Roadha Mihaaru
ލިޔުންތައް ނައްތާލާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި

ލިޔެކިޔުންތައް ނައްތާލާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި

25 ސެޕްޓެމްބަރ 2018

ސަރުކާރުގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު އެދިވަޑައިގެންފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސަރުކާރުގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު އެދިވަޑައިގެންފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ ވިދާޅުވީ ބަޔަކު މަޖުބޫރު ކުރުވި ނަމަވެސް ސަރުކާރުގެ އެއްވެސް ލިޔުމެއް ނައްތާލައިގެން ނުވާނެ ކަމަސެވެ.

"މިއީ ޖިނާއީ ކުށްތައް. އެގޮތަށް ކަންތައް ނުކުރުމަށް އެކަންތައް ކުރާ ބޭފުޅުންނަށް އަޅުގަނޑުމެން އިލްތިމާސް ދަންނަވަން. މާދަމާ ވެސް ހަމަ މިކަމާ ޖަވާބުދާރީވާން ތިބޭނީ ތިބޭފުޅުން. އެއްގޮތަކަށް ވެސް ބަޔަކު މަޖުބޫރު ކުރުވި ނަމަވެސް އެ މަޖުބޫރީ ހާލަތަށް ވަޑައިނުގަތުމަށާއި މިފަދަ ލިޔުންތައް ނައްތާނުލުމަށް އިލްތިމާސް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގައި އެ ބޭފުޅުން އަންނަނީ ފުލުހުންގެ އެއްބާރުލުމަށް ވެސް އެދެމުންނެވެ.

މާރިޔާ ވަނީ ސަރުކާރުގެ އެއްވެސް އޮފީހެއްގައި ލިޔުންތައް ނައްތާލުމުގެ މަސައްކަތްކުރާ ނަމަ އެކަމުގެ ފޮޓޯ އަދި ވީޑިއޯ ނެގުމަށް މުވައްޒަފުންނަށް ގޮވާލައްވައިފަ އެވެ.

"މިއީ ވަރަށް ބޮޑެތި ޖިނާއި ކުށްކަން އެ ކުރައްވާ ބޭފުޅުންނަށް ވެސް އެބަ އިނގެންޖެހޭ. އަދި އަޅުގަނޑުމެން އިލްތިމާސް ދަންނަވަން ތިއިން އެއްވެސް ބޭފުޅަކު މިއިން އޮފީހެއްގައި އުޅުއްވާ ކަމަށްވަންޏާ ތިބޭފުޅުން ފޯނުގެ ޒަރިއްޔާއިން އަދި އެ ނޫން ގޮތަކުން ނަމަވެސް ފޮޓޯ ނަންގަވައި ވީޑިއޯ ކުރައްވައި ހެކިތައް ބަހައްޓަވާ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިބޫ އަށް ގުޅުވައި މަރުހަބާ ވިދާޅުވެފައި ވާއިރު ދެކެވުނު ވާހަކައިގެ ތަފްސީލް މިއަދުގެ ޕްރެސްގައި މާރިޔާ ދެއްވި އެވެ. މާރިޔާ ވިދާޅުވީ އިންޑިޔާއަށް ވަޑައިގަތުމަށް އިބޫ އަށް ބޮޑުވަޒީރު ދައުވަތު ދެއްވައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ހީނަރުވެފައިވާ ޑިމޮކްރެޓިކް ވެށި ކޮޅަށް ޖެހުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އިންޑިއާގެ އެހީތެރިކަން އޮންނާނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވި،" އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް މިއަދު އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވައި ރާއްޖެއިން އެދުނު ކޮންމެ ކަމެއްގައި ލަންކާއިން އެހީވާން ތައްޔާރަށް އޮތް ކަމަށް މާރިޔާ ވިދާޅުވި އެވެ.

އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓް ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 95،623 ވޯޓެވެ. ރައީސް ޔާމިނަށް މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވީ މ. އަތޮޅާއި ފ. އަތޮޅުން އެކަންޏެވެ. އަނެއް 18 އަތޮޅުން މެޖޯރިޓީ ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ އެވެ.