Roadha Mihaaru
މާފުށިން މިއަދު ގޯތި ދޫކުރާނެ: ރައީސް

މާފުށިން މިއަދު ގޯތި ދޫކުރާނެ: ރައީސް

12 ސެޕްޓެމްބަރ 2018

ކ. މާފުށިން މިއަދު ގޯތި ދޫކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކ. މާފުށިން މިއަދު ގޯތި ދޫކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފި އެވެ.

ހުޅުމާލޭ ފޭސް-2ގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ވިދާޅުވީ މާފުށިން ގޯތި ދޫކުރާނީ، ކުޑަކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށް މީގެ ސާޅީހަކަށް އަހަރު ކުރިން، ހުޅުވި އިސްލާހިއްޔާ ހުރި ބިމުން ކަމަށެވެ.

މިހާރު ބޭނުން ނުކުރާ އެ މަރުކަޒު ހުރި ބިން، ސަރުކާރުން ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ ޖޫން މަހު ރައީސް މާފުއްޓަށް ވަޑައިގެން ވަނީ އިއުލާންކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ކުޑަކުދިންގެ އިސްލާހިއްޔާއަކީ ބޭނުންތެރިތަނެއް ކަމަށާއި އެކަމަކު އެތަން ހިންގުން އެންމެ ރަނގަޅީ މާފުށީގައިތޯ ބަލައި، އެ ބިން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

ކ.މާފުށި: ބިމުގެ ދަތިކަން އެ ރަށަށް ވަނީ ކުރިމަތިވެފައި

ކ.މާފުށި: ބިމުގެ ދަތިކަން އެ ރަށަށް ވަނީ ކުރިމަތިވެފައި

ރައީސަށް ފަހު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ މާފުއްޓަށް ވަޑައިގެން، އެ ރަށުން ގޯތި ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިބޫގެ ވިސްނުމަކީ މާފުށިން ބައެއް ހިއްކުމަށް ފަހު، އެތަނުން ގޯތި ދޫކުރުމެވެ.

ކޯލިޝަން ސަރުކާރެއްގައި އެންމެ ފުރަތަމަ ހިއްކާ ރަށްތަކުގެ ތެރޭގައި މާފުށި ހިމެނޭނެ ކަމަށާއި ގޯތި ދޫކުރުމަށް، ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭނެއް ފަށާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރަށުގެ އާބާދީ އަކީ 1،900 ނަމަވެސް، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެ ރަށުގެ އާބާދީއަށް ވުރެ ތިން ގުނަ އިތުރަށް މީހުން އުޅޭ މާފުށީގެ ބިން ހިއްކައިދިނުމަކީ، ރައީސް ޔާމީން 2013 ވަނަ އަހަރު ވެވަޑައިގެންފައިވާ ވައުދެކެވެ.

އެކަމަކު ރޭ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މާފުށީ ބިން ހިއްކަން ބައެއް މީހުން ބޭނުންވި ނަމަވެސް، ހައްލެއްގެ ގޮތުގައި ގިނަ ބަޔަކަށް ފެނުނީ އިސްލާހިއްޔާ ހުރި ބިމުން ގޯތި ދޫކުރުން ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ހަމަޖެއްސުމަށް ހަމަ އެދުވަހު ނިންމަވައި ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލަރުން އަޑުއައްސަވާ...މިހާރު އޮންނާނީ ބިން ދޫކޮށްފައި. ސިޓީ ފޮރުވައިގެން ތިބުމުގެ ޖާގައެއް ނެތް. މާދަމާ، [މިއަދު] އަޅުގަނޑުގެ ހައުސިން މިނިސްޓަރު މާފުށީ ރައްޔިތުންނަށް އެނގޭ ގޮތަށް ފޮނުއްވާނެ ސިޓީއެއް. އޭގައި އިއުލާން ކުރާނެ މިތައް ގޯތި ދޫކުރަން ނިންމައިފީމޭ،" މާފުށީގައި ތިއްބެވީ އިދިކޮޅު ފިކުރުގެ ކައުންސިލަރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ކައުންސިލަރުން، ރައްޔިތުން ބޭނުންވާ ކަންކަމަށް ފުރަގަސްދީގެން، ސަރުކާރުން ފޮނުވާ އަމުރުތަކަށް ތަބާ ނުވި ނަމަވެސް ސަރުކާރުން އެކަންކަން ކުރާނެ ކަމަށެވެ. އަދި ސަރުކާރުން އެންގި ދުވަހަށް އެކަން ކުރި ނަމަ، މިހާރު މާފުށިން ގޯތި ދޫކޮށް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

ގދ. ތިނަދޫގެ ބިން ބޮޑުކުރަން ރައީސް ޔާމީންގެ ސަރުކާރުން ހިއްކި ސަރަހައްދުން އަންނަ ހަފުތާގައި 150 ގޯތި ދޫކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އިއްޔެ ވިދާޅުވެފަ އެވެ.