށް ގޮސްފައިވާއިރު، ރާއްޖެ އާއި ލަންކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ދެ ޓީމުން ގޯލެއް ޖަހާފައިނުވާއިރު ކޮޅަށް ވަދެފައިވަނީ ދެ ގޯލެވެ. އެހެންވެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅަން ގުރުނަގަން ޖެހުނީ އެވެ.
ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއް ވަނަ ނޭޕާލާ އެވެ. އިންޑިއާ ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދެ ވަނަ ޕާކިސްތާނާ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކެޓުމުގެ ލަދުވެތިކަމުން، ނަސީބުގެ އެހީގައި ރާއްޖެ ސަލާމަތްވި ނަމަވެސް މިރޭ އިންޑިއާއާ ދެކޮޅަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ރާއްޖެ ސެމީ އަށް މިދިޔައީ މެޗަކުން މޮޅުނުވެ ގޯލެއް ކާމިޔާބުނުކުރެވިފަ އެވެ. ރާއްޖޭން 2015 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތް ގޯލް، 2013 ގައި 18 ގޯލް ޖެހި އެވެ. އޭގެ ތެރެއިން ގިނަ ލަނޑުތައް ކާމިޔާބުކުރި ކުޅަދާނަ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް މި ފަހަރު ނުގެންދެ އެވެ.
ރާއްޖޭން މި މެޗަށް ނުކުތީ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ވެސް ބަދަލުކޮށްގެންނެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަދި އަލީ ފާސިރު (ސެންޓޭ)ގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނުނީ އަސަދުﷲ އަބްދުﷲ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަހުމަދު އިމާޒް (އާއްކޮ) އެވެ.
މިއީ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައި ފަހުން އަސަދުﷲ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ ފޭދޫ އިއްބެ އަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. އަދި ފޯމު ގެއްލުމުގެ ސަބަބުން މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ނުލިބިދިޔަ އާއްކޮ ވެސް މިދިޔަ ދެ އަހަރު ތެރޭގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ފުރަތަމަ މެޗެވެ.
މި މެޗަށް ނުކުތްއިރު ވެސް އިންޑިއާ އަށް ސެމީގެ ފުރުސަތު ލިބިފައި އޮތުމުން އެ ޓީމުން މި މެޗަށް ނުކުތީ ކުރިން މެޗު ނެރުނު ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ.
އިންޑިއާގެ ލަލިއަންޒުއާލާ (ވ) ހުއްޓުވަން ރާއްޖޭގެ މުޖޭ މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އިންޑިއާ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި އަސަދުﷲ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅައެއް އޭނާ އަށް ލިބުމުގެ ކުރިން އިންޑިއާގެ ކީޕަރު ވިޝާލް ކެއިތު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ނުވަ ވަނަ މިނިޓްގައި ރާއްޖެ އޭރިއާ ތެރެއިން ބޯޅަ ސަލާމަތްކުރަން މުހައްމަދު އާރިފް (ބަކާ) ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި އިންޑިއާ އިން ތަނަވަސްކުރި ފުރުސަތަކުން އޭރިއާ ތެރެއިން އެ ޓީމުގެ ނިކިލް ޗަންދްރަޝޭކަރު ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ 25 މިނިޓަށް ފަހު އިންޑިއާ އިން މެދުތެރެއިން ކުޅެން ފަށައި ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގުމެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ނިކިލް އެވެ. ހާފުގެ ތެރެއިން ނިކިލް ހިފައިގެންދިޔަ ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދިނުމަށް ފަހު އޭނާ އަލުން އެ ބޯޅަ ހޯދީ އޭރިއާ ތެރެއިންނެވެ. އޭނާ ވަނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިންޑިއާ އިން ލީޑުނަގައި ހަމަޖެހިލިއިރު އޭގެ ފަހުން ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކުރި އެވެ. އެހެން ނަމަވެސް ލިބޭ އެއްވެސް ފުރުސަތެއްގައި ދިޔައީ ރަނގަޅު އެޓޭކެއް ނުކުރެވި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 44 ވަނަ މިނިޓްގައި އިންޑިއާ އިން އެ ޓީމުގެ ކުރިއަށްކުޅޭ މަންވީރު ސިންގްގެ ގޯލުން ލީޑުފުޅާކުރުމެވެ. ރާއްޖޭގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ މަންވީރު މި ލަނޑު ޖެހީ ކީޕަރު ފައިސަލް ކައިރިން ނައްޓާފައި ގޮހެވެ.
ހާފު ނިމުމުގެ ކުރިން ރާއްޖޭގެ ފޭދޫ އިއްބެ ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ފޭދޫ އިއްބެ ޖެހި ބޯޅަ ދިޔައީ ތިރިތިރިން ބޭރަށެވެ.
ދެ ވަނަ ހާފަށް ރާއްޖޭން ނުކުތީ އާއްކޮގެ ބަދަލުގައި ހަމްޕު ކުޅެން އަރުވައިގެންނެވެ. އަދި އިންޑިއާ އިން ވަނީ ލަލިއަންޒުއާލާ ޗަންޓޭގެ ބަދަލުގައި ދަކްޝީނާ މުރުތީ އަރުވައިފަ އެވެ. މި ހާފުގައި ފުރަތަމަ ހަމަލާ ފޮނުވާލީ ހަމްޕު އެވެ. އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ރާއްޖޭން ވަނީ މެޗުގެ ފަހު 20 މިނިޓަށް ސެންޓޭ އާއި ދާދު ކުޅެން އަރުވައިފަ އެވެ. އަދި އިންޑިއާ އިން ވަނީ އެ ޓީމުގެ އެއް ވަނަ ފޯވާޑް ސުމީތު ޕާސީ ވެސް އަރުވައިފަ އެވެ.
މެޗުގެ 71 ވަނަ މިނިޓްގައި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ހާފުގެ މެދުތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ދާދު ޖެހި ބޯޅަ ވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އޭގެ ފަހުން ރާއްޖޭގެ ކުޅުންތެރިން ގިނަ ބޯޅަތަކެއް ކުރިއަށް ކުޅެގެން އެޓޭކް ކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އެގޮތުން 89 ވަނަ މިނިޓްގައި ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އިންޑިއާ ކީޕަރު ވިޝާލް ކެއިތު ވަނީ މަތަކޮށްފަ އެވެ.
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
ޗެތުރީގެ ދެލަނޑުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
2008 ގެ ފައިނަލް: އިންޑިއާ އަށް ހަޖަމު ނުވި ބަލި
ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް
ދިވެހިންނަށް 3،000 ޓިކެޓް، މީހަކަށް ދެ ޓިކެޓް
ވާދަވެރި ކޯޗުން ބުނަނީ ރާއްޖޭގެ ގޭމް ވަރުގަދަ ކަމަށް
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!