Roadha Mihaaru
ހައްޔަރު ކުރިއަސް ޖެހިލުމެއް ނުވޭ: ހިޔަލީ

އިދިކޮޅާ ގުޅުނީތީވެ ހައްޔަރު ކުރިއަސް ޖެހިލުމެއް ނުވޭ: ހިޔަލީ

21 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން ދޫކުރައްވައި، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ބައިއަތު ހިފުމާ ގުޅިގެން ހިތްހަމަނުޖެހި އޭނާ ހައްޔަރު ކުރިއަސް ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް މުހައްމަދު ރަޝީދު (ހިޔަލީ) މިރޭ ވިދާޅުއްޖެ އެވެ.

ފަޒީނާ އަހުމަދު ސ. ހިތަދޫން ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީން ދޫކުރައްވައި، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ބައިއަތު ހިފުމާ ގުޅިގެން ހިތްހަމަނުޖެހި އޭނާ ހައްޔަރު ކުރިއަސް ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް މުހައްމަދު ރަޝީދު (ހިޔަލީ) މިރޭ ވިދާޅުއްޖެ އެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ހިޔަލީ އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަތީ ވަރަށް ފަހުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކޮޅު ބަދަލު ކުރެއްވި ސަބަބާ މެދު މިހާތަނަށް ހުންނެވީ އެއްޗެއް ވިދާޅު ނުވެ އެވެ. އެކަމަކު އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމަން ސ. ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެން، ހިޔަލީ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި، ރައީސް ޔާމީނާ ދުރަށް ވަޑައިގަތް ސަބަބު ވެސް ކިޔައި ދެއްވި އެވެ.

އަޅުގަނޑުގެ ނެތް އަމިއްލަ އެދުމެއް، އަޅުގަނޑު ބޭނުންވާ ވަޒީފާއެއް ވެސް ނޯންނާނެ. --ހިޔަލީ

ހައްޔަރުކުރިއަސް ބިރެއްނެތް ކަމަށް ހިޔަލީ އެ ވިދާޅުވީ، އޭނާ ހައްޔަރުކުރަން ފުލުހުން އެ ގެއަށް ދިޔަ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އިބޫ އަށް ވޯޓު ދެއްވާތީ، ހިތްހަމަނުޖެހިގެން ކޯޓު އަމުރެއް ނެރެގެން ހައްޔަރުކުރިއަސް ބިރެއް ނުގަންނާނެ ކަމަށް ހިޔަލީ ވިދާޅުވި އެވެ.

"އަޅުގަނޑަކީ ކެރޭ މީހެއް، ކަހިރުވަކެކޭ ވެސް ހިތަކަށް ނާރާ،" ރައްޔިތުންގެ މަޖިލިހުގެ އައްޑު އަތޮޅު ގޮނޑި، ހަތަރު ދައުރު ފުރުއްވާފައިވާ ހިޔަލީ ވިދާޅުވި އެވެ.

"ލާހިކެއް ނޫން، ވައްކަމުގެ ކަމެއްގައި ވެސް، ލާހިކެއް ނޫން ރިޝްވަތުގެ ކަމެއްގައި ވެސް އަޅުގަނޑު ހައްޔަރުކުރާކަށް، އަޅުގަނޑަކީ އެކަހަލަ މީހެއް ނޫން."

އިދިކޮޅު ޕާޓީތަކުން ހިތަދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ/އެމްޑީޕީ

އިދިކޮޅު ޕާޓީތަކުން ހިތަދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ/އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކާ އޭނާ ނުގުޅެންވީ ސަބަބެއް ނެތެވެ. އޭނާ އަކީ، ސަރުކާރުން ފައިދާތަކެއް ލިބޭ މީހުން ނޫން ކަމަށާއި އަބަދުވެސް މިނިވަނެއް ކަމަށް ވިދާޅުވި އެވެ.

ވަކި ހިސާބަކުން ސިޔާސީ ވިސްނެވުން ބަދަލުކުރެއްވީ، ހިޔަލީ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގޮނޑިއަކަށް ނުވަތަ އެހެން މަގާމަކަށް ވެސް ކުރިމަތިލައްވާ ކަށެއް ނޫނެވެ. ހަަމައެކަނި ބޭނުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޕީޕީއެމްގެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ލީޑަރުން މިނިވަންކުރަން އިބޫ އަށް ބައިތު ހިފަން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލީޑަރުން ހައްޔަރުކޮށްފައި ވަނީ، އިންސާފުން ކަމަށް ގަބޫލު ނުކުރައްވަ އެވެ.

"އަޅުގަނޑުގެ ނެތް އަމިއްލަ އެދުމެއް، އަޅުގަނޑު ބޭނުންވާ ވަޒީފާއެއް ވެސް ނޯންނާނެ. ސަރުކާރުގެ ވަޒީފާއެއް ބޭނުމެއް ވެސް ނެތް،" ހިޔަލީ ވިދާޅުވި އެވެ.

ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާގެ ކުރީގެ މެމްބަރު ހިޔަލީ މުހައްމަދު ރަޝީދު ވާހަކަ ދައްކަވަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާގެ ކުރީގެ މެމްބަރު ހިޔަލީ މުހައްމަދު ރަޝީދު ވާހަކަ ދައްކަވަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމަކީ އޭނާ އަށް އެކި ގޮތްގޮތުން އެހީވެދެއްވާ ބޭފުޅެއް ކަން ފާހަގަކުރައްވައި، މައުމޫން ސަލާމަތްކުރަން އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމަށް ނާޒިމް ވެސް އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. އިބޫ އަކީ ތެދުވެރި އިޚްލާސްތެރިއެއް ކަމަށް ވިދާޅުވެ، ތައުރީފް ކުރެއްވި އެވެ. އަދި ވިދާޅުވީ އިބޫ އަށް ތާއީދުކުރަން ނިންމެވީ އޭނާގެ ހަގީގަތް އެނގިވަޑައިގެން، އިތުބާރު ކުރެއްވޭތީ އެވެ.

ރައީސް ޔާމީނާ، ހިޔަލީ ދުރަށް ވަޑައިގެންނެވިއިރު، 2013 ގައި އެމަނިކުފާނު ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވައި މާލީ ގޮތުން ވެސް އެހީ ވެދެއްވި އެވެ. އެމަނިކުފާނާ އެކު ޕީއޭ އުފެއްދެވުމާއި ޑީއާރްޕީގައި ވެސް އިސްކޮށް ހިޔަލީ އުޅުއްވި އެވެ. އަދި ފަހުން ޕީޕީއެމް އުފެއްދެވުމުގައި ވެސް ހިޔަލީ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.

މި ސަރުކާރުގައި ހިޔަލީ ހުންނެވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝްއަރެންސްގެ ޗެއާމަންގެ މަގާމުގަ އެވެ.