Roadha Mihaaru
ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް

ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް ޔާމީން

09 ސެޕްޓެމްބަރ 2018

މިއީ، ރިޔާސީ އިންތިޚާބުގެ މޫސުމް ކަމަށް ވާތީ، އެމަނިކުފާނަށް ވެސް އެކި ތުހުމަތުތައްކޮށް ރިޕޯޓްތައް ނެރޭނެ ކަމަށާއި އެފަދަ "ޓައިމް ބޮމަކަށް" ބިރުފުޅު ނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ލ. ފޮނަދޫގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިއީ، ރިޔާސީ އިންތިޚާބުގެ މޫސުމް ކަމަށް ވާތީ، އެމަނިކުފާނަށް ވެސް އެކި ތުހުމަތުތައްކޮށް ރިޕޯޓްތައް ނެރޭނެ ކަމަށާއި އެފަދަ "ޓައިމް ބޮމަކަށް" ބިރުފުޅު ނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ލ. ފޮނަދޫގައި ވިދާޅުވެއްޖެ އެވެ.

ފޮނަދޫގެ ބޮޑު މަގު ހުޅުވުމާއި ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް އޮޑިޓް ރިޕޯޓްތަކާއި އެ ނޫން ވެސް އެކި ސިފަސިފައިގައި ހަގީގާތާ ޚިލާފު ވާހަކަތައް ނެރޭނެ ކަމަށެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި އެކަން ހިނގާފައިވާ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކަކީ "ޓައިމް ބޮން ތަކެއް" ކަމަށް މައުމޫން ވެސް ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ކޮޓަރިކޮޅެއްގައި ފައިސާ ގުނުއްވަން އިންނެވި ކަމަށް އިދިކޮޅު ޕާޓީތަކުން މިހާރު ވާހަކަ ފަތުރައި ދޮގު ހަދަމުންދާ ކަމަށާއި އެފަދަ ހަގީގަތާ ޚިލާފު ކިތަންމެ ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއޮތީ މޫސުމެއް އައިސްފައި. ޓައިމް ބޮމެއް އަޅައިގެން އަޅުގަނޑެއް ބިރެއް ނުގަންނާނެ. އަޅުގަނޑެއް ބިރެއް ނުގަންނާނެ ރިޕޯޓެއް ނުކުމެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ} ވިޔަސް އޮޑިޓް އޮފީސް ވިޔަސް މައްސަލައެއް އޮތް ނަމަ، މިހާތަނަށް ރިޕޯޓް ނެރެން ޖެހެ އެވެ. އެމަނިކުފާނުގެ ސަރުކާރަކީ ފިޔަވަޅު އަޅާ ސަރުކާރެއް ކަމަށާއި ރިޔާސީ ކޮމިޝަން އުފެއްދި ބޭނުމަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

"ރިޔާސީ ކޮމިޝަނެއް އުފެއްދީ ބިރު ދައްކާކަށް ނޫން، މީހުން ފަހައި ދުވާކަށް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ ކޮމިޝަން އުފެއްދީ ދައުލަތަށް ގެއްލިފައި ހުރި ފައިސާތައް ހޯދަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ފޮނަދޫގައި. --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީން ފޮނަދޫގައި. --ފޮޓޯ/ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރުސީން ހިންގި ކޮރަޕްޝަނުގައި ހިމެނޭ ފައިސާގެ ހޯދާނެ ކަމަށް އިދިކޮޅުން ބުނަމުން އަންނަ ކަމަށާއި އެކަމަކު އެ ހިތްވަރެއް އެ މީހުންގެ ނުހުންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅަށް އެކަން ވާނީ، "އަމިއްލަ މެއަށް ޚަންޖަރު ހެރުން" ފަދަ ކަމަކަށެވެ. މި ވާހަކަފުޅަށް ބާރު ދެއްވަން އެއްސެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ އެފްޕީއައިޑީގެ މައްސަލަ ބަލަން އިދިކޮޅަށް ކެރޭނެތޯ އެވެ.

