Roadha Mihaaru
ރޮނާލްޑޯގެ އަށް ވަގުތު ބޭނުންވޭ: އަލެގްރީ

ރޮނާލްޑޯގެ އަށް ވަގުތު ބޭނުންވޭ: އަލެގްރީ

02 އޮކްޓޯބަރ 2018

ޓިއުރިން (އޮކްޓޫބަރު 2) - ޔުވެންޓަސް ކުޅޭ ސްޓައިލަށް ހޭނެން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ވަގުތު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (އޮކްޓޫބަރު 2) - ޔުވެންޓަސް ކުޅޭ ސްޓައިލަށް ހޭނެން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ވަގުތު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސް އަމިއްލަ ދަނޑުގައި ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ މުބާރާތުގައި ވެލެންސިއާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.

އިޓާލިއަން ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ނަޕޯލީ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަލެގްރީ ބުނީ އެއީ ރޮނާލްޑޯ އަށް ފެށުމެއް ކަމަށާއި އަދިވެސް އެ ޓީމުގެ ސްޓައިލަށް ހޭނެން ވަގުތުތަކެއް ނަގާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ގިނަ އަހަރުތަކެއް ވަންދެން އެއް ޓީމެއްގައި ކުޅެފައި ރޮނާލްޑޯ އައީ. ދެން މި ޓީމަށް އައިސް ފުރަތަމަ އެންމެ ބޭނުން ކުޅުން ދައްކަން އުނދަގޫވާނެ. އެކަމަކު އެންމެ ފަހުން ނަޕޯލީއާ ދެކޮޅަށް ރޮނާލްޑޯ ދެއްކީ ތައުރީފް ހައްގު ކުޅުމެއް. އެއީ ފެށުމެއް ކަމަށް އަހަރެން ދެކެނީ،" އަލެގްރީ ބުންޏެވެ.

މިރޭގެ މެޗަށް ރޮނާލްޑޯ ސަސްޕެންޑްވުމުން މާ ބޮޑު މާޔޫސްކަމެއް ނެތް ކަމަށާއި އެއީ ހާއްސަ ސަަބަބެއް ވެސް އޮތުމުން ކަމަށް އަލެގްރީ ބުންޏެވެ.

"މި ޓީމާ ގުޅުނު ފަހުން ރޮނާލްޑޯ ބޭނުންވޭ ހުރިހާ މެޗެއް ކުޅެން. އެހެން އެކަން ވަނީ ވެސް. އެކަމަކު މި ސަސްޕެންޝަނުގެ ސަބަބުން ރޮނާލްޑޯ އަށް އަރާމްކުރަން ފުރުސަތު ލިބޭނެ. ދެން އޭނާ އިތުރަށް ހަމަޖެހިލައިގެން ކުޅެން ފުރުސަތު ވެސް އޮންނާނެ،" އަލެގްރީ ބުންޏެވެ.

ޔަންގް ބޯއީސްގެ ކޯޗު ޖެރާޑޯ ސިއޯނޭ ބުނީ ރޮނާލްޑޯ ނެތުމަކީ އޭނާގެ ޓީމަށް މި މެޗު ފަސޭހަވާނެ ސަބަބެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ރޮނާލްޑޯ ނެތުމުން އަހަރެމެން ދެރަވޭ. އެއީ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ އަހަރެމެންގެ ޓީމުގެ ކުޅުންތެރިންނަށް ވެސް ލިބޭނެ އުފަލެއް. ރޮނާލްޑޯ ނެތުމުން އަހަރެމެން އުފަލެއް ނުވޭ. އެއީ އޭނާ ނެތްތަނަށް ވެސް ޔުވެންޓަސް އިން ބޭނުންކުރާނީ ދުނިޔޭގެ ފެންވަރު ކުޅުންތެރިން." ސިއޯނޭ ބުންޏެވެ.

ޔުވެންޓަސް އާއި ޔަންގް ބޯއީސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:55 ގަ އެވެ.