Roadha Mihaaru
ކުލީގެ މައްސަލަ: ސަޕްލައި އިތުރުކުރުމަކީ ހައްލެއް ބާ؟

ކުލީގެ މައްސަލަ: ގެދޮރުގެ ސަޕްލައި އިތުރުކުރުމަކީ ހައްލެއް ބާ؟

20 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ތެދެކެވެ؛ ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޅަންވީ ފިޔަވަޅަކީ މާލޭގެ ކުލި ކޮންޓްރޯލްކުރުމެއް ނޫނެވެ. އެއިން ނުކުންނާނީ ނޭދެވޭ އަސަރުތަކެކެވެ. އެކަމަކު ހަމައެކަނި ގެދޮރުގެ ސަޕްލައި އިތުރުކޮށްގެން އެ މައްސަލަ ހައްލުވާނެ ހެއްޔެވެ؟

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ތެދެކެވެ؛ ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޅަންވީ ފިޔަވަޅަކީ މާލޭގެ ކުލި ކޮންޓްރޯލްކުރުމެއް ނޫނެވެ. އެއިން ނުކުންނާނީ ނޭދެވޭ އަސަރުތަކެކެވެ. އެކަމަކު ހަމައެކަނި ގެދޮރުގެ ސަޕްލައި އިތުރުކޮށްގެން އެ މައްސަލަ ހައްލުވާނެ ހެއްޔެވެ؟

ކުލީގެ މައްސަލައިގައި ރައީސް ޔާމީން މި ހަފްތާގައި ހާމަކުރެއްވި ވިސްނުންފުޅަކީ ޑިމާންޑަށް ވުރެ ސަޕްލައި އިތުރުކުރީމާ އަގު ތިރިވާނެ ކަމެވެ. އާއްމު އުސޫލުން ކަން ހިނގަނީ އެ ގޮތަށް ކަމަށް ވެދާނެ އެވެ. އެކަމަކު ގެދޮރު އިތުރުކުރިޔަސް، ދެން ހުރި ކަންކަމަށް ބަލާ އިރު، ތަރައްގީ މަރުކަޒުވެފައިވާ މާލެ އަށް އޮތް ޑިމާންޑަށް ކުރިއަށް އޮތް ތަނުގައި ވެސް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟

"ހަމައެކަނި ހައުސިން އިތުރުކޮށްގެން މިކަން ހައްލުކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި ހޯދަންވީ މާލެ އަށް އޮތް ޑިމާންޑް ކުޑަކުރެވޭނެ ގޮތެއް."

ސިނަމާލެ ބްރިޖާއި ލައްކައަކަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭ ގޮތަށް ހުޅުމާލޭގައި އަޅާ ފްލެޓްތަކާއި އިތުރު ބްރިޖަކުން މާލެއާ ގުޅުވާލައިގެން 315،000 މީހުންގެ އާބާދީއަކަށް ވިލިމާލެ 2 ތަރައްގީކުރުމުގެ ވައުދުން ދޭހަވަނީ ތަރައްގީ އަދިވެސް އޮތީ މާލެ ސަރަހައްދަށް ކަމެވެ. ސަބަބަކީ މި މަޝްރޫއުތަކާ އަޅާކިޔައިލެވޭނެ ކަމެއް ރާއްޖޭގެ އެހެން ހިސާބަކަށް ނެތެވެ. ވީއިރު، ރަށްރަށުގައި ބާކީ ތިބި މީހުންނަށް ވެސް މާލެ ސަރަހައްދަށް ހިޖުރަ ނުކޮށް ފަރުޖެހޭނެ ގޮތެއް އަދި ފަހުން ވެސް އެބަ އޮތް ހެއްޔެވެ؟

"ހައުސިން ސަޕްލައި އިތުރުވާ ވަރަކަށް ޑިމާންޑް ދާނީ މައްޗަށް. ކިރިޔާ ވެސް ކުލި ކުޑަވާހެން ހީވާ އިރަށް، ކުރިން އެފޯޑް ނުކުރެވުނު މީހާ ވެސް މާލެ އަންނަން ހިފާނެ. ސަބަބަކީ ގިނަ ރަށްރަށުގައި އެކްސްރޭ ގަނޑެއް ވެސް ނުނެގޭ،" ސަރުކާރާ އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި އެވެ.

