Roadha Mihaaru
މަޝްވަރާއަށް ޕީޕީއެމް ތައްޔާރު، ޔާމީން ދޫކޮށްލަންޖެހޭ

ބަރުލަމާނީ ނިޒާމު ގެންނަން މަޝްވަރާ އަށް ދާނަން، ޔާމީން ދޫކޮށްލާ: އިދިކޮޅު

06 ޖުލައި 2021

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާ އަށް ދާން ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާ އަށް ދާން ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން 2023 ގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ބޮމުގެ ހަމަލައިން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވީ، އެކަން ކުރައްވާނީ ޕީޕީއެމާ ގުޅިގެން ކަމަށާއި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމަކީ ވެސް ބަރުލަމާނީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޔާމީން، ޕީއޭ ހިންގެވި ދުވަސްވަރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި އެ މަނިކުފާނާއި އެ ޕާޓީ އޭރު ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ. ދެން ބަރުލަމާނީ ނިޒާމަށް އޭރު ތާއީދުކުރީ އެމްޑީޕީ އެވެ.

ނަޝީދު ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ނަޝީދު ދެއްވީ މަޝްވަރާގެ މޭޒަށް ދިއުމުގެ ދައުވަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޕީޕީއެމަކީ އަބަދުވެސް ވާހަކަ ދައްކާނެ ޕާޓީއެއް ކަމަށާއި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި މަޝްވަރާ ކުރަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުން ކަމަށާއި ޕީޕީއެމްގެ ފަރާތުން މަޝްވަރާ ކުރަން ޖެހޭނީ ސީދާ ޔާމީންއާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާ އަށް އަބަދުވެސް ފުރުސަތު އޮންނާނެ. ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމް ބާތިލް ކޮށް އެ މަނިކުފާނު މިނިވަންކުރޭ،" މިހާރު ގޭބަންދުގައި ހުންނެވި ޔާމީނާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.

އެހެންކަމުން އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާ ގޮތެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ނަޝީދު ރޭ ވިދާޅުވި ގޮތުގައި އެކަން ކުރުމަށް ރައީސް އެއްވެސް އިރެއްގައި ހުރަހެއް ނާޅުއްވަ އެވެ. އަދި ބަރުލަމާނީ ނިޒާމާ ދެކޮޅަށް އެ މަނިކުފާނު މަސައްކަތްޕުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.