Roadha Mihaaru
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވާހަކަ ދައްކަން ފާރިސާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން

09 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އަހާ ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ދިރާސާކުރި ވަގުތީ ކޮމެޓީގެ ރިޕޯޓަށް ބަހުސްކުރެއްވުމުގެ ފުރުސަތު ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަށް ނުދީ ޖަލްސާ ނިންމާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އަހާ ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ދިރާސާކުރި ވަގުތީ ކޮމެޓީގެ ރިޕޯޓަށް ބަހުސްކުރެއްވުމުގެ ފުރުސަތު ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަށް ނުދީ ޖަލްސާ ނިންމާލައިފި އެވެ.

ފާރިސްގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ވެސް ވާހަކަ ދައްކަވަން ފުރުސަތު ނުދިން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ބައެއް މެމްބަރުންނަށް އެނގިފައިވާ ގޮތުގައި ފާރިސަށް ވުރެ ފަހުން ވާހަކަ ދައްކަވަން އެދިވަޑައިގަތް މެމްބަރުންނަށް ވެސް ވަނީ ފުރުސަތު ދެއްވި އެވެ. ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަން ފާރިސަށް ފުރުސަތު ނުދިން ސަބަބެއް އެނގިފައެއް ނުވެ އެވެ.

ފާރިސް ވަނީ ނިޒާމީ މައްސަލަ ނަންގަވައި އެކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ. އަދި އެކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުއްވައިދެއްވުމަށް ފާރިސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަސީހު ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށެވެ.

"ފުރުސަތަށް ހުޅުއްވާލެއްވީމަ، އަޅުގަނޑުގެ ނަން އޮތީ ފަސް ވަނައިގައި. މިހާރު އަޅުގަނޑަށް ވުރެ ފަހުން އެދިވަޑައިގެން ބައެއް މެމްބަރުން ލިސްޓަށް ވުރެ ކުރިއަށް ވަނީ ގެންގޮސްފައި،" ފާރިސް ވިދާޅުވި އެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރައްވާކަން ފާރިސް އާއި މުސްތޮފާ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ބިލާ ދެކޮޅަށް ޕީޕީއެމް މެމްބަރުންގެ ވައިބަ ގްރޫޕްގައި ވާހަކަ ދައްކަވާތީ މުސްތޮފާ ވަނީ އެ ގްރޫޕުން ބޭރު ވެސް ކޮށްފަ އެވެ.

މިހާރު ބިލް އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރިން ސަރުކާރުން ހުށަހެޅި ބިލަކާ ދެކޮޅަށް އޭނާ ވޯޓު ދެއްވި މައްްސަލައެއްގައި ފާރިސް ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު ޕާޓީގެ ރައީސް މައުމޫން ވިދާޅުވަނީ ފާރިސް އަކީ އަދިވެސް އެ ޕާޓީގެ މެމްބަރެއް ކަމަށާއި އޭނާ ޕާޓީން ވަކިނުވާ ކަމަށެވެ. ފާރިސް ކުރިން އިިދިކޮޅަށް ވޯޓު ދީފައިވަނީ އިއުލާން ނުކޮށް، ރަށްތައް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމުގައި މިނިސްޓަރުންގެ ލަފާ ހޯދަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފަ އެވެ.