"އެހެންވީމާ ސަޕްލައި ސައިޑުން އެކަން ކޮށްގެން މާލޭގެ ތޮއްޖެހުމާއި ކުލީގެ މައްސަލަ ދުވަހަކު ވެސް ހައްލުކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

އެންމެން މާލެ ގެންނަނީ؟

ތައުލީމާއި ވަޒީފާ ހޯދަން މާލެ އަށް ހިޖުރަކުރަން އަދި ފަރުވާ ހޯދަން މާލެ އަށް ދަތުރުކުރަން ޒަމާނުއްސުރެ މަޖުބޫރުވެފައި އޮތް ހާލަތު އަދިވެސް ބަދަލެއް ނުވެ އޮއްވާ އާ ބިޔަ މަޝްރޫއުތަކަކުން ގްރޭޓާ މާލޭގެ "ސަޅިކަން" ދަނީ ހައްތަހާ ބޮޑުވަމުންނެވެ. އެއީ، އާބާދީގެ 38 ޕަސެންޓް މިހާރު ވެސް ތޮއްޖެހިފައި އޮތް މާލެ ސަރަހައްދަށް، ދެން ތިބި އެންމެން ވެސް އަންނަން އެޅޭ ބާރެކެވެ. އެކަމަށް ރައީސް ޔާމީން ދައުވަތު ދެއްވާފައިވުމާއި ހުޅުމާލެ-2 އާއި ވިލިމާލެ-2ގައި ހިމަނާފައިވާ ގެދޮރުގެ އަދަދު މުޅި ރާއްޖޭގެ އާބާދީއާ އެއްވަރުވުމުން، ސަރުކާރުގެ ތަސައްވުރަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ގްރޭޓާ މާލެ ސަރަހައްދުގައި ވަޒަންވެރިކުރުމޭ ބުނަން ޖާގަ ލިބެ އެވެ.

ހަގީގަތަކީ އެއީ ކަމަށްވާ ނަމަ، ސަޕްލައި އިތުރުކޮށްގެން މައްސަލަ ހައްލުކުރެވިދާނެ ކަމަށް ބެލިދާނެ އެވެ. އާބާދީގައި ހިމެނޭ 338،000 ދިވެހިންނަށް ހުޅުމާލެ އާއި ވިލިމާލެ 2 އިން ފްލެޓާއި ގޯތި ދިނީމާ އެ ހިސާބުން އެކަން ނިމުނީ އެވެ. ވަރަށް ފަސޭހަ އެވެ. އެކަމަކު މައްސަލަ ދިމާވަނީ، އެންމެން ގްރޭޓާ މާލެ އަށް ބަދަލުކުރުމުގެ ސިޔާސަތެއް ނެތް ކަމަށް ރައީސް ޔާމީނާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ހިސާބުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުގެ މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ މާލޭގެ ތޮއްޖެހުމަށް ލުޔެއް ގެނެސް މިހާރު އެ ސަރަހައްދަށް ޖަމާވެ ތިބި، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންގެ އުނދަގޫ ދިރިއުޅުން ފަސޭހަކޮށްދިނުމެވެ؛ ދެން ހުރި ރަށްތައް ފަޅުކުރުމެއް ނޫނެވެ.

"ރާއްޖޭގެ އެއްވެސް އަތޮޅަކުން މީހުން ހުސްކުރުމަކަށް ސަރުކާރަކުން ނުނިންމާ. ހަމަ ގައިމު ވެސް މި ސަރުކާރުގެ ޕްލޭނަކު އެއެއް ނެތް. މި ދައްކަނީ މި އަންނަ އަހަރު އެ ތަން [ވިލިމާލެ 2] ހިއްކާފައި ވިލިމާލޭގައި ބައިވަރު 25 ބުރީގެ ފްލެޓްތަކެއް އަޅާފައި ރާއްޖޭގެ އެތަންމިތާނގައި ތިބި ތިން ލައްކަ ރައްޔިތުން ގެނެސް ވިލިމާލޭ ފިޒިކަލް ފަސްގަނޑަށް އަޅާ ވާހަކައެއް ނޫން،" ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި އެވެ.

