Roadha Mihaaru
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް

އެމްޑީޕީގެ ވައުދުތައް ބަޖެޓުގައި ޖަހަން ތައްޔާރު: ޕީޕީއެމް

30 ސެޕްޓެމްބަރ 2018

އިދިކޮޅު އެމްޑީޕީ ހިމެނޭ ގޮތަށް އަލަށް އެކުލަވާލާ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ޖަހަން ޕީޕީއެމްގެ މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އެމްޑީޕީ ހިމެނޭ ގޮތަށް އަލަށް އެކުލަވާލާ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ޖަހަން ޕީޕީއެމްގެ މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ދުވަހުގެ ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، އަންނަ އަހަރު ދައުލަތް ހިންގާނީ އަލަށް އުފެދޭ އިދިކޮޅު ކޯލިޝަންގެ ސަރުކާރު ކަމަށްވާތީ ފިނޭންސް މިނިސްޓްރީން ވަނީ އާ ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަން ނިންމައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް ބަޖެޓުގައި ބޭނުންވާ އިދާރީ ބަދަލުތަކާއި އާ ސިޔާސަތުތަކުގެ ތަފްސީލް ހިމެނޭހެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން ތައްޔާރުކޮށް ދެއްވުމަށް މިއަދު އަންގަވައިފަ އެވެ. އަދި މިކަމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަރަށް މުހިންމު ވައުދުތަކެއް ވެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވައުދުތައް ބަޖެޓުގައި ހިމަނަން ޕީޕީއެމްގެ މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުގައި، ނިހާން އެންމެ ބޮޑު ވައުދަކަށް ނެންގެވީ އިދިކޮޅު ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރެއްވުމަށް އިބޫ ވެވަޑައިގެންނެވި ވައުދެވެ. އޭގެ އިތުރުން، މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ވައުދާއި ދިވެހިންނަށް މަތީ ތައުލީމް ދިނުމުގެ ވައުދާއި ހެނދުނުގެ ނާސްތާ ކޮންމެ ކުއްޖަކަށް ދިނުމަކީ ވެސް އެމްޑީޕީގެ ވައުދެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"އެމްޑީޕީގެ ވައުދެއްގެ ގޮތުގައި ބުނި އެތެރޭގެ ދަތުރުފަތުރުގެ އަގު ވަރަށް ބޮޑު ތަނުން ތިރި ކުރާނަމޭ ބުނީމަ ގަބޫލު ކުރެވެނީ މިސާލަކަށް 1500ރ. ގެ ޓިކެޓެއް 700ރ. ނުވަތަ 500ރ. ކުޑަ ކުރާނެ. އެއީ އެބޭފުޅުންނަށް އެގޮތް އޮތީމަ، އެ ވަރުގެ ވައުދެއް ވެވަޑައިގަންނަވާނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ބަޖެޓު އެކުލަވާލުމުގެ ވަގުތު އިދިކޮޅު ފަރާތްތަކަށް އަދިވެސް އެބައޮތެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ނިހާން ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 90 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާފައިވާ ކަމަށެވެ. އަދި ދަރަނިވެފައި އޮތް ބަޖެޓު ރަނގަޅު މިންވަރަކަށް ގެނެސްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް ވެވަޑައިގެންނެވި މިންވަރަކުން އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން ވެސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޔާމީނަކީ މިހާތަނަށް ރައްޔިތުން ދުށް އެންމެ ޑިމޮކްރަޓިކް ރައީސްކަން ހާމަވަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ އިބޫގެ ސިޔާސަތުތައް ބަޖެޓުގައި ހިމަނައިގެން ވީހާވެސް ބޮޑަށް އާ ސަރުކާރަށް ފަސޭހަވާނެ މަގުން ކަންކަން ކުރިއަށް ދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.