Roadha Mihaaru

ރައީސް ޔާމީންގެ ބަހުގެ ހަމަލާ މައުމޫންގެ އަރިސް ބައެެއް ބޭފުޅުންނަށް: ތިއީ ފުކެއް ބޮޑުވަރު!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވުމަކީ "ފުކެއް ބޮޑުވަރު" ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ބޮޑަށް އެ ބޭފުޅުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ބަހުގެ ހަމަލާއެއް: ތިއީ ފުކެއް ބޮޑުވަރު!
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

12 ސެޕްޓެމްބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވުމަކީ "ފުކެއް ބޮޑުވަރު" ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ބޮޑަށް އެ ބޭފުޅުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި، މައުމޫނާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އަދި އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި އުމަރު ޒާހިރާއި އަނީސާ އަހުމަދުގެ އިތުރުން މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އައްބާސް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން އިދިކޮޅު ޖަލްސާގައި އައްބާސް ވަނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި އައްބާސް ވާހަކަ ދައްކަވަނީ. ރައީސް ޔާމީންގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި އައްބާސް ވާހަކަ ދައްކަވަނީ. ރައީސް ޔާމީންގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި، އެ ހުރިހާ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން ގައުމަށް އެތައް ގެއްލުންތަކެއް ދިން އިރު، އެ ޕާޓީ ހިމެނޭ އޮޑިއަކަށް ގައުމުގެ ޝަރަފުވެރިން އެރުއްވުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި އެބޭފުޅުންގެ "ކުލުނެއް" އެބައޮތްތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

"މި އޮޑިއަށް އަރާ ތިބި މީހުންގެ ތެރޭގައި މި ތިބީ ނިޝާން އިއްޒުއްދީންގެ ޝަރަފުން ޒީނަތްތެރި ކުރައްވާފައި ތިބި ބޭފުޅުން. އަޅުގަނޑު އެ ބޭފުޅުންނަށް ހަމަ ފާޑު އެބަ ކިޔަން، އަޅުގަނޑު ހިތަށް އަރާ އެ ބޭފުޅުންނަށް އެ އިއްޒަތުގެ ޝަރަފުން ޒީނަތްތެރިވެގެން ތިއްބަވަން ހިތްޕުޅު ހަމަޖެހޭތޯ،" އިދިކޮޅު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް ބޭފުޅެއްގެ ނަން ނުގެންނަވައި ރައީސް ޔާމީން ވިދާޅުވި އެވެ.

"ރާއްޖެއަށް ހިދުމަތް ކުރައްވާފައި، މިކަހަލަ ހުރިހާ ކަންކަމުގައި ސިކުނޑި ގާނުއްވާފައި ތިއްބެވި ބޭފުޅުން މިއަދު އެ އޮޑިއަށް އަރައި ވާހަކަ ދެއްކީމާ ހިތަށް އަރަނީ މުޖުތަމައުއާ ދޭތެރޭ އެމީހުންގެ ކުލުނެއް އެބައޮތްބާއޭ؟ އަމިއްލަ ކަންކަމައިގެން ކުރިއަށް ދިޔަޔަސް، ފުކެއް ބޮޑުވަރު މިއީ."

"އެއްވެސް ޒުވާނެއްގެ ކައިރީގައި ކުށް ކުރުމަކަށް ނުބުނާނަން"

އިޖުތިމާއީ އިލްމުވެރިންތަކެއް ހެދި ރިޕޯޓަކުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ، މައުމޫންގެ ވެރިކަން ނިމިގެން ދިޔައިރު، އެންމެ ގިނަ އިން ކުރާ ކުށްތަކުގެ ތެރޭގައި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި ވައްކަން ކުރުމާއި ޓެކުން ފަދަ ކުށްތައް ކަމަށެވެ.