"މާލޭގެ އާބާދީ ބޮއްސުންލައިގެން މި ދިޔައީ. މާލެ ފުރި ބަންޑުންޖެހުނީމާ އެންމެ ގާތް ތާކަށްތާ ދެން ދެވޭނީ؟ މި ތަން ޑީކޮންޖެސްޓް ނުކޮށް ހަމަ ގައިމު ވެސް ސަރުކާރަށާއި ރައްޔިތުންނަކަށް ލުޔެއް ނުލިބޭނެ."

އަތޮޅުތަކުގެ ތަރައްގީއާ މެދު މި ސަރުކާރުން ވެސް އިހުމާލުވެފައިވާ ކަމުގެ ތުހުމަތަށް ނިހާން ފަދަ ބޭފުޅުން ރައްދު ދެއްވަނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުންނެވެ. ބިން ހިއްކުމާއި ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި މަގު ހެދުމާއި އެއާޕޯޓް އެޅުން ފަދަ ކަންކަމުންނެވެ. އެއާ އެކު އޭނާ ވިދާޅުވަނީ ރާއްޖޭގައި އިތުރު އާބަން ސެންޓަރުތަކެއް އުފެއްދުމުގެ ތަސައްވުރު ރައީސް ޔާމީންގެ ވެސް އެބަ އޮތް ކަމަށެވެ.

"ހަމަ އާބާދީ ބޮޑު އާބަން ސެންޓަރުތަކަކަށް ފުރުސަތު ލިބެން ހުރި މިންވަރަކުން ރާއްޖޭގައި މެގަ ރަށްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް އެ ކުރައްވަނީ،" ނިހާން ވިދާޅުވި އެވެ.

"ހޯނޑެއްދޫ، ފަރެސްމާތޮޑާ، ނަޑެއްލާ، ފިޔޯރި މިފަދަ ރަށްތަކުގެ މީހުން އައިސް ވަޒަންވެރިވެގެން ތިބޭނެ ތަނެއް ދެއްކުމަށްޓަކައި ތިނަދޫގައި ފިޔަވަހި ދޭއް ހިއްކާފައި އެ އޮތީ. ކުޅުދުއްފުއްޓަކީ ފުރިފައި އޮތް ތަނަކަށް ވާތީ އިތުރަކަށް ހިއްކޭކަށް ނެތް. ނަމަވެސް އުތުރުން ހިއްކެވި ރަށްރަށް، މިސާލަކަށް ބ. އަތޮޅު އޭދަފުށި، ށ. އިން ތައްޔާކުރަމުން އެ ގެންދާ ފުނަދޫ، މި. މުލައް، ތ. ގުރައިދޫ، މި ކަހަލަ ބައެއް ރަށްރަށް ހިއްކެވުމުގައި ރައީސްގެ ވިސްނުންފުޅު އެހެރީ މުޅިން މި މޭރުމުން. ދެން މާލެއާ ކައިރިން ކ. ހުރާ، ގުރައިދޫ މި ރަށްރަށް މި ހިއްކަވަނީ ވެސް، ތުލުސްދޫ ހިއްކާފައި، ހިންމަފުށި ވެސް އެ ވަނީ ހިއްކާފައި މި ސަރުކާރުން. އެއީ މާލެ ސަރަހައްދު ފުރިގެންދާ އިރު ވެސް އަދި މިތާ ކައިރި ވަޒަންވެރިކުރުވާނެ ޖާގަ ލިބޭނެތީ."

އެކަމަކު ސިޔާސީ އިދިކޮޅު ފަރާތްތަކާއި އެހެނިހެން ފާޑުކިޔުންތެރިންނަށް، މި ސަރުކާރުގައި ސަރަހައްދީ ތަރައްގީގެ އިޚްލާސްތެރި ނިޔަތެއް އޮތް ތަނެއް ނުފެނެ އެވެ. އެ މީހުންގެ ފަރާތުން އިވެނީ މަޝްރޫއުތައް ކޮރަޕްޝަނުން ފޯވެފައިވާ ކަމުގެ ތުހުމަތުތަކާއި ރަށްރަށުގެ ތަރައްގީ އަށް ހޭދަކުރި ކަމަށް ސަރުކާރުން ބުނާ ފައިސާގެ އަދަދުތަކަކީ ހަގީގަތެއް ނޫން ކަމަށް ބުނާ ވާހަކަތަކާއި އެއާޕޯޓް އެޅުން ފަދަ މަޝްރޫއުތަކުގެ ހަގީގީ ފައިދާ ހޯދައިދޭން އުޅެނީ އާއްމުންނަށް ނޫން ކަމުގެ ކަންބޮޑުވުމެވެ.

