Roadha Mihaaru

އިބޫގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާނެ ކަމަށް އުންމީދުކުރަން: އެމްޑީއޭ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމަކީ އެއްވެސް މީހަކާ ތަފާތުކުރުން ނުގެންގުޅޭ، ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް، އެމްޑީއޭ އިން ބުނެފި އެވެ.

ހެޔޮ ވެރިކަމެއް ކުރާނެ ކަމަށް އުންމީދުކުރަން: އެމްޑީއޭ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

25 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމަކީ އެއްވެސް މީހަކާ ތަފާތުކުރުން ނުގެންގުޅޭ، ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް، އެމްޑީއޭ އިން ބުނެފި އެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއާ އެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި އެމްޑީއޭ އިން، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިބޫ އަށް މަރުހަބާ ކިޔައި ނެރުނު ބަޔާނުގައި ބުނީ އިބޫގެ ވެރިކަމުގައި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެމްޑީއޭ އިން ވަނީ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔައިފަ އެވެ.

"އެމްޑީއޭ އިން އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެމްޑީއޭ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާ ގާތް ގުޅުމެއް އޮންނަ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ ޕީޕީއެމާއި އެމްޑީއޭގެ ގުޅުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވީ، އެމްޑީއޭ އަދިވެސް ދެމިއޮތީ ޕީޕީއެމާ އެކު ކޯލިޝަންގައި ކަމަށެވެ.

ކެމްޕެއިން ތެރޭގައި އިބޫ ވަނީ ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ސިޔާމަށް ދައުވަތު ވެސް ދެއްވައިފަ އެވެ. ނަމަވެސް، ސިޔާމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެއްބަސްވުމާ މެދު ގޮތެއް ނިންމަން ރިޔާސީ އިންތިޚާބު ކުރިން ކައުންސިލް ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، އެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނުނިންމައި، ކައުންސިލުން ފާސްކުރީ ޕާޓީ ހިންގުން ނައިބު ރައީސް، އަލީ މައުރޫފާ ހަވާލުކުރާށެވެ.