Roadha Mihaaru
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!

100 ދުވަހުގެ އެންމެ ބޮޑު ބަދަލު: "ކޮތަރު ކޮށީ"ގެ ސިފަ ކަނޑުވާލުން!

11 އެޕްރީލް 2019

އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ފުންކޮށް ވިސްނައިގެން ކުރި ކަމެއް ހެއްޔެވެ؟ އެއީ އެޗުޑީސީގެ އޭރުގެ ވެރިންނަށް، ދިވެހިންގެ ހާލަތު ވަޒަންކުރެވުނު ގޮތް ހެއްޔެވެ؟ އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ރައްޔިތުންނަށް "ހައްގު މިންވަރު" ކަމަށް ގަބޫލުފުޅުކުރެއްވި ވަރު ހެއްޔެވެ؟

މޫސާ ލަތީފް މޫސާ ލަތީފް

އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ފުންކޮށް ވިސްނައިގެން ކުރި ކަމެއް ހެއްޔެވެ؟ އެއީ އެޗުޑީސީގެ އޭރުގެ ވެރިންނަށް، ދިވެހިންގެ ހާލަތު ވަޒަންކުރެވުނު ގޮތް ހެއްޔެވެ؟ އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ރައްޔިތުންނަށް "ހައްގު މިންވަރު" ކަމަށް ގަބޫލުފުޅުކުރެއްވި ވަރު ހެއްޔެވެ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މައްޗަށް ނަގާފައިވާ 25 ބުރީގެ ފްލެޓް ޓަވަރުތަކުގެ ހަގީގަތް އެނގޭ މީހެއްގެ ހިތަށް އެ ސުވާލުތައް އެރުން އެކަށީގެންވެ އެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރަކުން ބޯހިޔާވަހިމަކަށް ފެށި އެންމެ ބޮޑު މަޝްރޫއު، "ހިޔާ މަޝްރޫއު" ގައި ހިމެނޭ 7،000 ފްލެޓްތަކުގެ ހާލަތު އޮތީ "ކޮތަރު ކޮށީ"ގެ ބައްޓަމަށެވެ. (މާލޭގައި ކުރިން އެކި ގޭގޭގައި ކޮތަރު ގެންގުޅުނު އިރު، އެ އެއްޗެހި ނިދަން ވަރަށް ކުދިކުދި ކޮޓަރިތަކެއް ހިމެނޭ ގޮތަށް ލަކުޑިން ކުދިކުދި ގެ ހަދާފައި ހުރެ އެވެ.)

ބޭރުން ބަލާއިރު އިމާރާތް ރީތިވެދާނެ އެވެ. އެކަމަކު އެތެރޭގައި ހުރި ފްލެޓްތައް އެހާ ކުއްޖެވެ. އެއީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އުސް އިމާރާތްތައް ކަމަށް ވިޔަސް، އެއިން ޓަވަރެއްގައި އެންމެ ތިނެއް، ނުވަތަ ދެ ލިފްޓް ހުރުމުން، ތަނުގެ ވަޒަންވެރިންނަށް އެ ދެވެނީ އަނިޔާއެކެވެ. ދެ ކޮޓަރި އާއި ދެ ފާހާނަ އާއި ބަދިގެ އާއި ސިޓީން ރޫމެއް، އެންމެ 550 އަކަފޫޓަށް ފައްތާލުމުން، ރައްޔިތުންގެ ދިރިއުޅުން ވެސް އެހާމެ ބޮޑަށް ފިއްތާލެވެނީ އެވެ.

އެކަމަކު ގެދޮރަށް ޖެހިފައިވާ 7،000 މީހުންނަށް އެ ވެސް ރަންގަނޑަކަށް ވެދާނެ އެވެ. މައްސަލައަކީ އެއް ތަނަކަށް އެތައް ހާސް އާއިލާއެއް ޖަމާކުރާ އިރު އެ މީހުން އުޅެން ޖެހޭނެ ހާލަތަށް އޭރުގެ ސަރުކާރުން ވިސްނާފައި ނުވުމެވެ. ހާލުގައި ތިބި ބަޔަކަށް އިތުރު ގޮތެއް ނެތުމުން، ކޮންމެ އެއްޗެއް ވެސް ގަބޫލުކުރާނެތީ އޭގެ ނުބައި ފައިދާ ކުރީގެ ސަރުކާރުން އެ އޮތީ ނަގަން ނިންމައިފަ އެވެ.

