Roadha Mihaaru
އަދީބުގެ ވަކީލް އުޅުއްވާ އެޕާޓްމަންޓް ފާސްކޮށްފި

އަދީބުގެ ވަކީލް އުޅުއްވާ އެޕާޓްމަންޓް ފާސްކޮށްފި

21 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށްތަކެއް ކުރި ކަމެއް ބުނެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ހަވާލާ ދެއްވައި ދޮގު ވާހަކަތަކެއް ފެތުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި، އަދީބުގެ ވަކީލް މޫސާ ސިރާޖްގެ އެޕާޓްމަންޓް މިއަދު ފާސްކޮށް ފުލުހުން ބައެއް ތަކެތި ގެންގޮސްފި އެވެ.

ގ. ހުމަށިގޭ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓް ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެތަން ފާސްކުރަނީ ރައީސް ޔާމީނާއި އެހެން ބަޔަކު ޖިނާއީ ކުށްތަކެއް ކުރި ކަމަށް ބެލެވިދާނެ އަމަލުތަކެއް ކުރި ކަމަށް އެ ފަރާތްތަކަށް ނިސްބަތްކޮށް އަދީބާ ހަވާލާދީ ރިޕޯޓްކުރަމުން ދިޔުމާއި ދައުލަތުގެ އާންމު އިދާރާތައް ހިމެނޭ ގޮތަށް ދޮގު ޚަބަރު ފެތުރުމާއި ހަޑި ހުތުރު ބަހުން ލިޔުން ތައްޔާރުކުރާ މައްސަލާގައި ހެކި ހޯދުމަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އެ އަމުރު ނެރުއްވާފައި އޮތީ އިއްޔެ މެންދުރު ފަހު 2:30 ގައި، 72 ގަޑިއިރުގެ މުއްދަތަކަށެވެ. އަދި ފާސްކުރުމަށް ފަސް ގަޑިއިރު ދީފައިވެ އެވެ.

އެޕާޓްމަންޓު ފާސްކުރުމަށް ފަހު ގެންދިޔަ ކަމަށް އެނގިފައިވަނީ ހާޑް ޑިސްކް ޑްރައިވް އަކާއި ޕެން ޑްރައިވް އަކާއި ފަސް ސޮފުހާގެ ލިޔުމެކެވެ. ސިރާޖުގެ ހާޒިރުގައި ތަން ފާސްކުރުމަށް ފަހު ސިރާޖު ވެސް މިހާރު ވަނީ އަލުން ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އެމަނިކުފާނުގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތަށް އަދީބު ހައްޔަރުކޮށް މަގާމުން ދުރުކުރުމަށް ފަހު އުފުލި އެކި ދައުވާތައް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނައިރު ވަކީލުން މެދުވެރިކޮށް ރައީސްއާ ބެހޭ ގޮތުން އެކި ބަޔާންތައް އަންނަނީ ނެރެމުންނެވެ. ސިރާޖް ހައްޔަރުކުރުމުގެ ކުރިން އޭނާ ވެސް ވަނީ ރައީސް ޔާމީނަށް ތުހުމަތުވާ ގޮތަށް، އަދީބާ ހަވާލާދީ ބަޔާންތަކެއް ނެރެފަ އެވެ.