Roadha Mihaaru
"އިހަވަންދޫގެ ފިނި ތަރުހީބުން ޔާމީނަށް ދިނީ މެސެޖެއް"

އިހަވަންދޫގެ ފިނި ތަރުހީބުން ޔާމީނަށް ދިނީ މެސެޖެއް: ޝިފާއު

16 އޮކްޓޯބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށަކަށް ހއ. އިހަވަންދު އަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ކިޔަން ނުނިކުމެ ރައްޔިތުންގެ ފިނި ތަރުހީބުން އެ މަނިކުފާނަށް ދިނީ މެސެޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށަކަށް ހއ. އިހަވަންދު އަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ކިޔަން ނުނިކުމެ ރައްޔިތުންގެ ފިނި ތަރުހީބުން އެ މަނިކުފާނަށް ދިނީ މެސެޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، އާބާދީ ބޮޑު އަދި ދެ ފިކުރުގެ ސިޔާސީ ވާދަވެރިކަން ވެސް ބޮޑު އިހަވަންދޫން ޔާމީނަށް މަރުހަބާ ކިޔުމަށާއި ޖަލްސާގައި ބައިވެރިވީ މަދު ބައެއް ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޔާމީން އިހަވަންދު އަށް ވަޑައިގަތުމުން ފިނި ތަރުހީބެއް ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑު ތިލަދުންމައްޗަށް ގެންނަވާ ބޮޑު ބަދަލު އެ ރަށުގެ މީހުން ވެސް ގަބޫލުކުރާތީ ކަަމަށް ޝިފާއު ވިދާޅުވި އެވެ.

"ސިޔާސީ ބޭފުޅަކު އިހަވަންދު އަށް ވަޑައިގަތުމުން ލިބޭ ތަރުހީބަށް ވުރެ ވެސް ފިނި ތަރުހީބެއް އިހަވަންދޫން އިއްޔެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް އެ ލިބުނީ. އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި އެއީ ރައްޔިތުން ދިން މެސެޖެއް. މި ސަރުކާރުން ގެންނަ ތަރައްގީ ބަލައިގަންނަ ކަން،" ޝިފާއު ވިދާޅުވި އެވެ.

ޔާމީން އިހަވަދޫންގައި:

ޔާމީން އިހަވަދޫންގައި:

އޭނާ ވިދާޅުވި ގޮތުގައި ބޮޑުތިލަދުންމަތީގައި ވެސް ވަކި ރަށެއް ތަފާތު ނުކޮށް، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ކުރިއަށް އެބަގެންްދެ އެވެ. ފެނާއި ނަރުދަމާ އާއި ބިން ހިއްކުމާއި ސްކޫލް އިމާރާތްތައް ފަދަ ރައްޔިތުން ހުށަހެޅި ހުރިހާ ހިދުމަތްތަކަކާ އެކު ބޮޑުތިލަދުންމަތީގެ މީހުންނަށް ފަސޭހަކަން ގެނުވައިދިނީ އާރުޓީއެލް ފެރީގެ ނިޒާމުން ކަމަށް ވިދާޅުވި އެވެ.

"އިހަވަންދޫގެ ވެސް ވަރަށް ގިނަ ރައްޔިތުން ދިއްދު އާއި ކުޅުދުއްފުއްޓަށް ދަތުރުކުރޭ. ކުރީގެ އުނދަގޫތައް އާރުޓީއެލް ފެރީއާ އެކު ފަަސޭހަވެ ޖީބަށް ވަރަށް ބޮޑަށް ލުއިވެއްޖެ. މި ފަސޭހަތައް ވަމުން އަންނަކަން ރައްޔިތުންނަށް ބަލައިގަނޭ،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ހުށަހަޅައިފި ކަމެއް މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ. އިހަވަންދޫގެ ހޮސްޕިޓަލްގެ މަސައްކަތް ވެސް ހިނގާނެ ކަމަށާއި ރަށްތަކުގައި ފަށާފައި ހުރި ކަންކަން ނިމުމުން ބޮޑުތިލަދުންމަތިން ފެންނާނީ މި ސަރުކާރުން ގެންނަން ބޭނުންވާ ބޮޑު ބަދަލު ކަމަށް ޝިފާއު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމަށް ބޮޑުތިލަދުންމަތީގެ އިތުބާރު އެބައޮތް. އިތުރު އެހެން ސިޔާސީ ފިކުރެއް ހޯދައިގެން ދާން ނުޖެހޭ ކަން ރައްޔިތުން ގަބޫލުކުރޭ. އިދިކޮޅު ކެންޑިޑޭޓަށް ދިން ފިނި ތަރުހީބުން އެކަން ސާފުކޮށްދީފި،" ޝިފާއު ވިދާޅުވި އެވެ.

އިހަވަންދޫގެ އިތުރުން ތުރާކުނާއި ބާރަށް އަދި ދިއްދު އަށް ޔާމީން ވަޑައިގަންނަވާނެ އެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވައި، ދެން އޮންނަ ދައުރުގެ މެނިފެސްޓޯގައި އެކަން ކަމަށް ހައްލު ހޯއްދެވުމަށާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަން ކުރާ ދަތުރުތަކެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.