އޭގެ ފަހުން، 2009، 2010 އަދި 2011 ގައި ކުށުގެ ޖިނާއީ ކުށްތައް އިތުރުވެގެން ދިޔައިރު، 2012 އަދި 2013 ގައި ޖިނާއީ ކުށްތައް "އިންތިހާއަށް އިތުރުވެގެން" ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުށް އާންމުވެގެން ދިޔައީ ދިވެހިން ހީވެސް ނުކުރާ ވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި މާރާމާރީ އާއި މީހުންނަށް ޖިސްމާނީ އަނިޔާ ކުރުން. (އިތުރުވީ) ކޮން ބައެއްތޯ މީގެ ޒިންމާ އުފުލާނީ؟ ކޮން ބައެއްތޯ އޭރު އެކަންކަން ހައްލު ނުކުރެވުނީ؟ ކޮން ބައެއްތޯ ރައްޔިތުން ގޮވައިގެން ކުރިއަށް ދާން އެކަމުގައި ތިބީ. ކޮން ބައެއްތޯ ގާނޫނު ހަދައިގެން ގާނޫނު ތަންފީޒުކޮށްގެން މިކަން ކަން ނުހުއްޓުވީ؟ ހުއްޓުވަން ބޭނުންވިތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން ކުށުގެ ޕްރޮފައިލް ބަދަލުވެފައިވާ ކަމަށެވެ. ބޮޑެތި ކުށްތައް 100 އިން 35 އަށް މަދުވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް އާންމުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް އާންމުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ ޒުވާނުން ކުށްތަކުން ދުރަށް ދަނީ އެމީހުންނަށް ފުރުސަތުތަކެއް ލިބުނީމަ ކަމަށެވެ. އެކަމަކު، ހިތްދަތި ހާދިސާތައް މަދުން ހިނގި ނަމަވެސް، ނިސްބަތުން ޒުވާނުން ކުށްތަކަށް އަރައިގަންނަ އަދަދު މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއްވެސް ޒުވާނެއްގެ ކައިރީގައި ކުށް ކުރުމަށާއި ޒުވާނުން ނުކުމެ، މީހުން ގައިގައި ތަޅަން ނާންގަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ގާއިމުކޮށްދޭތީ ބައެއް ބޭފުޅުން ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެ ވަސީލަތްތަކުގެ ބޭނުމެއް ނެތްކަން އެބޭފުޅުން ގަބޫލު ކުރައްވަނީ ކީއްވެތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

މީގެ ކުރިން، ޒުވާނުންނަކީ އުޅޭ ބައެއް ކަމަށް ނުދެކޭ އިރު، އެމީހުން ދާނެ މަގެއް ވެސް އޮތީ ނެތިފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު، މިއަދު ޒުވާނުންނާ ގުޅުން ހުރި ކަންތައްތަކެއް ކުރާކަން އެމީހުން ގަބޫލު ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތާއި މިކަހަލަ ވަގުތުތަކުގައި ޒުވާނުން މަސައްކަތް ކުރުމުގެ އިތުރަށް، އިލްމީ، ގާބިލްކަން ހޯދުމަށް ކުރާ މަސައްކަތުގެ އިތުރަށް، އާމްދަނީ ހޯދަން ކުރާ މަސައްކަތުގެ އިތުރަށް، އެމީހުންނަކީ ޝައްކެއް ނެތް ގޮތުގައި އިތުރު ވަގުތު ހުސް ވަގުތުގައި ހަށިގަނޑުގެ ތަރުބިއްޔަތަށް ކަންތައްތަކެއް ކުރަން ޖެހޭ ބައެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ބަށި ކޯޓު އެޅީމާ، އެއީ އަންހެން ކުދިން ނަމާދުން ދުރު ކުރަން ކުރާ ކަމެއް ނޫން. ދީނީ ކަންކަމުން ދުރު ކުރަން ކުރާ ކަމެއް ނޫން އެއީ. އެއީ އެކަން ކަން ކުރުމާ އެކީގައި އިތުރު ފުރިހަމަކަން އެ ކުދިންގެ ކެރެކްޓާއެއް ގެނައުމަށް ކުރާ ކަންކަން. ފުޓްސަލް ދަނޑުތައް އަޅަނީ އެ ބޭނުމުގައި."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ކުށް މަދުވެގެން އުޅެނީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ގާއިމުކޮށްދީފައި ހުރުމުންނެވެ