އެހެންކަމުން، ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދާ ވާހަކަ އިދިކޮޅަށް ނުދެއްކޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ލ. މާމެންދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރައްވަނީ.

ލ. މާމެންދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރައްވަނީ.

ފޮނަދޫގެ ރައްޔިތުންނަށް އަމާޒުކުރެއްވި ވާހަކަފުޅުގެ ޚުލާސާ:

- އިދިކޮޅަށް ތަރައްގީ ފެންނަ ކަމަކަށް ނުވޭ. މާލެ އާއި ހުޅެލެއާ ދެމެދު އަޅާފައިވާ ބްރިޖެއް ވެސް ނުފެނޭ. ފަސޭހަކަމާ އެކު ބްރިޖުން ދަތުރުކުރުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ.

- ފަސް އަހަރުގައި ފޮނަދޫ އަށް 698 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގިއްޖެ. މިއީ، އެމްޑީޕީގެ ވެރިކަމުގައި ހިންގި މަޝްރޫއުތަކާ އަޅާބަލާއިރު ހަ ގުނަ.

- ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ދެ އަހަރުގެ ތެރޭގައި ކައްދޫގެ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދައި، ބޮޑެތި ބޯޓު ޖެއްސޭނެ ގޮތް ހަދައިދޭނަން.

- ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީވެ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދޭނަން.

- ފަސް އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 100،000 ވަޒީފާ އުފެދިއްޖެ.

- ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ތަރައްގީ ކުރަން ޖެހޭ ވާހަކަ އިދިކޮޅުން ދައްކާއިރު، އެ ދާއިރާތައް ކުރިއަރާފައިވާ މިންވަރު އެ މީހުންނަކަށް ސާފެއް ނޫން.

- ހަދިޔާ، ބަދިޔާ އަށް ނުހެއްލި ތަރައްގީ އަށް ވޯޓު ދެއްވަން އެދިވަޑައިގަތް.

"އިބޫ ވިދާޅުވާން ޖެހޭ، ދާޚިލީ ކަންކަމާ ބެހެން ޖާގަ ނުދެއްވާނަމޭ"

އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ "އެއީ، ކޯޅޭޝަނެއް" ކަމަށެވެ. އިއްތިހާދަކުން ވެރިކަމަށް އަޔަސް އެ ގުޅުމުގައި މާގިނަ ދުވަހަކު ދެމިނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން މާލޭގެ އަލިމަސްކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި، އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަން އިބޫ ވިދާޅުވި ކަން ފާހަގަކުރައްވައި ރައީސް ޔާމީން މަރުހަބާ ދެންނެވި އެވެ. އެގޮތަށް ވިދާޅުވާން އިބޫ އަށް މަޖުބޫރުވެވަޑައިގަތީ، ޕީޕީއެމުން ޕްރެޝަރު ކޮށްގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އޭނަ އަށް ވިދާޅުވާން، ޟޮމީރު މަޖުބޫރު ކުރުވައިފި ދިވެހިރާއްޖޭގެ އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދެއްވާނަމޭ. މި ވާހަކަ އޭނަ އެބަޖެހޭ އިނގިރޭސި ބަހުން ވިދާޅުވާން. މި ވާހަކަ އޭނަ އެބަޖެހޭ އިނގިރޭސި ބަހުން ޓުވީޓް ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ވައްކަން ކުރުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އިސްލާމްދީނުގައި އެ އަށް ވުރެން ބޮޑެތި ހަރާމް ކަންތައް ހުރި ކަމެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނަމޭ ވިދާޅުވި ގޮތަށް، "ދާޚިލީ ކަންކަމުގެ ތެރޭގައި ބޭރުގެ ނުފޫޒަށް ޖާގަ ނުދެއްވާނެ" ކަމަށް ވެސް އިބޫ ވިދާޅުވާން ޖެހޭ ކަމަށެވެ.

"ދެން ވިދާޅުވާން ޖެހޭނީ ދާޚިލީ ކަންކަމާ ބެހުމަށް ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދެއްވާނަމޭ މި ވާހަކަ ވެސް ޖެހޭނީ ވިދާޅުވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.