Roadha Mihaaru
އެމްޑިޕީން ހަ ދުވަހަށް އާޓިފިޝަލް ބީޗް ހޯދަން އެދިއްޖެ

ކެމްޕެއިނަށް ހަ ދުވަހަށް އާޓިފިޝަލް ބީޗް ހޯދަން އެމްޑީޕީން އެދިއްޖެ

12 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހަ ދުވަހުގެ މުއްދަތަށް އާޓިފިޝަލް ބީޗް ހޯދަން އެމްޑީޕީގެ ފަރާތުން ހައުސިން މިނިސްޓްރީގައި މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހަ ދުވަހުގެ މުއްދަތަށް އާޓިފިޝަލް ބީޗް ހޯދަން އެމްޑީޕީގެ ފަރާތުން ހައުސިން މިނިސްޓްރީގައި މިއަދު އެދިއްޖެ އެވެ.

އެމްޑީޕީން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް މިއަދު ފޮނުވި ސިޓީގައި އެދިފައިވަނީ މާދަމާ އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް އަދި އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތަކުގެ އެންމެ ފަހު ދުވަސް ކަމަށްވާ އަންނަ ހޮނިހިރު ދުވަހާ ހަމަ އަށް އާޓިފިޝަލް ބީޗް ދޫކޮށް ދިނުމަށެވެ. އެ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން ފެށިގެން މެންދަމު 12 އާ ހަމައަށް އެތަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އިދިކޮޅު ހަރަކާތްތަކަށް އާޓިފިޝަލް ބީޗް ދޭން އެމްޑީޕީން އެދުނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިދިޔަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވާފައި ވަނިކޮށެވެ. ތިން އަހަރަށް ފަހު މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ތަނެއް ދޫކުރުމުން ބޭއްވި އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ޕީޕީއެމުން ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަންނަ ހޯމަ ދުވަހު ބާއްވާ އެ ޖަލްސާއަކީ ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލާނެ ޖަލްސާއެއް ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.