މީގެ އަށެއްކަ އަހަރު ކުރި އެވެ؛ އެމިރޭޓްސްގެ ބޮއިން 300-777 މަރުކާގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ޖެއްސިތަނާ ބޯޓުގެ މައި ފުރޮޅުތައް ފެޅި، ރަންވޭގެ މެދަކާ ހިސާބުން ކުރީ ފުރޮޅު ގަބައިގަތީ އެވެ. ދެން ޖެހުނީ ރަންވޭ ބަންދުކުރާށެވެ. އެ ބޯޓު އެހެން ތަނަކަށް ގެންދެވެންދެން ގާތްގަނޑަކަށް އަށް ގަޑިއިރު ވަންދެން އެއާޕޯޓު ބަންދުކޮށްފައި އޮތެވެ. އެ ވަގުތު ޖައްސަން ހުރި ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށް، ފުރަން އޮތް ބައެއް ފްލައިޓްތައް ކެންސަލް ވެސް ކުރީ އެވެ.
މީގެ އަށެއްކަ އަހަރު ކުރި އެވެ؛ އެމިރޭޓްސްގެ ބޮއިން 300-777 މަރުކާގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ޖެއްސިތަނާ ބޯޓުގެ މައި ފުރޮޅުތައް ފެޅި، ރަންވޭގެ މެދަކާ ހިސާބުން ކުރީ ފުރޮޅު ގަބައިގަތީ އެވެ. ދެން ޖެހުނީ ރަންވޭ ބަންދުކުރާށެވެ. އެ ބޯޓު އެހެން ތަނަކަށް ގެންދެވެންދެން ގާތްގަނޑަކަށް އަށް ގަޑިއިރު ވަންދެން އެއާޕޯޓު ބަންދުކޮށްފައި އޮތެވެ. އެ ވަގުތު ޖައްސަން ހުރި ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށް، ފުރަން އޮތް ބައެއް ފްލައިޓްތައް ކެންސަލް ވެސް ކުރީ އެވެ.
ޓޫރިޒަމަށް ބަރޯސާވެފައިވާ އިގުތިސާދެއް އޮތް ގައުމެއްގެ އެންމެ ބޮޑު އެއާޕޯޓަށް އެއް މައްސަލަ ދިމާވީ އެންމެ ރަންވޭއެއް އޮތުމެވެ. އިމަޖެންސީގައި ހެދޭނެ އިތުރު ގޮތެއް ނެތެވެ.
ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރަންވޭ ވަނީ "މުސްކުޅިވެފަ" އެވެ. ރާއްޖެ އަަންނަ ފްލައިޓްތަކުގެ އަދަދު އެތައް ތަނަކުން މައްޗަށް ދިޔަ އިރު، ރަންވޭގެ ހުރި މައްސަލަތައް މުޅިން ހައްލެއްނުކުރެވުނެވެ. ރަންވޭއަށް ޖައްސާ އިރު ދިމާވާ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން މަތިންދާބޯޓުގެ ފުރޮޅުން ހައިޑްރޯލިކް ފައިބައިގެން ސާފުކުރަން އެތައް ވަގުތެއް ނަގަ އެވެ.
އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީ 2015ގައި ކުރިއަށް ގެންދިޔަ މަރާމާތުތަކުގައި ތާރު އަޅައިގެންނެވެ. ނަމަވެސް އެއީ ދާއިލީ ހައްލަކަށް ނުވާތީ ސަރުކާރުން ނިންމީ ޒަމާނީ ފެންވަރުގެ އާ ރަންވޭއެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާށެވެ. އެހެންވެ އެއާޕޯޓްގެ ދެވަނަ ރަންވޭ ހެދުމާއި، އާ ފިއުލް ފާމާއި ކާގޯ ޓާމިނަލެއް ހެދުން ފަދަ އެތައް ކަމަކަށް، 337 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެވެ. އެ މަޝްރޫއު ފެށީ ޖުލައި 25، 2016 ގަ އެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭއަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޖުލައި 25، 2016 ގައި ޑްރެޖަރުން ވެލި ފޮނުވަނީ..---ފޮޓޯ/ މިހާރު
ދުނިޔޭގައި ކޮމާޝަލްކޮށް ދުއްވާ އެންމެ ބޮޑު މަތިންދާބޯޓު، އެއާބަސް އޭ380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފްގެ ރަންވޭ ނިންމައި، މިއަދު ޓެސްޓް ފުރަތަމަ ފްލައިޓް ޖައްސާނެ އެވެ. ހުޅުލޭ ފަޅުން 62 ހެކްޓަރުގެ ބިން ހިއްކައިގެން އަޅާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުރެ އެވެ.
