Roadha Mihaaru
ކާށިދޫގެ ބިން ހިއްކައި ރިސޯޓެއް ހަދާނަން: އިބޫ

ކާށިދޫގެ ބިން ހިއްކައި ރިސޯޓެއް ހަދާނަން: އިބޫ

16 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކ. ކާށިދޫގެ ބިން ހިއްކައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ކ. ކާށިދޫ މުހައްމަދު ޔާމީން

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކ. ކާށިދޫގެ ބިން ހިއްކައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

ކާށިދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މާ ކަނޑުގެ މެދުގައި ކާށިދޫ އޮންނަ އިރު ރަށާ ކައިރީގައި ފަޅު ރަށެއް ނެތް ކަން އިބޫ ފާހަގަ ކުރެއްވި އެވެ. ކާށިދޫ ކައިރީގައި ރިސޯޓެއް ހެދުމަކީ އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ގެންގުޅުނު ވިސްނުމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

ކާށިދޫގައި ތިބި އިދިކޮޅު ސަޕޯޓަރުން. - ފޮޓޯ: އެމްޑީޕީ

ކާށިދޫގައި ތިބި އިދިކޮޅު ސަޕޯޓަރުން. - ފޮޓޯ: އެމްޑީޕީ

އެހެންވެ، ކާށިދޫގެ ފަޅު ތެރެއިން ބިމެއް ހިއްކައިގެން އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ކުލަ އިދިކޮޅު ވެރިކަމެއްގައި ޖެހިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އާމްދަނީ އިތުރުކޮށް، ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުމަށް ގެސްޓްހައުސް އާއި ރިސޯޓުތައް ހެދުމަކީ އިދިކޮޅު ކޯލިޝަންގެ ވިސްނުމެވެ.

އިބޫގެ ރަނިންމޭޓު، އަދި ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިބޫ ވަނީ ކާށިދޫގައި އާ ސްކޫލެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުން ވަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށާއި އިދިކޮޅު ވެރިކަމެއްގައި މަޝްރޫއުތައް ހިނގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދޫއަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ދަނޑުވެރިންގެ ތަކެތި ތާޒާ ކަމާއެކީ ވިއްކި ދަނޑުވެރިންނަށް އޭގެ މަންފާ ލިބެން ޖެހޭނެ ކަމަށެވެ.

އެގޮތުން، ހަމަ އަގުގައި ތަކެތި ވިއްކުމަށް އެކި ސަރަހައްދުތަކުގައި ސެންޓަރުތަކެއް ހަދައި ކުރިއެކޭ އެއްގޮތަށް ދަނޑުވެރިންނަށް ސަބްސިޑީސް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ކާށިދޫގައި ހުރި އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ކާށިދޫގައި ހުރި އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހަފުތާއަކަށް ވެއްޖެ ކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހާ ހިސާބަށް އައީ ހުރަސްތައް ގިރާ ކުރުމަށް ފަހު ކަމަށާއި މިހާތަނަށް ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ކުރިމަތިވާ ހުރިހާ ހުރަހެއް ގިރާ ކުރާނަން،" އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް މިއަދު ކާށިދު އަށް ވަޑައިގަތުމާ ގުޅިގެން، ދެ ބޭފުޅުންނަށް އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން ހޫނު މަރުހަބާއެއް ދެންނެވި އެވެ. އިބޫ އާއި ފައިސަލަށް މަރުހަބާ ދެންނެވީ ކުރިއަށް ދިޔައީ ބޮޑުބެރާއި ދަނޑި ޖެހުމުގެ ހަރަކާތްތަކާ އެކުގަ އެވެ.