Roadha Mihaaru
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"

ވިލިމާލެ 2 ގެ ގެދޮރުވެރިކަމާއެކީ އުފެދޭނީ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައި އޮތް 'މަދީނާ' އެއް: ރައީސް

15 ސެޕްޓެމްބަރ 2018

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 އަކީ އިންޓަގްރޭޓެޑް ކޮންސެޕްޓެއް ކަމަށާއި އެ މަޝްރޫއުގެ ގެދޮރުވެރިކަމާއެކީ އުފެދިގެން އަންނާނީ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައި އޮތް "މަދީނާ"އެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 އަކީ އިންޓަގްރޭޓެޑް ކޮންސެޕްޓެއް ކަމަށާއި އެ މަޝްރޫއުގެ ގެދޮރުވެރިކަމާއެކީ އުފެދިގެން އަންނާނީ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައި އޮތް "މަދީނާ"އެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި މީހުން އާބާދުކުރި ރަށުގައި ހުންނަވައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 18 އަހަރުން މަތީގެ އެންމެނަށް 2030ގެ ނިޔަލަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނީ ވިލިމާލެ 2 މަޝްރޫއުން ކަމަށެވެ.

"ވިލިމާލެ 2 އަކީ އިންޓަގްރޭޓެޑް ކޮންސެޕްޓެއް. އެއީ ހަމައެކަނި ގެދޮރުވެރިކަމެއް ނޫން. ޝައްކެތް ވެސް ނެތް ގޮތުގައި ގެދޮރުވެރިކަމާ އެކީ އުފެދިގެން އަންނަ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައި އޮތް 'މަދީނާ' އެއް،" ރައީސް ވިދާޅުވި އެވެ.

"މަދީނާ މި ނަގަނީ އިނގިރޭސި ލަފުޒީ މާނާގައި. އެއީ އުއްމީދުން ފުރިގެންވާ ތަނެއް."

އެ މަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އުއްމީދުތައް ގެނެސްދޭނީ ހުޅުމާލެ 2 އަދި ވިލިމާލެ 2 އިން ކަމަށެވެ. އަދި ވިލިމާލެ 2 އަކީ ހަމައެކަނި މީހުން ދިރިއުޅޭ ތަނަކަށް ވާން ނުޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވިލިމާލެ 2 އަކީ އާބާދީއަށް އުއްމީދުތަކެއް ގެނެސްދޭނެ ތަނަކަށް ވާން އެބަ ޖެހޭ. ވިލިމާލެ 2 އަކީ އިންޓަގްރޭޓެޑް ކޮންސެޕްޓެކޭ އެހެންވެ އަޅުގަނޑު މިދެންނެވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 އަކީ އިގްތިސާދަށް ގެންނަ ބަދަލުތަކަށް ބޭނުންވާ ބިން ވެސް ހޯދާ ތަނަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ވިލިމާލެ 2 ގައި ހިމެނޭ ގުޅިފަޅާއި ތިލަފުށި އަދި ވިލިމާލެ އާއި މާލެ ބްރިޖަކުން ގުޅާލައްވާނެ ކަމަށް ވެސް މިރޭ ވިދާޅުވި އެވެ.

މިދިޔަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ތިލަފުށީގައި އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓަކާއި ވިޔަފާރި ބަނދަރަކާއި ޕެކިން އާއި ގުދަންކުރެވޭނެ ބަނދަރެއް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރެއް ގާއިމުކުރަން ބޭނުންފުޅުވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ހަބަކަށް ވެގެންދާނީ. މި ސަރަހައްދުގެ އިގްތިސާދީ ތަރައްގީއަށް، އަދި މާލޭގެ ބަނދަރު ފުރިފައި އޮތް ފުރުމަށް ހައްލުވެގެންދާނީ އިރާދަކުރެއްވިއްޔާ، މިދެންނެވި ކަހަލަ ރީއެކްސްޕޯޓް ޓްރޭޑިން ޕޯޓެއް ތިލަފުށީގައި އުފައްދާފައި. އަދި ތިލަފުށީގެ ބެކްޔާޑަށް ގުޅިފަޅު ވެގެން. އަދި ގުޅިފަޅަކީ މި ދެންނެވި ޒުވާނުންގެ އުއްމީދުތައް ފުއްދައިދޭ ތަނަކަށް ވެގެން. ދެން އައިސް ގުޅެން މިޖެހެނީ ވިލިނގިއްޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައި ވަނީ ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ، ގުޅީފަޅުގެ 230 ހެކްޓަރުގެ ފަޅު ހިއްކައިގެންނެވެ. އެ ބިމުގެ 130 ހެކްޓަރަށް ވުރެ ބޮޑު ބައި ބޭނުން ކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަމައެކަނި ފްލެޓް އިމާރާތް ކުރުމަށެވެ.

މި މަޝްރޫއުގައި ގުޅީފަޅުގެ އިތުރުން މާލެ ކައިރީގައި އޮންނަ، ކުރިން ބޭރުގެ ބަޔަކަށް ވިއްކި ނަމަވެސް މިހާރު ސަރުކާރަށް ނަގާފައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަނުން ގޯތި ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެތަނުން 800 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލެ ދޭއް މަޝްރޫއުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި މަޝްރޫއުން ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.