އަލީ ގަބޫލުކުރައްވާ ގޮތުގައި މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތަކާއި ރައީސް ޔާމީން ދެއްވާފައިވާ ހިޖުރައިގެ ދައުވަތުން އެނގެނީ ނިހާން ފަދަ ބޭފުޅުން ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމެވެ.

"ޕީޕީއެމުން ދިފާއުގައި ވާހަކަ ދެއްކިޔަސް ޕޮލިސީ ލެވެލްގައި އެ ބުނާ އެއްޗަކީ މީހުން އިތުރަށް ގްރޭޓާ މާލެ އަށް ގެންނަންވީއޭ. އޭގެ މާނައަކީ ސަރަހައްދީ ތަރައްގީއަކަށް ނޫނޭ މަސައްކަތްކުރަނީ. ޖަސްޓިފައިކުރުމުގެ ގޮތުން ބަޔަކު ވާހަކަތަކެއް ދެއްކިޔަސް އެ މީހުން ބޭނުންވަނީ މާލެ އަށް އާބާދީގެ ބޮޑު ބައެއް ގެނެސް، ރަށްރަށުން ބައެއް ފަޅުކުރަން. މީހުން މަދުން އުޅޭ ކުދި ރަށްރަށް ފަޅުކޮށްފައި އެ ރަށްރަށް ވިއްކާލަން އުޅޭ ކަމަށް، ދައްކާ ވާހަކައިން، އަޅުގަނޑަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވަނީ ސަރުކާރުން އަތޮޅުތަކަށް ވުރެ މާލޭގެ ތަރައްގީ އިސްކޮށްފައިވާކަން އެނގޭ އެންމެ ބޮޑު ހެއްކަކީ ބަޖެޓުން ޚަރަދުކޮށްފައި ހުރި ގޮތް ކަމަށެވެ.

"ރައީސް ޔާމީންގެ ފަސް އަހަރުގެ ބަޖެޓުތަކަށް ބެލީމަ އެނގޭނެ، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްތަކުގެ ގާތްގަނޑަކަށް 49 ޕަސެންޓް އޮންނާނީ ގްރޭޓާ މާލެ ސަރަހައްދަށް ޚަރަދުކޮށްފައި. އިސްކަންދޭ ތަނަކަށް ބޮޑަށް ޚަރަދުކުރާނީ،" އޭނާ ވިދާޅުވި އެވެ.

ނަތީޖާއަކީ ތޮއްޖެހުން ހައްތަހާ ބޮޑުވުމުގެ ގެއްލުންތައް

މުޅި އާބާދީ އަށް ފުދޭ ވަރަށް ބޯހިޔާވަހިކަމާއި އިތުރު ބޮޑެތި ތަރައްގީ ގެނައުމުގެ ވައުދުތަކާއި ބްރިޖަކީ ރަށްރަށުގައި ތިބި އެންމެން މާލެ ސަރަހައްދަށް ދަމައިގަންނާނެ ދަގަތްފާނުތަކަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އެ ނިޔަތް އޮތް ކަމަށް ފާޅުގައި ސަރުކާރުން ނުބުންޏަސް ނުވަތަ ގަދަކަމުން ރަށްރަށުން މީހުން ބާލައިގެން ނުގެންދިޔަޔަސް އަމިއްލަ ޒާތުގައި އެކަން އެ ގޮތަށް ހިނގާނެ އެވެ. އޭގެ ފައިދާތަކެއް ހުންނާނެ އެވެ.

މުޅި އާބާދީ އެއް ތަނަކަށް ޖަމާވެފައި އޮންނަ އިރު، އެ އެންމެންނަށް ކަންކަން ކޮށްދޭން ސަރުކާރުން ކުރަން ޖެހޭ ހޭދަ ކުޑަވާނެ އެވެ. އެކަމަކު ތޮއްޖެހިގެން ދިރިއުޅުމުގެ އެތަކެއް ގެއްލުންތަކާއި ސިއްހީ އަދި އިޖުތިމާއީ މައްސަލަތަކަށް ބަލާ އިރު ހަގީގަތުގައި އެ ލިބެނީ ފައިދާއެއް ހެއްޔެވެ؟

އަލީ ދެކެވަޑައިގަންނަވާ ގޮތުގައި ބޯހިޔާވަހިކަމުގެ ހާލަތަށް އެކަނި ބެލިޔަސް، މާލެ ސަރަހައްދުން ލިބެން އޮތީ ދިވެހިންނަށް ހައްގުވާ ދިރިއުޅުމެއް ނޫނެވެ.

