Roadha Mihaaru
ރައީސާ އެކު ގާނޫނާ ޚިލާފު "ޑީލަކަށް" ނުދާނަން: އިބޫ

ރައީސް ޔާމީނާ އެކު ގާނޫނާ ޚިލާފު "ޑީލަކަށް" ނުދާނަން: އިބޫ

02 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީނާ އެކު ގާނޫނާ ޚިލާފު އެއްވެސް "ޑީލެއް" ނުހައްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީނާ އެކު ގާނޫނާ ޚިލާފު އެއްވެސް "ޑީލެއް" ނުހައްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އިބޫ މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. މިއީ، ހަތް މަސްދުވަހު ޖަލުގައި އޮންނެވި މައުމޫން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަފާލާތުން ދޫކޮށްލެއްވުމާ އެކު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ސިޔާސީ ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބުކުރެވުނީ ރައީސް މައުމޫންގެ ވެސް މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ އިބޫ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. މައުމޫނާ ބައްދަލުކުރެއްވީ، ރައްޔިތުންނަށްޓަކައި ކުރިއަށް ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ކަމަށް ވެސް ވެސް ވިދާޅުވި އެވެ.

މައުމޫނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އިބޫ ވަނީ، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރެއްވުމަށް ފަހު، ރޭ ކުއްލި ގޮތަކަށް މުޒާހަރާ އަށް ނުކުމެވަޑައިގަތުމުން ފާޑުވިދާޅުވެފަ އެވެ.

ޕީޕީއެމުން ބޭއްވި މުޒާހަރާގައި، ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 96،000 ވޯޓެއް ނޫނެވެ. އިންތިޚާބުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ބޭނުންފުޅަކީ މުޒާހަރާކުރައްވައިގެން، އެމަނިކުފާނަށް ތުހުމަތުކުރާ ގާނޫނާ ޚިލާފު ކަންކަމުން ރެކިވަޑައިގަނެ ނުވަތަ "ޑީލެއްގެ" ދަށުން ނަމަވެސް އިންސާފާ ކުރިމަތި ނުލެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށް އިދިކޮޅުން ތުހުމަތުކުރާ ކަމަށާއި އެފަދަ ކަމަކަށް ޖާގަ ދެއްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިބޫ ވިދާޅުވީ "ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނަން" ކަމަށެވެ.

ރައީސް ޔާމީނާއި އިބޫ: ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވެސް ވިދާޅުވި.

ރައީސް ޔާމީނާއި އިބޫ: ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވެސް ވިދާޅުވި.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައި މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި އޮވެއްޖެ ނަމަ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެ އެވެ. ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާކުރެވޭނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީއަކީ އެ ކަހަލަ ޑީލަކަށް ދާކަށެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް. ދެން އޮތީ ރައްޔިތުންގެ ނިންމުން. އެއާއެކީގައި ކުރިއަށް ދާނީ. އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި މައުމޫން ވެސް ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމިއޮންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އެންމެ މަސްލަހަތު ހުރި ގޮތަކީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގަތުން ކަމަށް މައުމޫން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޮކްޓޫބަރު 2، 2018 ގައި ބައްދަލުކުރެއްވުން. -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޮކްޓޫބަރު 2، 2018 ގައި ބައްދަލުކުރެއްވުން. -- ފޮޓޯ: އެމްޑީޕީ

އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ގޮތެއް ނިންމުމުން، އެއާ ދެކޮޅު ހެއްދެވުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.

ޕީޕީއެމުން ތުހުމަތުކުރަނީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްވެ ހުންނަވައިގެން އެ ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެ ތުހުމަތު ކޮމިޝަނުގެ މެމްބަރުން ދޮގުކުރައްވަ އެވެ.

ރައީސް ޔާމީން ވެސް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަން އީސީގެ ޝަރީފް މީހަކާ ދެއްކެވި ވާހަކަތަކެއް ހިމެނޭ، އާއްމުވި އޯޑިއޯއިން އެނގޭ ކަމަށެވެ. އެހެންވެ އެއަށް ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ގޮވައިލެއްވި އެވެ. އަދި، އެ ބޭފުޅުން ޖަވާބުދާރީ ކުރުވަން އެ ކޮމިޝަނަށް ވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.