Roadha Mihaaru
ރައީސް ޔާމީނަށް: ހަގީގަތާ ކުރިމަތިލައްވާ!

ރައީސް ޔާމީނަށް: ހަގީގަތާ ކުރިމަތިލައްވާ!

29 ސެޕްޓެމްބަރ 2018

ޕީޕީއެމްގެ، އެކަމަކު ކުރިއަށް އޮތް ތަނުގައި "ގޮތް ނޭނގޭ"، ކޮންގްރެސް ނިންމަން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުން އެނގުނީ އެންމެ އެއްޗެކެވެ؛ އެމަނިކުފާނުގެ ކުށް ގަބޫލުނުކުރައްވާ، ރައްޔިތުންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލެއްވި ކަމެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ޕީޕީއެމްގެ، އެކަމަކު ކުރިއަށް އޮތް ތަނުގައި "ގޮތް ނޭނގޭ"، ކޮންގްރެސް ނިންމަން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުން އެނގުނީ އެންމެ އެއްޗެކެވެ؛ އެމަނިކުފާނުގެ ކުށް ގަބޫލުނުކުރައްވާ، ރައްޔިތުންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލެއްވި ކަމެވެ.

ހަގީގަތާ ދުރުގައި އުޅުއްވާ ސިޔާސީ ގިނަ ބޭފުޅުން ވެސް ހަގީގަތް އެނގި ހާމަވުމުން، އެންމެ ކުޑަމިނުން، އެ ބޭފުޅުންގެ ފަރާތުގައި ހުރި އުނި ކަންކަން ގަބޫލުކުރައްވަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާ ފުރަތަމަ އަންނަން ފެށީއްސުރެ، ފަހަތުގައި އޮތް ރައީސް ޔަމީން، އެ ދުވަހުން ފެށިގެން، ރެއާ ހަމައަށް އަދި މިއަދުން ފެށިގެން ކުރިއަށް އޮތް ތަނުގައި ވެސް، އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ހެއްދެވުނު ގޯސްތައް ގަބޫލުކުރައްވާނެ ކަމަކަށެއް ނުފެނެ އެވެ.

އައްސަވާނީ މިހެންނެވެ: ކަލޭމެން ތިމަންނައަށް ވޯޓު ދޭން ނުޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ ކަލޭމެންނަށް ނުކޮށް ދެނީ ކޮން ކަމެއް ހެއްޔެވެ؟

ރައީސް ޔާމީނަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޮޑު ތަނުން ނޫނެކޭ ބުނި ސަބަބުތައް ވަރަށް ސާފެވެ: އަނިޔާވެރިކަމާއި ބޭއިންސާފާއި ސަރުކާރުގެ ތެރޭގައި އޮތް ހިޔާނާތެވެ.

ރިިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ޔާމީން ވިދާޅުވި އެއް ވާހަކަފުޅަކީ، އަނިޔާވެރިކަން ބޮޑު ނަމަ، ރަށްރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެހާ ގިނަ ބަޔަކު ނުނިކުންނާނެ ކަމެވެ. އަނިޔާގެ ވާހަކަ އެ ރައްޔިތުން ދައްކާނެ ކަމެވެ. އެކަމަކު ރައްޔިތުން ހިމޭނުން ތިބެދާނެކަމުގެ ކުޑަކުޑަ މިސާލެއް، ކޮލަމާފުށިން މުޅި ރާއްޖެ އަށް އެ އޮތީ ފެންނާށެވެ. ޕީޕީއެމާއި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމުގައި، ދެ ފަރާތުގެ ދިދަތަކާއި ބެނާތައް ވައްޓާލިޔަސް، ހައްޔަރުކުރީ އިދިކޮޅު މީހުން އެކަންޏެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ؛ ޓެރަރިޒަމަށް ތުހުމަތުކޮށް، ތަހުގީގު ވެސް ކުރަން ފެށީ އެވެ.

ރައީސް ޔާމީނަކީ ރަށްރަށުގެ މާހައުލު އެނގިވަޑައިނުގަންނަވާ ވެރިޔަކަށް ވެދާނެ އެވެ. އެކަމަކު ސިޔާސީ ޕާޓީތައް އުފެދުމުގެ މާ ކުރިން ވެސް ރަށްރަށުގައި، އެކި ކަންކަމުގައި ވާދަވެރިކަން އޮވެ އެވެ. މިސާލަކަށް އަވަށު ވާދަ އެވެ. ކްލަބް/ޖަމިއްޔާތަކުގެ ވާދަ އެވެ. އީދު ކުޅިވަރުގެ ވާދަ އެވެ. މި ވާދަވެރިކަމުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ހިނގަ އެވެ. އެކަމަކު އެފަދަ ކުދިކުދި ހަމަނުޖެހުންތަކުގައި ދުވަހަކު ވެސް ޓެރަރިޒަމްގެ ތުހުމަތުކޮށް، ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ސަރުކާރުގެ އަނިޔާވެރިކަމާއި ކޯޓަކަށް މައްސަލައެއް ލައިފި ނަމަ ސަރުކާރު ބޭނުންނުވާ ގޮތަކަށް ނުނިމޭނެކަން ދިވެހި ރައްޔިތުން ދަނެ އެވެ. ޕްރޮސެކިއުޓަ ޖެނެރަލް ހުންނަވާނީ ސަރުކާރުގެ ރޭވުމުގެ ތެރެއިން މީހުންނާ ދެކޮޅަށް އުފުލަން އަންގާ ދައުވާތަކުގެ އިންތިޒާރުގައި ކަން، ޕީޕީއެމާ ގުޅުމެއް ނެތް އެހެން ހުރިހާ ރައްޔިތުންނަށް އެނގޭނެ އެވެ. މިވަރުގެ ބިރެއް އޮތް ތަނެއްގައި، ރައީސް ޔާމީން ވަޑައިގަތުމުން، "އަނިޔާއޭ، އަނިޔާއޭ!" ގޮވަން ރައްޔިތުންނެއް ނުނިކުންނާނެ އެވެ.

ޕީޕީއެމްގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީން އެންމެ ފަހުން އެ ޕާޓީގެ ރައީސް ކަމަށް ހޮވުމުން، ސްޓޭޖް މަތީގައި --- ފޮޓޯ: ޕީޕީއެމް ޓްވިޓާ

ޕީޕީއެމްގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީން އެންމެ ފަހުން އެ ޕާޓީގެ ރައީސް ކަމަށް ހޮވުމުން، ސްޓޭޖް މަތީގައި --- ފޮޓޯ: ޕީޕީއެމް ޓްވިޓާ

ރިޔާސީ އިންތިހާބު ނިމި، ރައްޔިތުން އެވަނީ އެ މީހުންގެ ހުކުމް، ރައީސް ޔާމީނަށް އިއްވާފަ އެވެ. އޭގައި ޝައްކެއް، ވަހުމެއް ނެތެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް ހިންގަން ފެށި ޝަރީއަތްތަކާއި، ރައްޔިތުންގެ މަޖިލިސް "ހިސޯރު" ކުރުން ފަދަ ކަންކަމުން ރައީސް ޔާމީންގެ "އޮފްކަން ކެނޑުނުތާ" އެތައް ދުވަހެއް ފަހުން ބޭއްވި އިންތިހާބެއްގެ ނަތީޖާ އެވެ. އޭގެ ކުރިން އޮތް ކައުންސިލް އިންތިހާބުގައި ވެސް، ރައީސް ޔާމީނަށް ރައްޔިތުން އޮތީ މެސެޖް ދީފަ އެވެ. އަދި އެ އިންތިހާބުގެ ވަގުތީ ނަތީޖާ އެނގުނުތާ މާ ގިނަ އިރެއް ނުވެ، ރޭގަނޑު، ސަރުކާރުން ނެރުނު އާސަންދައާ ބެހޭ ނިންމުމުން ގިނަ ދިވެހިންނަށް ލިބުނު މެސެޖްގެ މަތިން ވެސް ހަނދާނެއް ނުނެތެ އެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ކަނޑާލަން އެއަށް ވުރެ ރަނގަޅު ވަގުތެއް ސަރުކާރަށް ހަމަ ނެތީތޯ، އާންމުން ސުވާލުކުރީ ކީއްވެގެންކަން ރިޔާސީ އިންތިހާބުން އެ ދައްކައިދެނީ އެވެ.

މި ސަރުކާރުން ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެތީ، ރައްޔިތުން ގެންދަނީ ވޯޓު ކަރުދާހުން ނޫނެކޭ ބުނަމުންނެވެ.

ރައީސް ޔާމީންގެ ފަސް އަހަރު ރާއްޖޭގައި ހިންގި މަޝްރޫއުތަކާ މެދު އެކަކު ވެސް ޝައްކެއް ނުކުރެ އެވެ. ރައްޔިތުންނަށް ފަސޭހަ އެތައް ކަމެއް ސަރުކާރުން ކުރި އެވެ. އަދި މިއަދާ ހަމައަށް ވެސް ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ދެން އުފެދޭ ސަރުކާރުތަކުން ނަމޫނާއަކަށް ނަގަން ޖެހޭ ކަންކަން ވެސް އެބަ ހުއްޓެވެ. އެކަމަކު ރިޔަސީ އިންތިހާބުގެ ނަތީޖާއާ، ރައްޔިތުންނަށް ސަރުކާރުން ކޮށްދިން ކަންކަން މިނަން ޖެހޭނީ އެއް ތިލަފަތަކުންނެއް ނޫނެވެ؛ އިންތިހާބުތަކުގައި އާންމުން އަމަލްކުރާ ނިޔަތް ތަފާތެވެ.

އޭގެ އެއް މިސާލެވެ. ރައީސް ޔާމީނާއި ޕީޕީއެމުން، ރިޔާސީ ކެމްޕެއިންގައި އެންމެ ބޮޑަށް ކުޅުނީ "ދީނީ ކާޑެ"ވެ. ރާއްޖޭގައި އިސްލާމް ދީން އޮންނާނެތޯ ނުވަތަ ނޫންތޯއާ ބެހޭ ގޮތުން ވާހަކަ ދެއްކި އަދަދެއް ވެސް ނޭނގެ އެވެ. އެކަމަކު 134،000 އަށް ވުރެ ގިނަ މީހުން ވޯޓު ދިނީ ރައީސް ޔާމީނާ ދެކޮޅަށެވެ. އެ އެންމެންނަކީ ކޮން ބައެއްތޯ، ރައީސް ޔާމީން އަމިއްލަފުޅަށް ސުވާލުކުރައްވާށެވެ؛ އެއީ ހަމަ މުސްލިމް ދިވެހިންނެވެ. ރައީސް ޔާމީންގެ ފަޅީގައި ތިބީ ފަސް އިރު ނަމާދުކޮށް، ރޯދަ ވެސް ހިފާ އަދި ދީނުގައި އަންގާފައިވާ ރަނގަޅު ހުރިހާ ކަމެއް ކުރާ ދިވެހިން ނަމަ، އިދިކޮޅުގައި ވެސް ތިބީ ހަމަ އެފަދަ ދިވެހިންނެވެ. އެހެންކަމުން ދީނީ ކާޑަކީ މި އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލަދޭނެ މައުލޫއަކަށް ނުވި އެވެ.

ކެމްޕޭންގެ އެންމެ ފަހު ދުވަހު ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ދިވެހިންގެ ގިނަ މީހުން "ދީނީ ކާޑު" ގަބޫލެއް ނުކުރި

ކެމްޕޭންގެ އެންމެ ފަހު ދުވަހު ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ދިވެހިންގެ ގިނަ މީހުން "ދީނީ ކާޑު" ގަބޫލެއް ނުކުރި

ރައީސް ޔާމީން މި ކަމާ މެދު ވިސްނެވި ބާވަ އެވެ؟ މިނިސްޓަރުންނާއި ސަރުކާރާއި ޕީޕީއެމްގެ އިސް މީހުންނަށް ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތެވެ. އެންމެން ވެސް ބުނަން ޖެހުނީ "85 ޕަސެންޓުން، 80 ޕަސެންޓުން" އިންތިހާބު ކާމިޔާބުކުރާނެ ވާހަކަ އެވެ. ކުޅުދުއްފުށީގެ ހުސް ބިމެއްގައި، މާ ގިނަ ބަޔަކު ނެތި، ވާރެޔާ ތެމިވަޑައިގެން ހުންނަވައި، އެންމެ ފަހު ވަގުތު، ރައްޔިތުންނަށް އާދޭސް ދެންނެވިއިރު އެ "85 ޕަސެންޓް" ތިރިވަމުން ގޮސް، 40 އާ ހަމައަށް ސޮއްސާލިކަން އޮންނާނީ އެނގިވަޑައިގެންފަ އެވެ. ހަގީގަތަކީ ރިޔާސީ އިންތިހާބުގައި 85 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ ވަރަށް އާންމުންގެ ތެރޭގައި ރައީސް ޔާމީން މަގުބޫލު ނޫން ކަމެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދެވީ ހުރިހާ މުއައްސަސާތަކެއް "ބަނދެ"، ހަމައެކަނި ކޯޓުތައް މެދުވެރިކޮށް ވެރިކަން ކުރައްވާށެވެ. އެހެންކަމުން ރައްޔިތުންގެ ގިނަ މީހުންގެ ލޯބި، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މުހިންމެއް ނުވި އެވެ.

ސިޔާސީ ގޮތުން ރައީސް ޔާމީނަށް ދިމާވި ހުރަސްތައް، "ގާނޫނީ ސަރުކާރު ދަމަހައްޓައިދިނުމު"ގެ ނަމުގައި ސިފައިންނާއި ފުލުހުން، މިދިއަ ފަސް އަހަރު، ގެންދިޔައީ ނައްތާލަމުންނެވެ. އެކަމަކު އެނގިވަޑައިނުގަތީ އެ ވެރިކަން ނިމުމުން، ދެން އޮންނާނީ ރައްޔިތުންގެ ވޯޓުގެ ނަތީޖާކަން، ސަލާމަތީ ބާރުތަކުން ވެސް ގަބޫލުކުރާނެ ކަމެވެ.

އާނއެކެވެ. ރައްޔިތުން ވޯޓު ދިނީ ރައީސް ޔާމީންގެ "ކޮންކްރީޓް ތަރައްގީއަކަށް" ނޫނެވެ. ރައީސް ޔާމީން ގަބޫލުފުޅުކުރައްވާ ތަރައްގީގައި، އިންސާފު ގާއިމްކުރުމެއް، އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމެއް، ދައުލަތުގެ މިނިވަން މުއައްސަސާތައް ހަރުދަނާކޮށް ދެމެހެއްޓުމުގެ ބައެއް ނެތެވެ. ކެމްޕެއިންގެ އެއްވެސް ވާހަކަފުޅެއްގައި އެ ކަށަވަރުކަމެއް ވެސް ނުދެއްވަ އެވެ. ޑިކޮމްރަސީއަށް ވެސް ޖެއްސެވީ ޖޯކެވެ. ގާނޫނުއަސާސީއަށް ވެސް ޖެއްސެވީ ޖޯކެވެ.

އެކަމަކު ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތު އެ ބުނެ އެންގީ ޑިމޮކްރަސީ ވެސް، އަސާސީ ހައްގުތައް ވެސް، މިނިވަން މުއައްސަސާތައް ވެސް، ގާނޫނު އަސާސީ ވެސް ބޭނުންވާ ކަމެވެ. ޕީޕީއެމް ޖަހައިގަތް ގޮތަށް އެހެން މީހުންގެ ހައްގުތައް ޖަހައިގަނެގެން ނުގެންދެވޭނެ ކަން ކަށަވަރުކުރަން ބޭނުން ކަމެވެ.

ބޮޑާހޭކުން ހުއްޓާލައްވާފައި، އިދިކޮޅު ލީޑަރެއްގެ ގޮތުން މަސައްކަތް ފައްޓަވާށެވެ. އެކަމަކު ހެއްދެވުނު ހުރިހާ ގޯހެއް، އެހެން މީހުންގެ، އެހެން މުއައްސަސާތަކުގެ ބޮލަށް ކަނޑާލައިގެން ދެން ވެސް ކާމިޔާބީއެއް، އާންމުންގެ ލޯތްބެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ.