Roadha Mihaaru
"އިންޑިއާ އައުޓް" ގަރާރު ބާތިލްކުރަން ކޯޓަށް

އިންޑިއާ އައުޓް ނުހުއްޓާާނަން، ގަރާރު ބާތިލް ކުރަން ކޯޓަށް ދާނަން: އިދިކޮޅު

21 އެޕްރީލް 2022

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހް މިއަދު ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އަދި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހް މިއަދު ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އަދި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމުން އިސްވެ އޮވެ ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިއްޔެ ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ނަގައިފަ އެވެ. އަދި އެހެން ތަންތަނުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން ފުލުހުން ވަނީ އެދިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ނެރުއްވި ގަރާރެެއް ކަމަށް ވާތީ އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ގަރާރު ނެރުނަސް، "އިންޑިއާ އައުޓް" ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ގަރާރެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ނެރުއްވި ގަރާރަށް ރައްދު ދެއްވައި، އަދުރޭ ވިދާޅުވީ ނަސްލީ ތަފާތު ކުރުން ހުއްޓުވަނީ ކަމަށް އެ ގަރާރުގައި ބުނެފައި އޮތަސް، ނަސްލީ ތަފާތު ކުރުން ފެތުރެމުން ދަނީ އިންޑިއާގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހުރިހާ ކަމެއް ކުރަނީ އިންޑިއާއާ ގުޅިގެން މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނާ ދެކޮޅަށް ނެރުނު ގަރާރެއް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމަކާ ދެކޮޅަށް ބެނާއެއް ދަމާލުމުން ސަރުކާރުން ބިރުން އުޅެން ފެށުމުން ގައުމު އޮތް ހާލަތު އެނގޭނެ ކަމަށެވެ. އަދި މި ސަރުކާރު ނިމުމަކަށް ގެނައުމަަށް ރައްޔިތުން ނުކުންނަން ވެސް އޭނާ ގޮވާލެއްވި އެވެ.