އާ ސަރުކާރުން ގަބޫލުކުރާ "ހައްގު މިންވަރު" މާ މަތި

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ޓީމަށް އެކަން ގަބޫލެއްނުކުރެއްވުނެވެ. އަދި އެއީ ގެދޮރަށް ޖެހިފައިވާ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް އާ ސަރުކާރުން ހަމައެކަނި ގަބޫލުކުރީކީ ވެސް ނޫނެވެ. މަޝްރޫއުއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ތިން ކޮޓަރީގެ ފްލެޓްތައް ހަދަން ވެސް ނިންމީ އެވެ.

މިއީ އާ ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހު ފެނުނު އެންމެ ބޮޑު ބަދަލެވެ. އޭގެ ސަބަބުން އެތައް ހާސް ދިވެހިންނެއްގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނެސްދޭނެ ވަރުގަދަ ނިންމުމެކެވެ.

"ބަލަންވާ ވަރަށް ނުބެލި، [ހަމައެކަނި] ނަންބަރުތައް އިތުރުކުރަން [އިމާރާތް] ކުރެވިފައި ހުރި ތަން [ފެންނަނީ]."

ހައުސިން ޑިވެލޮޕްމަންޓް ކޯރަޕޭޝަން (އެޗުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު"ގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުގެ މައިގަނޑު މައުލޫއު ބިނާކުރެއްވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނަށް އޭރުގެ ސަރުކާރުން ދިން 369 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ)ގެ ސޮވެރިން ގެރެންޓީއާ އެކު ނެގި ލޯނުގެ ދަށުން ހިންގާ މަޝްރޫއަށެވެ. ސުހައިލް އަކީ އެޗުޑީސީން ކުރިން ހިންގި ހައުސިންގެ އެތައް މަޝްރޫއުއެއްގެ ތަޖުރިބާކާރެކެވެ. އެކަމަކު އަލުން އޭނާ އެޗުޑީސީއާ ހަވާލުވެވަޑައިގެންނެވި އިރު ފެނިވަޑައިގަތީ، ކުރިން އިސް މަގާމުތަކެއް އަދާކުރެއްވި ކުންފުނި އޭރު އޮތް ހާލަތެއް ނޫނެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ލާން ގޮސް ތިބި ބަޔަކު ކިޔޫ ނަންބަރު ބަލަނީ: 7000 ފްލެޓް ލިބޭ މީހުން ކުރީގެ ސަރުކާރުން ކަނޑަ އެޅި

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ލާން ގޮސް ތިބި ބަޔަކު ކިޔޫ ނަންބަރު ބަލަނީ: 7000 ފްލެޓް ލިބޭ މީހުން ކުރީގެ ސަރުކާރުން ކަނޑަ އެޅި

ހާއްސަކޮށް 7،000 ފްލެޓް މަޝްރޫއުން އޭނާއަށް ލިބިވަޑައިގަންނަވާ އުދާސްތައް ގިނަ އެވެ. ދިގު މުއްދަތެއްގައި އުޅެން ރައްޔިތުންނަށް ހަދައިދޭ ގެދޮރު، އެހާ އުސް އިމާރާތްތަކެއްގައި އަދި އެހާ ބޮޑު ތޮއްޖެހުމެއް އަންނާނެ ގޮތަށް އިމާރާތްކުރަން އޭރުގެ ސަރުކާރުން ނިންމުމުން ވެސް އޭނާ ހައިރާންވެވަޑައިގަނެ އެވެ.

"ހުޅުމާލެ ދެ ވަނަ ފިޔަވަހި [ޑިޒައިންކުރީ] 160،000 މީހުންނަށް. ސޯޝަލް ހައުސިން 25 ބުރިއަށް ނުދިޔަސް އެކަން ކުރެވޭނެ،" އެހާ އުސް އިމާރާތްތަކެއް ހަދާއިރު ފަހުން ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވާނެ ފިޔަވަޅުތައް ވެސް އެޅެން ނެތްކަން ފާހަގަކުރައްވަމުން ސުހައިލް ވިދާޅުވި އެވެ.

"ބަލަންވާ ވަރަށް ނުބެލި، [ހަމައެކަނި] ނަންބަރުތައް އިތުރުކުރަން [އިމާރާތް] ކުރެވިފައި ހުރި ތަން [ފެންނަނީ]."

އޭނާ ވިދާޅުވި ގޮތުގައި 550 އަކަފޫޓުގެ ފްލެޓަކަށް ޖެހޭ އަގުގެ ނިސްބަތުން ވެސް ބޮޑެތި ސުވާލުތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ މަޝްރޫއު ނިމޭއިރު އެއްވެސް ފްލެޓެއްގައި ތަށި މުށި ޖެހުމާއި ކުލަ ލުން ހިމަނާފައި ނުވުމެވެ. އެއީ އެތައް ހާސް ބަޔަކު އުޅެން ވަންނަ ތަނަކަށް ބަލާއިރު ދޫކޮށްލައިގެން ނުވާނެ ކަންކަން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ތަށިމުށި ޖެހުމާއި ކުލަ ލުން ފަދަ ކަންކަން ކުރާ ނަމަ މަޝްރޫއުއަށް އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ބޭނުންވެ އެވެ. އޭގެ މާނައަކީ މިހާރު ފްލެޓަކަށް ޖެހޭ އަގު ބޮޑުވެ، މަހަކު ދައްކަން ޖެހޭ އެއްޗެއް ވެސް މައްޗަށް ދިއުމެވެ.

