Roadha Mihaaru
ހުރިހާ ކަމަކަށް އަތްބާނައި ނިޒާމް ފުނޑާލައިފި: ޔާމީން

ހުރިހާ ކަމަކަށް އަތްބާނައި ނިޒާމްތައް ފުނޑާލައިފި: ޔާމީން

16 ނޮވެމްބަރ 2019

ސުޕްރީމް ކޯޓު ހިމެނޭ ގޮތުން ހުރިހާ މުއައްސަސާއަކަށް މި ސަރުކާރުން އަތްބާނައި މުޅި ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސުޕްރީމް ކޯޓު ހިމެނޭ ގޮތުން ހުރިހާ މުއައްސަސާއަކަށް މި ސަރުކާރުން އަތްބާނައި މުޅި ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

"ފުނޑާލައިފި" ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ޔާމީން ސިފަކުރެއްވި ގޮތުގައި ޑިމޮކްރަސީގެ ނަމުގައި އަޑުގަދަކޮށް ވެރިކަމަށް އައި ސަރުކާރުގެ އަމަލުތައް ފެންނަނީ ހުދުމުހުތާރުކޮށެވެ. މިސާލު ނެންގެވީ، ޝަރުއީ ދާއިރާ އިންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ "ފުނޑާލަމުން" ދަނީ ކޯޓްތައް މެދުވެރިކޮށް ކުރަން ނުޖެހޭ އެތައް ކަމެއް ކުރުމަށް ފަހު އެވެ. އެމަނިކުފާނުގެ ވެރިކަމުގައި، ސިޔާސީ އިސް ބޭފުޅުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި ފުނޑާލުމުގެ ފެށުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން އަމުރުކޮށް، މިދިޔަ އަހަރުގެ ފެބުރުއަރީ 1 ގައިސުޕްރީމް ކޯޓުންގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަށެވެ.

"ޑިމޮކްރަސީގެ ނަމުން ރަނގަބީލު ޖަހަމުން އައި ބައެއް ނޫންތޯ މިތާ މިތިބީ. މިއަދު ކީއްތޯ މިވަނީ؟" ގިނަ ބަޔަކު ބައިވެރިވި އެއްވުމުގައި ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރަށް ބަންދު ދުވަސްތައް ނުލާ އަދި ތިން މަސް ނުވޭ. ކޮންކަމަކާތޯ އަތް ނުބާނަނީ. ކޮން ކަމެއްތޯ ފުނޑާނުލަނީ. މިހާރު ސުޕްރީމް ކޯޓް ފުނޑާލައިފި. ހުރިހާ ނިޒާމްތަކެއް ފުނޑާލައިފި."

ގާތްގަނޑަކަށް 40 މިނެޓުގެ ވާހަކަފުޅުގައި މުޅިން ވެސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ. އަހަރެއް ފުރޭ އިރު ކޮށްދިން ކަމަކީ ޕާކުތަކުގެ ނަން ބަދަލު ކުރުމާއި ކަނދޮޅު އިންދުން ފަދަ އާދައިގެ ކަންކަން ކަމަށް ވިދާޅުވި އެވެ.

މި ވެރިކަން ގެނައީ، ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަން އަނިޔާވެރި ކަމަށް ސިފަކޮށެވެ. އެކަމަކު ގެނައި "ބަރަކާތްތެރި" ވެރިކަމުގެ އަމަލުތައް ފެންނަނީ ރައްޔިތުންނަށް ވައުދުވި ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

މި ވެރިކަމުގައި އެކި ކުންފުނިތަކަށް ބަދަލު ދެމުންދާ މައްސަލައިގައި ވެސް ހިތްހަމަނުޖެހުންފާޅުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން ބަދަލު ދެމުން އަންނަނީ އެކުވެރިންގެ ކުންފުނިތަކަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެފަދަ ބަދަލެއް ހޯދަން ކުންފުނިތަކުން ހުށަނާޅާ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ކުރީކޮޅު ބާއްވަން ގާނޫނުން ލާޒިމްކުރާ، ލޯކަލް ކައުންސިލްގެ އިންތިޚާބު މި ސަރުކާރުން ނުބާއްވާނެ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ. އެއީ، މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ގޭންގު ކުށްތަކުގައި މީހަކު މަރާލާފައި ނުވާ ކަން ވަރަށް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަ ކުރައްވާފައިވާތީ އެކަމަށް ވެސް ޔާމީން ރައްދު ދެއްވި އެވެ.

ޔާމީން ވިދާޅުވީ ގޯހެއް ހަދާ ކޮންމެ މީހަކަށް މި ސަރުކާރުން ވަޒީފާ ލިބޭ ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހަކީ ގޮތް ނޭނގޭ މަރުތައް ގިނަ ކަމަށް ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ ދަރުބާރުން ނިންމާފައިވަނީ އެ ހުކުމް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަމަށާއި ސަރުކާރަށް އުޅެނީ އެކަން ގަބޫލު ނުކުރެވިގެން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ވަޒީރުން މިހާރު ސިޔާސީ ކަންކަމުން ނުފެންނާތީ ވެސް ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ. ރައްޔިތުން ފެންނަން ވާނީ ކަމެއް ބޭނުންވުމުން އެކަނި ނޫން ކަމަށާއި ޕީޕީއެމަށް ކާމިޔާބު ލިބުމުން އެފަދަ ބޭފުޅުން އަނބުރާ ސިޔާސީ ކަންކަމަށް ނުކުމެވަޑައިނުގަތުމަށް ޔާމީން ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންނަށް ހެޔޮ އެދިގެން އުޅޭ ސިޔާސީ ލީޑަރުންނެއް ނޫޅޭ. އެ މީހުން ތިބީ މަޑުން. ފޮނިމީރުކަން ލިބޭ ހިސާބަށް ދިޔައީމާ މާމަލުން ފޮނި ބޯ އުސޫލުން ނާންނާތި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އޭރު ރާއްޖެ އޮތް ހާލަތުން ބަދަލެއް ގެންނަން ޖެހޭތީ ކަމަށެވެ. އެއްގޮތަކަށް ވެސް ރައީސްކަން ކުރައްވާ ހިތުން ނޫން ކަމަށް ވިދާޅުވި އެވެ.

ދަތިހާލުގައި ވެރިކަން ކުރެއްވިއިރު ވެސް ރާއްޖެ އަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން އައިޖީއެމްއެޗަށް އެމްއާރްއައި މެޝިނެއް ގެނައުމާއި ހިތުގެ ހާއްސަ ޑިޕާޓްމަންޓެއް ހެދުން ފަދަ ބަދަލުތައް ގެންނެވި ކަމަށް ވިދާޅުވި އެވެ.

މާލޭ ކުނިގޮނޑުގެ ސަބަބުން އެތައް ދަތިތަކެއް ކުރިމަތިވެފައިވަނިކޮށް އެކަން ހައްލު ކޮށްދެއްވީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. ކުރީގެ ސަރުކާރަކުން އަވައްޓެރި ގައުމެއްގެ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ރައްޔިތުންނަށް ބުރައަކަށްވާ ގޮތަށް ކަމަށާއި އެހެންވެ އެ އެގްރިމެންޓް ބާތިލް ކުރެއްވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ތާރީހުން އެމަނިކުފާނުގެ ނަން ފޮހެވިދާނެ ކަމަށާއި އެކަމަކު ސިނަމާލޭ ބްރިޖު ތަޅާލާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށެވެ. ރާއްޖޭގައި ބަދަލު ހިފުން ނޫން ކަމެއް މިހާރު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.