"އިންސާނުންނަކީ ބާރަ ފޫޓު، ބާރަ ފޫޓުގެ ހަތަރެސްކަން ގޮޅިއެއްގައި އުޅެން ޖެހޭ ބައެއް ނޫން. އެންމެން ގެނެސް ފްލެޓް ދިރިއުޅުމަކަށް އަޅާލީމާ އެ ލިބޭ ގެއްލުމަށް ވިސްނަން ޖެހޭނެ. ފްލެޓެއްގެ އުމުރަކީ ގާތްގަނޑަކަށް 20-30 އަހަރު. ފްލެޓަށް ދިޔައިމަ އަނެއްކާ ދަރިން ވެސް ފްލެޓް ހޯދަން ޖެހެނީ. ދެން [ވިލިމާލެ 2 އިން ދޫކުރާ] 1،000 އަކަ ފޫޓުގެ ބިމެއްގައި، ތަނަވަސްކޮށް އެޅޭނީ ދެ ކޮޓަރި އާއި ސިޓިން ރޫމެއް. ދެން އަނެއްކާ ބުރިބުރި އަށް ނަގަންވީ،" އަލީ ވިދާޅުވި އެވެ.

"އަހަރެމެންނަށް އުފަން ރަށުގައި ދިރިނޫޅެވޭ ކަމަށް ވަންޏާ، ހިޖުރަކުރަން ޖެހޭ ކަމަށް ވަންޏާ އެއިން އެނގެނީ ޕޮލިސީ ފެއިލްވެފައި އޮތްކަން."

އިންފްރާސްޓްރަކްޗަ ހެދުމަކުން ނުފުދޭ

އެންމެ ފަހުގެ ބޯހިމެނުމުން އެނގިފައިވާ ގޮތުގައި މާލެ އަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބަކީ ތައުލީމު ހޯދުމެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ބަޔަކު މާލެ ބަދަލުވަނީ ވަޒީފާ ހޯދާށެވެ. ރަށްރަށުގައި މަޝްރޫއުތަކެއް ހިންގައި ބަނދަރާއި ނަރުދަމާ ހެދުން ފަދަ ކަންކަން ކުރިޔަސް މާލެ އަށް ހިޖުރަކުރުން ނުހުއްޓޭނެ ކަމަށް ބައެއް މީހުން ދެކޭ ސަބަބަކީ މި އެވެ.

"މީހުން މާލެ ހިޖުރަކުރާ މައިގަނޑު ތިން ސަބަބުގެ ތެރޭގައި ނުހިމެނޭ، ރަށުގައި ބަނދަރު ނެތުން، ރަށުގައި ނަރުދަމާ ނެތުން، ނުވަތަ ފުޓްސަލް ދަނޑެއް ނެތުން،" ސަރަހައްދީ ތަރައްގީ އަށް ވަކާލާތުކޮށް އަޑުއުފުލަމުން އަންނަ ފާތުމަތު ސާއިރާ ފާހަގަކުރި އެވެ.

"ސުވާލަކީ ހިޖުރަކުރުން މަދުކޮށް ސަރަހައްދީ ތަރައްގީ އަށް މަގުފަހިކުރަން ހިންގުނީ ކޮން ޕްރޮޖެކްޓެއްހޭ؟ ސޯޝަލް ޖަސްޓިސް ގާއިމްކުރުމަށް، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ހިންގުނީ ކޮންކޮން ޕްރޮޖެކްޓެއްހޭ؟ ރާއްޖެތެރޭގައި ނަރުދަމާ ހެދިޔަސް އަދި އެހެނިހެން އިންފްރާސްޓްރަކްޗަ ޑިވެލޮޕްމެންޓް އަޔަސް ހިޖުރަކުރުން ނުހުއްޓޭނެ ދެއްތޯ، ހިޖުރަކުރާ މައިގަނޑު ތިން ސަބަބަށް ހައްލު ނުހޯދެންޏާ؟ މީހުން މާލެ އަށް ހިޖުރަކުރަނީ ތައުލީމާއި ވަޒީފާ ހޯދަން ނުވަތަ އާއިލާއާ އެކު ދިރިއުޅެން. އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަކީ ތަރައްގީގެ އެއް ތަނބު. އަދި ބާކީ އޮންނާނެ ދެމެހެއްޓެނެވި ތިމާވެއްޓަކާއި ސޯޝަލް ޖަސްޓިސް ވެސް."