ސުހައިލް ވިދާޅުވި ގޮތުގައި މަޝްރޫއުއަށް ހިނގާ ހަރަދަށް ބަލާ ނަމަ، ފްލެޓް ލިބޭ މީހުން މަހަކު ދައްކަން ޖެހޭ އަދަދު 11،000ރ އަށް އަރާނެ އެވެ. މިއީ ސޯޝަލް ހައުސިން ސްކީމްތަކުން މިހާރު ދޫކޮށްފައިވާ ފްލެޓްތަކުން މަހަކު ދައްކާ އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނައާ އެއްވަރުގެ ބޮޑު އަދަދެކެވެ.

ތިން ކޮޓަރީގެ ފްލެޓާ އެކު ހަމަޖެހުމެއް

ހިޔާ މަޝްރޫއުއާ ގުޅޭ ބޮޑެތި ސުވާލުތަކާއި ގޮންޖެހުންތަކެއް ހުއްޓަސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންނަން ނިންމި ބަދަލުތަކުން އާންމުންނަށް ހަމަޖެހުމުގެ ނާވާއެއް ލެވޭނެ އެވެ. ދެ ކޮޓަރީގެ ބަދަލުގައި އެ މަޝްރޫއުގައި 2،500 ފްލެޓް ދެން ހަދާނީ ތިން ކޮޓަރި ހިމެނޭ ގޮތަށެވެ. ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކަށް ވާނީ، މިހާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވި ގޮތުން ނަމަ، 1،104 އެވެ. އެހެންކަމުން 7،000 ފްލެޓްގެ ބަދަލުގައި އެ މަޝްރޫއުގައި ދެން ހިމެނޭނީ ގާތްގަނޑަކަށް 3،600 ފްލެޓެވެ.

މީގެ ކުރިން ހިންގާފައިވާ ސޯޝަލް ހައުސިންގެ މަޝްރޫއުތަކުގައި ވެސް އާންމުކޮށް ހިމެނެނީ ތިން ކޮޓަރީގެ ފްލެޓެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ދިވެހި އާއިލާތައް އުޅެނީ މައިންބަފައިން ވެސް ގޮވައިގެންނެވެ. މިހާރުގެ އެވްރެޖް އާއިލާއެއްގައި ދެ ކުދިން ނުވަތަ ތިން ކުދިން ތިބޭ އިރު، މާމަ އާއި ކާފައާ އެކު ހައެއްކަ މީހުން ފްލެޓެއްގައި ދިރިއުޅެ އެވެ. އެހެންކަމުން ސުހައިލް ވިދާޅުވީ "ސޯޝަލް ހައުސިންއޭ ކިޔަސް [އެއީ] އާއިލާތައް ދިގު މުއްދަތެއްގައި އުޅޭ ތަންތަން" ކަމަށެވެ.

"އެއީ ކްރައިސިސްއެއް އައިސްގެން ވަންނާނެ ތަނެއް ނެތިގެން ވަންނަ ތަންތަނެއް ނޫން،" ސުހައިލް ވިދާޅުވި އެވެ.

އެހެންކަމުން "[އަދަދު] އިތުރުކޮށްލާކަން ނޫން [ބަލަން ޖެހޭނީ]. އެކަށީގެންވާ ތަންތަނަށް ވެސް ވާން ޖެހޭނެ."

އާ ސަރުކާރުން ދީފައި އެ ވަނީ ފްލެޓް ލިބޭ ގިނަ ބަޔަކަށް އުފާވެރި ހަބަރެކެވެ. ބިޔަ ގިނަ ޓަވަރުތަކެއް ދެން ބަދަލުވެގެން ދާނީ "ކޮތަރު ކޮށީ"ގެ ސިފަތަކަށް ވުރެ، ބަޔަކަށް ހަމަ ނޭވާ ލެވިގެން އުޅެވޭނެ ތަންތަނަށެވެ. އެއީ އެފަދަ މަޝްރޫއުއެއްގައި އެންމެ ކުޑަވެގެން ވެސް ދިވެހި ރައްޔިތުންނަށް "ހައްގުވާ މިންވަރު" ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅުކުރައްވާ މިންވަރެވެ.