Roadha Mihaaru

އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށް އަލުން މަޝްވަރާ ފަށަނީ

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށްޓަކައި އިދިކޮޅު ޕާޓީތަކުން އަނެއްކާ ވެސް ކޯލިޝަން ކެންޑިޑޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

28 މާޗް 2018

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށްޓަކައި އިދިކޮޅު ޕާޓީތަކުން އަނެއްކާ ވެސް ކޯލިޝަން ކެންޑިޑޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް "މިހާރު" އަށް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް ވަރަށް ކުރީއްސުރެ މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު، އެ މަޝްވަރާތައް މެދުކަނޑައިލީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު އުވައިލުމާ ގުޅިގެން، އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް އަލުން ފެށުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ މަޝްވަރާތައް ފެށޭނެ ދުވަހެއް ހަސަން ވިދާޅެއް ނުވެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހަމައެކަނި ކުރާ މަސައްކަތަކީ އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރުމެއް ނޫނެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމާއި ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ބަލި ކުރެވޭނެ ގޮތެއް ހޯދުމަކީ ވެސް އަމާޒެއް ކަމަށް ހަސަން ވިދާޅުވި އެވެ.

"ގާނޫނުގެ ތެރެއިން ރައީސް ޔާމީން ބަލި ކުރެވޭނެ ގޮތެއް ހޯދާނެ،" ހަސަން ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތަކުގައި ކޮންމެ ޕާޓީއަކުން ކަނޑައަޅާފައި ވަނީ ދެ މަންދޫބުންނެވެ.

އެއީ އެމްޑީޕީން ހަސަން ލަތީފްގެ އިތުރުން، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީން، އެ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ޑެޕިއުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަނާއި އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، ދަރިކަނބަލުން ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާ އެވެ.

މީގެ ތެރެއިން، އިބޫ އާއި އަބްދުﷲ ރިޔާޒު މިހާރު ތިއްބެވީ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް ފުލުހުން ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ. ހަސަން ވިދާޅުވީ، އެ ދެ ބޭފުޅުންގެ ބަދަލުގައި އާ ބޭފުޅުންތަކެއް ކަނޑައަޅައިގެން މަޝްވަރާތައް ފަށަން ވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ ކޯލިޝަނުން ކެންޑިޑޭޓުގެ ގޮތުގައި ނެރޭނެ ބޭފުޅަކު އަދި ކަނޑައެއް ނާޅަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެން އެ ޕާޓީން ބޭނުންވާ އިރު، ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރޭށެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު މި ދެ ބޭފުޅުންނަށް ވެސް ވަނީ ބަންދުވެފަ އެވެ.