އާ ރަންވޭގެ މަޝްރޫއު ގުޅިފައި އޮތީ އެ އެއާޕޯޓުގެ ކުރިމަގާ އެވެ. އެއީ އެ އެއާޕޯޓަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައިގެ ހައްލެވެ. ހަގީގަތުގައި އާ ޓާމިނަލަކަށް ވުރެ ވެސް އާ ރަންވޭއެއްގެ މުހިންމުކަން މާ ބޮޑެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ޓާމިނަލެއް ހެދި ނަމަވެސް އިތުރު ރަންވޭއެއް ނެތި ބޮޑެތި ބޯޓުފަހަރު އޮޕަރޭޓްކުރުން ދަތިވާނެ އެވެ. ސިންގަލް ރަންވޭއެއް އޮތުމުން ފްލައިޓްތައް ޑިލޭވުމާއި ގަޑިއަށް ފުރަން ޖެހޭ ފްލައިޓްތަކަށް ގަޑިއަށް ނުފުރުން ފަދަ މައްސަލަތައް ދިމާވެ އެވެ.
އެއާޕޯޓުގެ އާ ރަންވޭ ހަދަން ހިއްކި ސަރަހައްދު: ރަންވޭ އެޅުމުގެ މަސައްކަތް ވަނީ ނިމިފައި
ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފްލައިޓްތައް ޖައްސަން ހޭދަކުރަން ޖެހޭ ވަގުތެވެ.
"ވައިޑް ބޮޑީއެއް ވިއްޔާ އާންމުކޮށް އެބަ ނަގާ 15 މިނެޓް ވަރު. އެހެންވީމަ، ފާޑަކަށް މުޅި ސަރަހައްދު މި އޮންނަނީ ބްލޮކްވެފައި. އެހެންވެ އެކަމަށް އެންމެ ފުރަތަމަ ހައްލެއް މި ހޯދަން ޖެހުނީ. މިހާރު މަތީގައި ހޯލްޑް ކުރުމާއި ޑިލޭވުމާއި މިިކަމަށް ހައްލެއް މި ލިބިގެން ދިޔައީ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަންވޭއެއް އޮތުމުން، އިމަޖެންސީއެއް ދިމާވެގެން ވެސް، މުޅި އެއާޕޯޓް ހުއްޓުމަކަށް އާދެ އެވެ. އެކަހަލަ ވަގުތެއްގައި ބޯޓުފަހަރު، ގަން އެއާޕޯޓަށް ނުވަތަ ކޮލަމްބޯ އެއާޕޯޓަށް ފޮނުވާލަން ޖެހެ އެވެ. އެކަމަކު މިއީ އެއާލައިންތަކަށް ވެސް ކުރިމަތިވާ އިތުރު މައްސަލައެކެވެ.
އެއާޕޯޓުގެ އާ ރަންވޭ ހަދަން ވެލި އަޅައި ހިއްކި ސަރަހައްދު: މިއީ އެ އެއާޕޯޓުގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު.
"ސިންގަލް ރަންވޭއެއްގައި މިހާ ބައިވަރު އޮޕްރޭޝަން ހިނގާއިރު އެއީ ވަރަށް ބައިވަރު މަސައްކަތް،" އާދިލް ވިދާޅުވި އެވެ.
ރަންވޭއަށް ކަމެއް ދިމާވެއްޖެ ނަމަ އެ ހުރިހާ މަސައްކަތަކަށް ވެސް ބޮޑު ބުރުލެއް އަރަ އެވެ. އޭގެ މިސާލެއްގެ ގޮތުން އާދިލް ނެންގެވީ ބ. ދަރަވަންދޫ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ ދަތުރެވެ. އެ ދަތުރުގެ ދިގުމިިނަކީ އެންމެ 20 މިނިޓެވެ. އެކަމަކު ރަންވޭ ބިޒީވެ، އެހެން ފްލައިޓްތައް ނުޖެއްސި، ނުވަތަ ނުފުރި ކިއޫގައި އޮތުމުން، ދަރަވަންދޫ ފްލައިޓަށް ވިއްސަކަށް މިނިޓް މަތީގައި އޮންނަން ޖެހިދާނެ އެވެ.
"އެއީ އެއާލައިންތަކަށް ވެސް ވާ އިންކޮވީނިއަންސެއް. ޕެސެންޖަރުންނަށް ވެސް. އެހެންވީމަ، އަޅުގަނޑުމެންނަށް ދެ ވަނަ ރަންވޭއެއް ލިބުނީމަ އެކަންކަން މެނޭޖްކުރަން ވަރަށް ފަސޭހަވާނެ،" އާދިލް ވިދާޅުވި އެވެ.
ދެވަނަ ރަންވޭއެއް ލިބުމުން ދިމާވާ އަނެއް ފަސޭހައަކީ ރަންވޭ އިރުއިރުކޮޅާ މަރާމާތުކުރަން އެއާޕޯޓު ބަންދުކުރަން ނުޖެހުމެވެ.
