Roadha Mihaaru
އޭ380 ބޯޓުގައި ގައުމީ ޓީމު ގެންނަން މަސައްކަތްކުރަނީ

އޭ380 ބޯޓުގައި ގައުމީ ޓީމު ގެންނަން މަސައްކަތްކުރަނީ

17 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްސާ އޭ380 ގެ މަތިންދާބޯޓުގައި މާދަމާ މާލެ ގެނައުމަށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރަމުން އަންނަކަން "މިހާރަ"ށް އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްސާ އޭ380 ގެ މަތިންދާބޯޓުގައި މާދަމާ މާލެ ގެނައުމަށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރަމުން އަންނަކަން "މިހާރަ"ށް އެނގިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ރަންވޭގައި ހުޅުވުމުގެ ގޮތުން މާދަމާ ޖެއްސުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓް މަރުކާ އޭ380 ގެ އިއްތިހާދު އެއާވޭޒްގެ މަތިންދާބޯޓެކެވެ. އެ ބޯޓުގެ ދުއްވާނީ، ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ ދިވެހި ޕައިލެޓެއް ކަމަށްވާ އަލީ އަހްސަން އެވެ.

އެނގިފައިވާ ގޮތުގައި އޭ380ގެ އެ ބޯޓް ރާއްޖެ އަންނާނީ އަބޫ ދާބީންނެވެ. އެހެންވެ ބެލެވެނީ ގައުމީ ޓީމުގެ ކުޅުންތެރިން ގަތަރު އެއާވޭޒްގެ ބޯޓަކުން ޑާކާ އިން އަބޫ ދާބީ އަށް ގޮސް އެތަނުން އޭ380 ގެ ބޯޓުން ރާއްޖެ އަންނާނީ ކަމަށެވެ. ގައުމީ ޓީމު ޑާކާ އަށް ދިޔައީ ގަތަރުގައި ތަމްރީން ހެދުމަށް ފަހު ގަތަރު އެއާވޭޒް އިންނެވެ.

ގައުމީ ޓީމުގެ ގޮވައިގެން އަންނަ "ޑަބަލްޑެކާ" ބޯޓް ހުޅުލޭ އެއާޕޯޓުގައި ޖައްސާނީ، އެނގިފައިވާ ގޮތުގައި ހަވީރު 4:30 ގަ އެވެ. އަދި އެއާޕޯޓުން މާލެ އަންނާނީ ދާދި ފަހުން ހުޅުވި ސިނަމާލެ ބްރިޖް ހުރަސްކޮށްފަ އެވެ. ޓީމަށް މަރުހަބާ ކިޔުމަށް އެއާޕޯޓާއި މާލޭގައި ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އެކަމަށްޓަކައި މާދަމާ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖޭން ހޮނިހިރު ދުވަހުގެރޭ ސާފް ސުޒުކީ ކަޕް މި ކާމިޔާބުކުރީ، އެ މުބާރާތް އެންމެ ފަހުން ހޯދިތާ 10 އަހަރު ފަހުންނެވެ. ކުރިން ތަށި ހޯދި ފަހަރު ގައުމީ، ފައިނަލް މެޗު ކުޅުނު ސްރީ ލަންކާ އިން ރާއްޖެ ގެނައީ މޯލްޑިވިއަންގެ ޗާޓަރު ބޯޓެއްގަ އެވެ. ޓީމަށް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ކިއުމަށް ފަހު މާލެ ގެނައީ ހާއްސަ ދޯންޏެއްގައި ރަސްމީ އިއްޒަތުގަ އެވެ. އަދި ޖުމްހޫރީ މައިދާން ސަރަހައްދުން ކޮންމެ ކުޅުންތެރިޔަކަށް ވަކިވަކިން ސަރުކާރުން މަރުހަބާ ކިޔެވެ. އެއަށް ފަހު ކުޅުންތެރިން ގޮވައިގެން މުޅި މާލޭގައި ވަނީ ހާއްސަ ވެހިކަލް ބުރެއް ބާއްވައިފަ އެވެ. އެ ހަރަކާތް ނިންމާލީ ގަލޮޅު ދަނޑަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަގުތަކަށް ނުކުތް އެއް ދުވަހެވެ.