Roadha Mihaaru
މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް

މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް

16 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން އެއްވެސް ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަސް ވާން ކައިރިވުމާ ގުޅިގެން އިދިކޮޅު ބައެއް ބޭފުޅުން މަޖިލީހުގެ ރިއާސަތަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން އެއްވެސް ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަސް ވާން ކައިރިވުމާ ގުޅިގެން އިދިކޮޅު ބައެއް ބޭފުޅުން މަޖިލީހުގެ ރިއާސަތަށް ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު، ދައުރު ފެށުނު ފަހުން މި މަހުގެ މެދާ ހަމަ އަށް ދިޔަ އިރު، ވެސް މަޖިލީހުގެ ޖަލްސާއެއް އަދި ނުބާއްވަ އެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ބައެއް ކޮމިޓީތަކުގެ ބައްދަލުވުންތަކެއް މީގެ ދުވަސްތަކެއް ކުރިން ބޭއްވި އެވެ.

މިކަމާ ގުޅިގެން މަޖިލިހުގެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަހާ ގާތަށް ދިޔައިރު، ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ވިސްނުން މިހާރު ބޮޑަށް ގެންގުޅުއްވަނީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދުގަ އެވެ.

މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މި ވަގުތު ތިއްބެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހިމަނައިގެން 40 މެމްބަރުންނެވެ. އިދިކޮޅު ކޯލިޝަންގައި ތިއްބެވީ 34 މެމްބަރުންނެވެ. އެއީ، އެކަމަކު، ޖިނާއީ ކުށެއް ސާބިތުވެފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ނުހިމަނަ އެވެ.

މަޖިލީހުގައި ތިއްބެވި އަށް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ އެއިން އެއްވެސް މެމްބަރަކަށް މަޖިލިހަށް ވަނުމުގެ ފުރުސަތެއް ނުދެ އެވެ. އަދި އެ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ އެ މައްސަލަތައް ވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ.

މިހާތަނަށް އައި އިރު، ގޮނޑި ގެއްލުނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ އެވެ.

ފަހު ދައުރުގައި މައިގަނޑު މަސައްކަތަކަށް އަންނާނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފާސް ކުރުމެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މި މަހުގެ ނިޔަލަށް ހުށަހަޅަން މާލިއްޔަތު ގާނޫނު ލާޒިމް ކުރެ އެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޖަލްސާތައް ނުބާއްވައި މަޑުކޮށްގެން ތިބީ ދައުލަތުން ބަޖެޓު ހުށަހަޅައި ނިމެންދެން ކަމަށެވެ. އެކަމަކު، އިންތިޚާބުން ޕީޕީއެމަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ދެން ވިސްނުން ގެންގުޅުނީ އާ ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތައް ބަޖެޓުގައި ހިމަނަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން މަޖިލިސް ކުރާގޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުލުހުން މަޖިލިސް ކުރާގޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއް ސަރުކާރަކުން، އަނެއް ސަރުކާރަކަށް ނަގުލުވުމުގެ އިހްތިޔާރުތަކެއް ގާނޫނުގައި ބަޔާންވެފައި އޮންނަ ހަމަތަކުގެ މަތިން ދަނީ ހިނގަމުން. އެ ފުރުސަތަށް މަޑުކޮށްގެން ތިބި ތިބުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލިހުގެ ޖަލްސާއެއް (ނުބާއްވަނީ). އެއީ އެއްޗެއް އައިސްގެންތާ އަޅުގަނޑުމެންނަށް ބޭއްވޭނީ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، ކޮމިޓީތަކަށް ފޮނުވާފައި ހުރި ބިލްތަކުގެ މަސައްކަތް ކޮމިޓީތަކުގަ ހިނގަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު، ބަޖެޓަށް މަޑުކޮށްގެން ތިބީމަ، ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް ނިހާން ވިދާޅުވި އެވެ.

ނަމަވެސް، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ނުބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖަލްސާތައް ނުބާއްވަނީ މަޖިލިހުގެ މެޖޯރިޓީ ޕީޕީއެމަށް ގެއްލިފައި އޮތީމަ އެވެ.

މަޖިލިހުގެ މަސައްކަތަކަށް ހުރަސް އަޅައި، އެތަނުގެ ބާރު ކަނޑުވާލާފައި އޮތް އޮތުމަށް ވީހާވެސް އަވަހަކަށް ނިމުމެއް އަންނަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. ތިން ބާރުގެ ތެރެއިން އެއް ބާރު ހިންގުން ހުއްޓުވާފައި އޮންނަ އޮތުން ތަހުގީގު ކުރެވޭނެ ދުވަސް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ބޭއްވި މަޖިލިހުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާއާ އެކު، ބާއްވާފައިވަނީ ޖުމްލަ 24 ޖަލްސާ އެވެ.