އާ ރަންވޭގެ މަސައްކަތް ކުރިއަށް ގެންދިޔައީ، މިހާރު އޮތް ރަންވޭގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރުވަ އެވެ. އެކަމަކު ހަގީގަތުގައި ބާ ރަންވޭއާ ޖެހިގެން އެހާ ބޮޑު މަސައްކަތްތަކެއް ކުރުމަކީ ވަރަށް އުނދަގޫ ވެސް ކަމެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ފުރަތަމަ ތާރު ފަށަލަ އެޅުމުގެ މަސައްކަތް މި އަހަރުގެ މާޗު 14،ގައި ކުރަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
"އެއްވެސް ފްލައިޓަކަށް ބުރޫނާރާ ގޮތަކަށް މިކަން މި ކުރަން ޖެހުން މިއީ އެންމެ ޗެލެންޖިން ކަންތައް. ވަކި ގަޑިތަކެއްގައި ވަކި މަސައްކަތްތައް މި ކުރެވެނީ،" އާ ރަންވޭގެ މަސައްކަތާ ބެހޭ ގޮތުން އާދިލް ވިދާޅުވި އެވެ.
"މިސާލަކަށް ދެ ރަންވޭ ގުޅުވާލަން ކުރަން ޖެހުނު މަސައްކަތް މި ކުރީ ރޭގަނޑު 12 ގެ ފަހުން. އެހެންވީމަ ވަރަށް ބޮޑު އެޗީވްމަންޓެއް ލިބިގެން މިދިޔައީ."
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ރަންވޭއެއް ހެދުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެތަނުގައި އެންމެ ގިނަ ފްލައިޓްތައް އޮޕަރޭޓްކުރާ މޯލްޑިވިއަންއަށެވެ. އެންމެ ގިނަ ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރަނީ އެ އެއާލައިނުންނެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އާ ރަންވޭއާ އެކު އެ ކުންފުންޏަށް ދެން "ހަމަނޭވާއެއް" ލެވޭނެ ކަމަށެވެ. މިހާތަނަށް އެ ކުންފުނިން އެންމެ ބޮޑަށް އިންތިޒާރުކުރި ކަމަކީ ވެސް އެއާޕޯޓްގައި އާ ރަންވޭއެއް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާޕޯޓުގައި ހިންގާ އަޅުގަނޑުމެންގެ މުޅި އޮޕަރޭޝަން އެފިޝެންޓް [އިތުރު ކުރިއެރުމެއް] ވަނީ. ހާއްސަކޮށް މަތީގައި ބޯޓު ހޮލްޑިން ޓައިމެއް ދެން ނާންނާނެ. ޕީކް ޓައިމްސްގައި ރަންވޭ ކޮންޖެސްޓްވީމަ ބޯޓުތައް ނުޖައްސައި މަތީގައި ހޮލްޑްވަނީ،" ހާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ރަންވޭއާ އެކު މަތިންދާބޯޓު ނުޖައްސައި މަތީގައި އޮންނަން ނުޖެހުމުން ތެލުގެ ހަރަދު ވެސް ކުޑަވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން މަތިންދާބޯޓު ފުރުވުން ޑިލޭވުމުގެ މައްސަލައަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އާ ރަންވޭއާ އެކު އޯވަރޯލްކޮށް އެފިޝަންސީ ވަރުގަދަ ވެގެންދާނެ. ވަގުތު ވަރަށް ބޮޑަށް ސަލާމަތްވާނެ. ސީޕްލޭން ވެސް ދެން ހޮލްޑްކުރާކަށް ނުޖެހޭނެ،" އެވްރެޖްކޮށް ދުވާލަކު 80 ފްލައިޓް އޮޕަރޭޓްކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
މި ހުރިހާ ފަސޭހައެއް، އާ ރަންވޭއާ އެކު އެއާލައިންތަކަށާއި އެމްއޭސީއެލްގެ އެކި އޮޕަރޭޝަންސް އަށް ލިބޭނެ ކަމާ މެދު ޝައްކެއް ނެތެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރުގައި ހިމެނޭ މި ބޮޑު މަސައްކަތް ނިމި، އޮޕަރޭޝަންތަކަށް ހުޅުވާލުމަކީ، ވަރަށް ބޮޑެތި މައްސަލަތަކަށް ލިބުނު ހައްލެކެވެ.
އާ ރަންވޭ: ދަތި އުނދަގޫތައް މާޒީގެ ތެރެއަށް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
އިގްތިސާދީ ދުވެއްޔާ ގުޅިފައިވާ އެންމެ ބޮޑު އެއާޕޯޓް
ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
ބޮޑު އީދަށް މޯލްޑިވިއަން އިން 40 ފްލައިޓް އިތުރުކުރި
ބޮޑު އީދަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ
ބޯޑަރު ހުޅުވިތާ މަހެއް، 399 ފްލައިޓު މޫވްމެންޓު
އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ވަގުތު މަދުކޮށްފި
މޯލްޑިވިއަންގެ ޓިކެޓް ރީފަންޑް އެއް ދުވަސް ތެރޭ ދެނީ