ރާއްޖޭގެ އެހެން ހިސާބުތަކުގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކެއް ނެތް އިރު، މާލެ ސަރަހައްދުގައި ގެދޮރުގެ ސަޕްލައި އިތުރުކުރިޔަސް މާލޭގެ ޑިމާންޑަށް ބަދަލެއް ނާންނާނެ ކަމަށް އިގްތިސޯދީ ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވަ އެވެ. ރާއްޖޭގެ އިގްތިސޯދު ދިރާސާކުރައްވާ ތަޖުރިބާކާރު އިބްރާހިމް އާތިފް ޝަކޫރު ފާހަގަކުރައްވާ ގޮތުގައި ހަލުވިކަމާ އެކު ރަށްރަށުން މާލެ އަށް ހިޖުރަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑު އާބާދީއެއް އުފެދި ވިޔަފާރިތަކާއި ވަޒީފާތައް ޖަމާވެފައި ހުރީ މާލެ ސަރަހައްދުގަ އެވެ. އެހެންކަމުން، އެހެން ހިސާބުތަކުގައި އިޖުތިމާއީ އިންފްރާސްޓްރަކްޗާ ގާއިމްކުރަމުން ގެންދިޔަޔަސް، މީހުން ޖަމާވާނީ ވަޒީފާތައް ހުރި ތަނަކަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެހެންވީމާ ގެދޮރު އިތުރުކުރިޔަސް [މާލޭގެ] ތޮއްޖެހުމަށް ލުޔެއް ނުލިބޭނެ، ހައްތަހާ ވާނީ ގޯސް،" އާތިފް ވިދާޅުވި އެވެ.

"މާލެ ސަރަހައްދަށް ޖަމާވާ މީހުން ގިނަވާ ވަރަކަށް އިތުރު ވަޒީފާތައް އުފެދި އިތުރު ތަރައްގީ އަށް މަގުފަހިވާނީ. އެއީ ދުޅަހެޔޮ ކަމަކަށް ނުވަތަ ތިމާވެށި ދެމެހެއްޓޭނެ ކަމަށް ނުވެދާނެ. އެކަމަކު ކަން ހިނގާނެ ކަމަށް ލަފާކުރެވޭ ގޮތަކީ އެއީ."

ހައްލަކީ ސަރަހައްދީ އިގްތިސޯދީ ތަރައްގީ

ސަޕްލައި އިތުރުކުރުމަކީ މާލޭގައި ބޯހިޔާވަހިކަމުން މަހުރޫމްވެފައި ތިބި މީހުން ގެދޮރުވެރިވެދާނެ ސިޔާސަތަކަށް ވެދާނެ އެވެ. އެކަމަކު އެ ސިޔާސަތުން މާލޭގެ ޑިމާންޑް ކުޑަވެ ތޮއްޖެހުމާއި ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ނުވާނެ ކަމަށް ވަކާލާތުކުރެވެން އޮތް ސަބަބަކީ ހަގީގީ މާނައެއްގައި ސަރަހައްދީ ތަރައްގީ ގެނައުމުގެ ރޭވުންތަކެއް ނެތުމެވެ. މާލޭގެ ތޮއްޖެހުމާއި ކުލި ބޮޑުވުމުގެ މައްސަލައިގައި އަލީ ފަދަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހަމައެކަނި ހައްލަކީ މާލެ އަށް އޮތް ޑިމާންޑް އެހެން ދިމަދިމާލަށް އަނބުރާލުމެވެ. އޭގެ މާނައަކީ، މާލެ ނޫން ދެތިން ސަރަހައްދެއް އިގްތިސޯދީ މަރުކަޒުތަކަކަށް ހެދުމެވެ.

