Roadha Mihaaru
އިބޫ، އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

އިބޫ، އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

01 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އަކިލޭޝް އަކީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ ކާމިޔާބު ކުރެއްވި ފަހުން، އެމަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ސަފީރެވެ. އެކަމަކު، އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެ ފަރާތުން ވެސް އަދިއެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން އިބޫ ވަނީ ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްއާ ވެސް އިބޫ ވަނީ ބައްދަލުކުރައްވައިފަ އެވެ.

އިންތިޚާބީ ރައީސް އިބޫ (ކ)، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބަައްދަލުކުރައްވަނީ.

އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން އިބޫ އަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް އެ ގައުމަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވުމުގެ ދައުވަތު ވެސް މޯދީ ދެއްވާފައި ވެ އެވެ.

އިބޫ ވެސް ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު މޯދީ އަށް ދެއްވައިފަ އެވެ.

އިންތިޚާބީ ރައީސް އިބޫ، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝްއާ މިއަދު ބައްދަލުކުރައްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންތިޚާބީ ރައީސް އިބޫ، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝްއާ މިއަދު ބައްދަލުކުރައްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންޑިޔާއިން މި ފަހުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންތައްތަކާ މެދު އިންޑިޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރަން އެ ގައުމުން އެތައް ފަހަރަކު ގޮވައިލި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައުމަށްފަހު އިންޑިއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.