Roadha Mihaaru
ހުޅުމާލެ ފެރީ ތާވަލު ބަދަލު ކުރާނީ މަހެއް ފަހުން

ހުޅުމާލެ ފެރީ ތާވަލު ބަދަލު ކުރާނީ މަހެއް ފަހުން: އެމްޓީސީސީ

10 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވައިލުމުން ފެރީގައި ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވިޔަސް، ފެރީ ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނާނީ އަދި މަހެއްހާ ދުވަހު ބެލުމަށް ފަހު ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވައިލުމުން ފެރީގައި ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވިޔަސް، ފެރީ ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނާނީ އަދި މަހެއްހާ ދުވަހު ބެލުމަށް ފަހު ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފެރީ ތާލަށް ބަދަލު ގެންނަން އަދި އަވަސް ކަމަށެވެ.

"ދެތިން ދުވަހުން ނޭނގޭނެ ޑިމާންޑަށް އަންނަ ބަދަލެއް. މިހާރު ހިލޭ ދަތުރުކުރެވުނު ނަމަވެސް ފީ ނަގަން ފެށުމުން ވެސް ބަދަލު އަންނާނެ. އެހެންވީމަ މި ވަގުތު ފެރީގައި ދަތުރުކުރާ މީހުން މަދު ނަމަވެސް ތާވަލަށް ބަދަލެއް ނުގެންނަން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ އިތުރުން އެއާޕޯޓު އެކްސްޕްރެސް އާއި ހުޅުމާލެ އަށް މުދާ އުފުލާ ފެރީގެ ހިދުމަތް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

"އެއާޕޯޓު އެކްސްޕްރެސްގެ ޑިމާންޑަށް އެއްވެސް ބަދަލެއް ނާދޭ. މުދާ ފެރީން ވެސް މުދާ ގެންދިއުމަކަށް މި ވަގުތު މާ ބޮޑު ބަދަލެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ބްރިޖް ހުރަސްކޮށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލި ފަހުން މާލެ އާއި ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލް ފެންނަނީ ވަރަށް ފަޅުކޮށެވެ.