"ރާއްޖޭގައި ބޮޑެތި ބިންތައް ހުއްޓާ، ހަމަ މާލެއާ ކައިރިން ކަނޑަށް ފަސް އަޅައިގެން އިތުރަށް ބިން އުފެއްދުމަށް ވުރެ އިކޮނޮމިކަލީ ވެސް މާ ވަޔަބްލް، ރާއްޖޭގައި ހުރި ބޮޑެތި ރަށްރަށް ތަރައްގީކުރުން،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެ އަށް ވުރެ ބޮޑެތި ރަށްރަށް ހުއްޓާ ކީއްކުރަން ދައުލަތަށް މި ލިބޭ ފައިސާކޮޅުން މާލެ ކައިރި ހިއްކަނީ؟ އޭގެ ބަދަލުގައި ރާއްޖޭގެ ދެ ކޮޅާއި މެދުގައި އިގްތިސޯދީ މަރުކަޒުތަކެއް ތަރައްގީކުރަންވީ. މިހާރު ޓެކްނޮލޮޖީ އާއި ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަންގެ ވަސީލަތްތައް ކުރިއަރައިގެން ގޮސްފައި އޮތް އިރު އެންމެން އެއް ތަނަކަށް ތޮއްޖެހިގެން އުޅޭކަށް ނުޖެހޭ."

ފުރަތަމަ ސުވާލު: ހަގީގަތުގައި ވެސް ސަޕްލައި އިތުރުކުރާނެތަ؟

މާލޭގައި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު ހޯދައިދިނުމުގެ ފޮނި ހުވަފެންތައް ކޮންމެ ސަރުކާރަކުން އަދި ކޮންމެ ރިޔާސީ ކެންޑިޑޭޓަކު ވެސް ދައްކަ އެވެ. އެކަމަކު އެއްވެސް ބަޔަކު އެ ވައުދުތައް ފުރިހަމަކޮށްދީފައެއް ނެތެވެ. ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް ނެރެފައި ހުއްޓަސް ހާލަތު ބަދަލުވާ ކަހަލަ ކުރިއެރުމެއް ލިބިފައި ނެތީ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހަމައެކަނި ދޫކޮށްފައި ވަނީ އެމްޑީޕީ ސަރުކާރުގައި އަޅަން ފެށި 704 ފްލެޓެވެ. ފުރަތަމަ ދައުރުގައި މި ސަރުކާރުން އަޅައި ދޫކުރާނެ ކަމަށް ބުނި 7،000 ފްލެޓުގެ މަސައްކަތް އަދި ކިރިޔާ ނިމުމަކަށް އަންނަ އިރު އެ ފްލެޓްތަކުގައި ދިރިއުޅެން ފެށޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝުން މިހާރު ބުނާ ތާރީޚަކީ އަންނަ އަހަރުގެ ނިޔަލެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 80،000 މީހުންނަށް ދިރިއުޅެވޭ ގޮތަށް ކުންފުނިތަކުން އަޅާ 15،000 ފްލެޓް އަންނަ އަހަރު ނިމޭނެ ކަމުގެ ވައުދާއި 80،000 ފްލެޓާއި ބިން ދޫކުރާ ވިލިމާލެ 2 މަޝްރޫއުއާ އެކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ފްލެޓް އަޅައި 2030ގެ ނިޔަލަށް 18 އަހަރު ފުރޭ ކޮންމެ މީހަކަށް ފްލެޓެއް ނުވަތަ ބިމެއް ލިބޭނެ ކަމުގެ ހުވަފެން ވެސް އެބަ އޮތެވެ.

އެކަމަކު މާޒީގެ ތަޖުރިބާ އަށް ބަލާ އިރު މި ވައުދުތައް ފުއްދަފާނެ ހެއްޔެވެ؟

"ހުރިހާ ސަރުކާރުތަކަކުން އިޖުތިމާއީ ބޯހިޔާވަހިކަން އެހާ ބޮޑު ކަމަކަށް ހަދަނީ ކީއްވެ؟ އެއީ އަމިއްލަ ބިންކޮޅެއް އޮތުމަކީ ހުރިހާ ގައުމެއްގައި ވެސް އެންމެންގެ ހުވަފެނަކަށް ވާތީ. އަޅުގަނޑުމެންގެ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި އެކަން އަދި މާ ބޮޑަށް އެބަ އޮވޭ. ސަބަބަކީ ބިމަކީ ތަދު އެއްޗެއްކަން އެނގޭތީ،" އާތިފް ވިދާޅުވި އެވެ.

