Roadha Mihaaru
އިންޑޮނީޝިއާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް

އިންޑޮނީޝިއާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް

29 ސެޕްޓެމްބަރ 2018

ސުލަވެސީ (ސެޕްޓެމްބަރު 29) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 400 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސުލަވެސީ (ސެޕްޓެމްބަރު 29) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 400 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބިންހެލުމަށް ފަހު ސުލަވެސީގެ ޕާލޫ އަށް ވަނީ ސުނާމީ ވެސް އަރައިފަ އެވެ. ނޭޝަނަލް ޑިޒާސްޓާ އެޖެންސީން ބުނެފައި ވަނީ ބިންހެލުމުގައި މިހާތަނަށް ވަނީ 384 މީހުން މަރުވިކަން ޔަގީން ކުރެވިފައި ކަމަށެވެ. އެންމެން ވެސް މަރުވެފައި ވަނީ ސުނާމީ އެރި ޕާލޫ އިންނެވެ. މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ލަފާކޮށްފައިވެ އެވެ. ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު 540 އަށް އަރާފައިވާ ކަމަށް ވެސް ޑިޒާސްޓާ އެޖެންސީން ބުނެފައިވެ އެވެ.

ޑިޒާސްޓާ އެޖެންސީން ބުނީ ގާތްގަނޑަކަށް 350،000 މީހުންގެ އާބާދީއެއް އޮންނަ ސައުތު ސުލަވެސީ ޕްރޮވިންސްގެ ވެރިރަށް ޕާލޫ އިން އެތައް ބަޔަކު ގެއްލިފައވާ ކަމަށެވެ. އެއީ ޕާލޫގައި ބީޗް ފެސްޓިވަލެއް އިއްޔެ ބާއްވަން އުޅުނު މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

ބިންހެލުމުގައި އިންޑޮނީޝިއާގެ ސުލަވެސީގެ ޕާލޫގެ ބައެއް އިމާރާތްތައް ވެއްޓިފައި. --ފޮޓޯ:އޭއެފްޕީ

ބިންހެލުމުގައި އިންޑޮނީޝިއާގެ ސުލަވެސީގެ ޕާލޫގެ ބައެއް އިމާރާތްތައް ވެއްޓިފައި. --ފޮޓޯ:އޭއެފްޕީ

އިންޑޮނީޝިއާގެ ލޮމްބޮކަށް ޖުލައި އަދި އޮގަސްޓް މަހު އައި ބިންހެލުމެއްގައި ވަނީ 500 ވަރަކަށް މީހުން މަރުވެފަ އެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި އެ ގައުމުން އެކަނި ވެސް ވަނީ 168،000 މީހުން މަރުވެފަ އެވެ. އެ ފަހަރުގެ ސުނާމީގައި އޭޝިއާ ސަރަހައްދުން ވަނީ 220،000 މީހުން މަރުވެފަ އެވެ. އެއީ 1900 ވަނަ އަހަރުގެ ފަހުން ދުނިޔެ އަށް ކުރިމަތިވި ތިން ވަނަ އަށް އެންމެ ބޮޑު ސުނާމީ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަސޭ ޕްރޮވިންސަށެވެ. ނަމަވެސް އެފްރިކާގެ ބައެއް ގައުމުތަކާ ހަމައަށް ސުނާމީގެ އަސަރު ވަނީ ކޮށްފަ އެވެ.

އޭގެ އެއް އަހަރު ފަހުން 2005 ވަނަ އަހަރު ސުމަތުރާ އަށް 8.7 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 900 މީހުން މަރުވެ 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.