Roadha Mihaaru
އިތުރު ދެ އޭސީ ފެރީ މިމަހު ބޭނުންކުރަން ފަށަނީ

އެމްޓީސީސީން އިތުރު ދެ އޭސީ ފެރީ މިމަހު ބޭނުންކުރަން ފަށަނީ

14 ޑިސެމްބަރ 2017

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ރ. އިނގުރައިދޫގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި، ތިން އޭސީ ފެރީގެ ތެރެއިން ދެ ފެރީ މި މަހު ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ރ. އިނގުރައިދޫގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި، ތިން އޭސީ ފެރީގެ ތެރެއިން ދެ ފެރީ މި މަހު ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ހުޅުމާލޭގެ ފެރީގެ ހިދުމަތަށް ގެންނަ ތިން އޭސީ ފެރީއަކީ މެރިން ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ބަންނަ ތިން ފެރީ އެވެ. މިއަހަރު އޮތް އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީއީއޯ ވިދާޅުވެފައި ވަނީ އެ ފެރީތައް ކަނޑައެޅިފައިވާ މުއްދަތަށް ހަވާލުކޮށްފައި ނުވާތީ އެގްރިމަންޓްގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މެރިން ޑިޒައިން އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އެ ފެރީތައް ހަވާލުކުރަން ޖެހެ އެވެ. ފެރީތައް ބަންނަން ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ. ފެރީތަކަށް އިންޖީނު ސަޕްލައިކޮށްދެނީ އެމްޓީސީސީންނެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވީ ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާއިރު ފެރީގެ ހިދުމަތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިނގުރައިދޫގައި ބަންނަ ތިން ފެރީގެ ތެރެއިން ދެ ފެރީ މިމަހު މާލެ ގެނެސް ދަތުރުތަކުގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިނގުރައިދޫގައި ބަންނަ ތިން ފެރީގެ ތެރެއިން ފުރަތަމަ ފެރީ އަންނަ ހަފުތާގައި މާލެ އަންނާނެ. އަދި ދެވަނަ ފެރީ ދެ ހަފުތާ ފަހުން ގެނެވޭނެ. ޖުމްލަ ތިން ފެރީ ގެނައުމަށްފަހު ދަތުރުތައް އަވަސްކުރެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނގުރައިދޫގައި ބަންނަ ތިން ފެރީ މާލެ ގެނައުމަށްފަހު މިހާރު 30 މިނެޓުން އޮންނަ "ޕްރީމިއަމް ލިންކް"ގެ ދަތުރުތައް 15 މިނެޓަށް އަވަސްކުރަން ނިންމާފައިވާ ކަމަށެވެ. އަލަށް ގެންނަ ކޮންމެ ފެރީއަކީ 100 މީހުންގެ ޖާގައިގެ ފެރީ ދޯނިތަކެއް ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

"އަލަށް ގެންނަ ތިން ފެރީއާއެކު ހުޅުމާލެ ފެރީ ހިދުމަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެ. އަދި މިހާރު ބާރުބޮޑު ގަޑިތަކުގައި ދިމާވާ ދަތިތަކަށް ވެސް ހައްލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވުމުން ފެރީގެ ހިދުމަތަށް ބާރުބޮޑުވާނެތީ ޓާމިނަލަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ބަދަލުތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ހުޅުމާލޭގައި ސަރުކާރުން އަލަށް އެޅި 661 ފްލެޓަށް މާދަމާ މީހުން ބަދަލުވާން ފަށާ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް ބައެއް ކަންތައްތައް ހަމަނުޖެހިގެން ފްލެޓްތަކަށް މީހުން ބަދަލުވުން ލަސްވެފައިވާ ކަމަށްވެ އެވެ.

ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ދޫކުރި މި ފްލެޓްތަކުގައި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މީހުންނަށް ދިރިއުޅެވޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ކުރިން ވެސް ދީފަ އެވެ.