"އަމިއްލަ ބޭނުމަށް މި އަސާސީ އެދުމުގެ ފައިދާ ނަގަން ސިޔާސީ މީހުން ވަރަށް މޮޅު. އަޅުގަނޑުގެ އަމިއްލަ ޚިޔާލަކީ، ތަރައްގީގެ މިފަދަ ވައުދުތަކަކީ ކެމްޕެއިން ދަންތަރުތަކެކޭ އަދި މި ކަންކަން ހަގީގަތަކަށް ނުވާނެ ބައިވަރު ސަބަބުތައް އެބަ ހުއްޓޭ."

އެކަމަކު ފަހަރުގައި، މިހާރަށް ބަލާ އިރު، މިފަދަ ބިޔަ މަޝްރޫއުތަކަކީ ހާސިލްކުރެވިދާނެ އަމާޒުތަކެއްތޯ ނުވަތަ ނޫންތޯ އަށް ވުރެ ބޮޑު ސުވާލަކީ އެކަން ކޮށްފާނެތޯ އެވެ. ބޯހިޔާވަހިކަން ފަދަ ބޮޑު އުއްމީދެއް ފުރިހަމަކޮށްދީފި ނަމަ، ރައްޔިތުންގެ އިހުސާސްތަކާ ކުޅެގެން ވޯޓު ހޯދަން ދައްކާނެ މިފަދަ ދެވަނަ ހުވަފެނެއް އޮންނާނެ ހެއްޔެވެ؟

"މި ކަހަލަ ބައިވަރު ވައުދުތައް ނުފުއްދިފައި އެބަ ހުރި. އެހެންވީމާ މިއީ ހަމަ ކެމްޕެއިނަށް ބުނާ އެއްޗެއް. ހުރިހާ އެންމެން މީގައި [ވިލިމާލެ 2] ޖެހިގެން، ގޯތި ލިބޭނެއޭ، އެ ވިސްނުމުގައި ވޯޓުތަކެއް އަންނާނެ ކަމަށް ބަލައިގެން ދެއްކި ވާހަކައެއް ކަމަށް ބޮޑަށް ގަބޫލުކުރެވެނީ،" އަލީ ވިދާޅުވި އެވެ.

ކުލީގެ މައްސަލައިގައި މިހާރު ވެސް ފިޔަވަޅު އެޅިދާނެ

މާލޭގެ ކުލި ކޮންޓްރޯލް ނުކުރިޔަސް ކުލީގެ މައްސަލައިގައި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ. ކުއްޔަށް ހިފާ މީހާގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތެއް ނެތި އެތައް ބަޔަކު ބޮޑެތި ތަކުލީފުތައް އުފުލަމުންދާ ހާލަތު މި ވަގުތު ވެސް ބަދަލުކޮށްލެވިދާނެ އެވެ. ދެ ފަރާތަށް ވެސް އިންސާފުވެރި މުއާމަލާތެއްކަން ކަށަވަރުކުރެވޭނެ އުސޫލުތަކެއް ސަރުކާރުން ހަދައި ތަންފީޒުކޮށްގެންނެވެ.

އެކަމަކު ކުލި ކޮންޓްރޯލްކުރުމަކީ ހައްލަކަށް ނުވާ ފަދައިން ސަޕްލައި އިތުރުކުރުމަކީ ވެސް ހައްލެއް ކަމަކަށް އަލީ ދެކެވަޑައެއް ނުގަންނަވަ އެވެ. މާލެ އަށް މި ބޮޑު ޑިމާންޑް އޮތްހާ ހިނދަކު ކުލި ކުޑަވެގެން ނުދާނެތީ އެވެ.

"ހަމައެކަނި ހައުސިން އިތުރުކޮށްގެން މިކަން ހައްލުކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި ހޯދަންވީ މާލެ އަށް އޮތް ޑިމާންޑް ކުޑަކުރެވޭނެ ގޮތެއް،" އޭނާ ވިދާޅުވި އެވެ.

"އެހެން ސަރަހައްދުތައް ތަރައްގީކުރީމަ މާލެ އަށް ލުއި ލިބޭނެ. މީހުން އަނބުރާ ރަށްރަށަށް ދާން ފަށާނެ. އެ ބަދަލު ގެނެވޭނީ އުތުރާއި ދެކުނުގައި އިގްތިސޯދީ ހަރަކާތްތައް ހިންގާ، ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް އެ ތަންތަނުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީގެން."