Roadha Mihaaru
"ރައީސަށް ބާރުބޭނުން ކުރެވޭނީ ގާނޫނުގެ ތެރެއިން"

ރައީސަށް ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނު ތެރެއިން: މައުމޫން

29 އޮކްޓޯބަރ 2016

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވަޑައިގެންފައިވާ ބާރުގެ ބޭނުން ހަމައެކަނި ކުރެވޭނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރޭން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވަޑައިގެންފައިވާ ބާރުގެ ބޭނުން ހަމައެކަނި ކުރެވޭނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރޭން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ވެސް އޮންނަ މި ވާހަކަ މައުމޫން މިއަދު ޓްވީޓް ކުރެއްވި އިރު ޕީޕީއެމްގެ އޮފީސް، ރައީސް ޔާމީނަށް ތާއިދު ކުރާ ފެކްޝަނުގެ ބާރުގެ ދަށަށް ރޭ ވަނީ ގެންގޮސްފަ އެވެ. އަދި އޮފީސް އިމާރާތް ކައިރީ ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި ހުރި އިރު، ބޮޑެތި ލޮރީތަކެއްގައި ގޮސް ޕާޓީގެ މުދާތައް ނެރެ، އިމާރާތް ވަނީ ހުސްކޮށްފަ އެވެ.

މައުމޫނާއި ކޮއްކޯފުޅު ރައީސް ޔާމީނާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން ވަނީ ގެންދަވާފަ އެވެ.

ގާނޫނު އަސާސީގައި އޮންނަ މިި މާއްދާގައި ބުނާގޮތުން ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ގާނޫނު އަސާސީން ކަނޑައަޅާއިރު، މި ގާނޫނު އަސާސީ ދަމަހައްޓައި، ދިފާއު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަަހައްޓަން މަަސައްކަތް ކުރާއިރު، ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުނެފައި ވެ އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ވެރިކަމަށް އައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

މައުމޫން ވިދާޅުވީ މުޅި ގައުމު ބޯލަންބަން ޖެހިފައިވަނީ އެއް ބޭފުޅަކު އަންގަވާ ގޮތަށް ކަމައި ކޮރަޕްޝަން އިންތިހާ އަށް އޮތްއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ގެއްލުންވާ ފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ.

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް އެ ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ޕީޕީއެމްގެ އޮފީހުން ތަކެތި ހުސްކުރަމުން ދިޔައިރު އެ ޕާޓީގެ ދެ ފެކްޝަންގެ ސަޕޯޓަރުންގެ ދެމެދު ރޭ ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ. އަދި މައުމޫން ފެކްޝަންގެ ސަޕޯޓަރުންނާ ފުލުހުންނާ މެދު ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ.