Roadha Mihaaru
މެސީގެ ޖާޒީ ހޯދަން ވިސްނާނީ ފަހުން: ވެން ބޮމެލް

މެސީގެ ޖާޒީ ހޯދަން ވިސްނާނީ ފަހުން: ވެން ބޮމެލް

18 ސެޕްޓެމްބަރ 2018

ބާސެލޯނާ (ސެޕްޓެމްބަރު 18) - ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ ޖާޒީ ހޯދަން ވިސްނަންވީ މެޗަށް ފަހު ކަމަށް ޕީއެސްވީގެ ކޯޗު އަދި ބާސެލޯނާ އަށް ކުރިން ކުޅުނު މިޑްފީލްޑަރު މާކް ވެން ބޮމެލް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ސެޕްޓެމްބަރު 18) - ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ ޖާޒީ ހޯދަން ވިސްނަންވީ މެޗަށް ފަހު ކަމަށް ޕީއެސްވީގެ ކޯޗު އަދި ބާސެލޯނާ އަށް ކުރިން ކުޅުނު މިޑްފީލްޑަރު މާކް ވެން ބޮމެލް ބުނެފި އެވެ.

މި ސީޒަނުގައި ބާސެލޯނާ އިން އެންމެ ބޮޑަށް މަސައްކަތްކުރާނީ ޗެމްޕިއަންސް ލީގު ހޯދަން ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ބުނެފަ އެވެ. މިދިޔަ ތިން އަހަރު ވެސް އެ ޓީމަށް ސެމީ ފައިނަލުގެ ފުރުސަތު ވެސް ނުލިބި ކެޓިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބާސެލޯނާގެ އެންމެ ވާދަވެރި ކްލަބް ރެއާލް މެޑްރިޑުންނެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ފުރަތަމަ މެޗުގައި ޕީއެސްވީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ބެންޗުގައި ހުރީ ބާސެލޯނާ އަށް ފަރިތަ މޫނެކެވެ. ބާސެލޯނާ އަށް 2005-2006 ވަނަ ސީޒަނުގައި ކުޅެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ.

ވެން ބޮމެލް ބުނީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ މެސީ ކަމަށާއި އެކަމާ ދެބަސްވެވެން ނެތް ކަމަށެވެ.

"ބާސެލޯނާގައި ހުރީ ހަމައެކަނި މެސީ އެއް ނޫން. ތެދެއް އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ. ހުރިހާ ފަހަރަކު ބެލޮންޑިއޯ ނުލިބުނަސް އެއީ ހަގީގަތެއް. އަހަރެން ކުޅުންތެރިން ގާތުގައި ބުނާނަން މެސީގެ ޖާޒީ ހޯދަން ވިސްނަންވީ މެޗުގެ ފަހުން ކަމަށް. އެއީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެ ގޮތަށް ވިސްނައިގެން ކަމަކު ނުދާނެ. އަހަންނަށް އެނގޭ ވަރަށް ގިނަ ކުޅުންތެރިން މެސީގެ ޖާޒީ ބޭނުންވާނެކަން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެން ބޮމެލް ބުންޏެވެ.

ވެން ބޮމެލް ބުނީ މިހާރު ބާސެލޯނާގައި އޮތް ޓީމަކީ އޭނާ އަށް މާ ބޮޑަށް އެނގޭ ޓީމެއް ނޫން ކަމަށެވެ.

"އަހަރެން ހުރިއިރު ކުޅުނު ކުޅުންތެރިއަކަށް މިހާރު ހުރީ މެސީ. އެއީ 2005 މާ ދުރު ހަނދާންތަކެއް ނެތް. ބާސެލޯނާ އަކީ އޭރު ވެސް މިހާރު ވެސް ގަދަ ބާރެއް،" ވެން ބޮމެލް ބުންޏެވެ.

ބާސެލޯނާ އިން މި ސީޒަނުގައި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ކުޅުމުގެ ފުރުސަތު ނުދޭކަމަށް ބުނެ މީޑިއާގައި އަންނަނީ ގިނަ ވާހަކަތަކެއް ދެކެވެ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމަށް މުހިއްމު ކަަމަށާއި ހުރިހާ ކުޅުންތެރިންގެ ބޭނުން ޖެހޭނެ ކަމަށެވެ.

މިރޭ ޕީއެސްވީ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:55 ގަ އެވެ.