Roadha Mihaaru
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ

ހުޅުލޭގެ އާ ރަންވޭއަށް ޖެއްސި އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ

11 ސެޕްޓެމްބަރ 2018

ހުޅުލޭގެ އާ ރަންވޭ އަށް މިދިޔަ ހުކުރު ދުވަހު އޮޅިގެން ޖެއްސި ކަމަށް ބުނާ އެއާ އިންޑިއާގެ މަތިންދާބޯޓަށް އަދިވެސް ފުރުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދޭކަން އެނގިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުލޭގެ އާ ރަންވޭ އަށް މިދިޔަ ހުކުރު ދުވަހު އޮޅިގެން ޖެއްސި ކަމަށް ބުނާ އެއާ އިންޑިއާގެ މަތިންދާބޯޓަށް އަދިވެސް ފުރުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދޭކަން އެނގިއްޖެ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމުން 136 ފަސިންޖަރުންނާ އެކު ރާއްޖެ އައި އެއާ އިންޑިއާގެ އެއާބަސް އޭ 320 ނިއޯ މަރުކާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ޖެއްސީ އޮޅިގެން ކަމަށް ބުނެފައިވެ އެވެ. އަދި ބޭނުން ކުރަން ނުފަށައި އޮތް އާ ރަންވޭ އަށް އެ މަތިންދާބޯޓު ޖެއްސި އެ މައްސަލައިގައި ބޯޓު ދުއްވި ޕައިލެޓުން ސަސްޕެންޑްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖޭގެ ސިވިއޭވިއޭޝަން އޮތޯރިޓީގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން، މަތިންދާބޯޓު ދުއްވަން ތިބި ޕައިލެޓުން ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި އެއާ އިންޑިއާ އިން ވަނީ އެ ބޯޓުގައި އެ ވަގުތު ތިބި ދެ ޕައިލެޓުން ސަސްޕެންޑްކޮށް، ފްލައިން ޑިއުޓީސްތަކުން ވަނީ އުނިކޮށްފަ އެވެ.

ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ ހަމަތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، އެ ތަހުގީގަށް ފަހު ދައުވާކުރަން ޖެހޭ ބަޔަކު ވާ ނަމަ އެކަމާ ގުޅޭ މުއައްސަސާއަކަށް ހުށަހަޅައިގެން، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

އާ ރަންވޭގައި ޖެއްސުމުން އެ ބޯޓުގެ ދެ ފުރޮޅު ފެޅި، ބޯޓުގެ ދުވެލި ހުއްޓުވާ ނިޒާމަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ. އެހެންވެ އާ ރަންވޭ އިން އެ ބޯޓު އޭޕްރަންއަށް ގެންދިޔައީ ޓޯ ކޮށްގެން ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.

އެއާ އިންޑިއާގެ ބޯޓުގެ މައި ދެ ފުރޮޅު ފެޅި ބްރޭކް ސިސްޓަމަށް ގެއްލުންވީ، ބޯޓު ޖެއްސީ ނުބައި ރަންވޭއަކަށް ކަމަށް ޓަވަރުން އެންގުމާ އެކު، ކުއްލިއަކަށް މަޑުކުރަން ހަދައިގެން ކަމަށްވެ އެވެ.

އެއާ އިންޑިއާގެ އެ ބޯޓު އާ ރަންވޭއަށް ޖެއްސި މައްސަލަ ތަހުގީގު ކުރަމުން އަންނަ ނަމަވެސް، އެ އެއާލައިންގެ ދަތުރުތައް އަދިވެސް ރާއްޖެއަށް ކުރަމުން ގެންދެ އެވެ.