Roadha Mihaaru
ޝައްފާންގެ "އަހުރެން": ހަގީގަތަކަށް ވި ކުރެހުން

ޝައްފާންގެ "އަހުރެން": ހަގީގަތަކަށް ވި ކުރެހުން

04 އޮކްޓޯބަރ 2018

ހިނގަމުންދާ މުޖުތަމައުގެ ސިޔާސީ ހާލަތާއި ހައްގުތަކުގެ ވާހަކަތަކާއި އެ ކަންކަމުގެ އިހުސާސްތައް ގަލަމުން ތިލަކުރެވެ އެވެ. ޓްވީޓްކުރެވެ އެވެ. ޖޯކް ޖެހެ އެވެ. ދެން ނުކުރެހެންވީ ކީއްވެ ހެއްޔެވެ؟ ގާނޫނުން މަނާކުރަނީ ހެއްޔެވެ؟ ނޫނެކެވެ. ގާނޫނުން ވެސް ހުއްދަ ލިބެ އެވެ. ދެން މައްސަލަ އަކީ ކޮބާ ހެއްޔެވެ؟

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ހިނގަމުންދާ މުޖުތަމައުގެ ސިޔާސީ ހާލަތާއި ހައްގުތަކުގެ ވާހަކަތަކާއި އެ ކަންކަމުގެ އިހުސާސްތައް ގަލަމުން ތިލަކުރެވެ އެވެ. ޓްވީޓްކުރެވެ އެވެ. ޖޯކް ޖެހެ އެވެ. ދެން ނުކުރެހެންވީ ކީއްވެ ހެއްޔެވެ؟ ގާނޫނުން މަނާކުރަނީ ހެއްޔެވެ؟ ނޫނެކެވެ. ގާނޫނުން ވެސް ހުއްދަ ލިބެ އެވެ. ދެން މައްސަލަ އަކީ ކޮބާ ހެއްޔެވެ؟

މިއީ ރާއްޖޭގެ ކޮންޓެމްޕަރަރީ އާޓް ސޮސައިޓީގެ ތެރޭގައި އެނބުރޭ ސުވާލެކެވެ. ހަމައެކަނި އެގްޒިބިޓްކުރެވޭނީ ކަނޑުއަޑީގެ މަންޒަރުތަކާއި އިރުއޮއްސޭ މަންޒަރު ހެއްޔެވެ؟ އެކަން ބަދަލުކުރަން އެންމެ ބޮޑަށް ބޭނުންވާ އެކަކަކީ އަހުމަދު ޝައްފާން (ޝަފް) އެވެ. ސޯޝަލް މީޑިއާގައި "ޝަފްއޯޝަންސް"ގެ ނަމުގައި އޭނާގެ ކުރެހުންތަކުގެ ޖާދޫގައި އެތައް ބަޔަކު ޖެއްސި ޝައްފާން އަބަދުވެސް ވިސްނަމުން އައީ ތިމާގެ ސިކުނޑީގައި އެނބުރޭ ހިޔާލުތައް ކުރެހުންތަކުގެ ތެރެއިން ބޭރުކުރެވޭނެ ގޮތަކާ މެދުގަ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބާއްވާ މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަންގައި މި ފަހަރު އޭނާ ބޭނުންވީ އެފަދަ ކުރެހުމެއް ކުރަހާށެވެ. އެކަމަކު އޭނާ ކުރެހި "އަހުރެން" އާ އެކު އަނެއްކާ ވެސް އެއްކަލަ މައްސަލަގަނޑުގެ ތެރެއަށް ވެއްޓުނީ އެވެ. އެ ކުރެހުމުގައި ގައުމީ ދިދަ ބޭނުންކޮށްފައިވާ ގޮތުން ކަމަށް ބެލެވެ އެވެ. ގެލެރީ ހުޅުވަން އޮތް ދުވަހު އެތަނަށް ފުލުހުން ދިޔަ އެވެ. ގެލެރީ ކުރިއަށްނުގެންދެވިދާނެހެން ހީވި ދަނޑިވަޅުތަކެއް ވެސް ދިޔަ އެވެ. އެ ހިސާބުން ޝައްފާން ގުޅީ އޭނާގެ އެކުވެރި ގާނޫނީ ވަކީލް ޝަހުދީ އަންވަރަށެވެ. ފަހުން އެ މައްސަލަ ހައްލުވި ނަމަވެސް، އާޓިސްޓުންގެ "ހިމާޔަތުގައި" ޝަހުދީ އާއި އޭނާގެ ގާނޫނީ ޓީމް އެތަނަށް އައުމަކީ ޝައްފާނާއި އެހެން ބައިވެރިންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ޝައްފާން އާއި އޭނާގެ "އަހުރެން".

ޝައްފާން އާއި އޭނާގެ "އަހުރެން".

"އަސްލު އެ ދުވަހު ލޯޔަރުން އެތަނަށް އައީމާ ޕްރައުޑް ފީލްވެފައި ތިބީ އެންމެން ވެސް. އަލަށް ވިން އެއް އެވީ ގެލެރީގައި އާޓިސްޓުންނަށް،" މީގެ ކުރިން ގެލެރީގައި ހުރި ކުރެހުންތަކެއް ނަގަން ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންގަނޑަށް އިޝާރާތްކޮށް ޝައްފާން، 32، ބުންޏެވެ.

ޝަހުދީ އާއި ހުސްނުއްސުއޫދުގެ ލޯފާމް "ސުއޫދު އަންވަރު އެން ކޯ" އެ ދުވަހު ހަމައެކަނި އާޓިސްޓުންގެ ހިމާޔަތުގައި ދިޔައީކީ ނޫނެވެ. ޝައްފާންގެ އެ ކުރެހުން ގަތީ އެވެ. އާޓަށް ހުންނަ ވަރުގަދަ ލޯތްބެއްގެ ސަބަބުންނާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮންނަ އިހުތިރާމެއްގެ ސަބަބުންނެވެ.

އެ ފާމުން ދެކޭ ގޮތުގައި ރާއްޖޭގައި އަރަމުން އަންނަ ގިނަ އާޓިސްޓުން ތިބީ ބިރެއްގެ ތެރޭގަ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ އަސާސީ ހައްގަކަށްވީ ނަމަވެސް އާޓިސްޓުންނަށް އޮތީ ހުރަސްތަކެވެ. އާޓިސްޓަކު ގައުމުގެ ހާލަތާ މެދު ދެކޭ ގޮތެއް ކުރެހުމަކުން ފާޅުކޮށްލުމަކީ، އެ ފާމުން ދެކޭ ގޮތުގައި ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. ކުރަހާ ކުރުމެއް އެއް ބަޔެއްގެ ނަޒަރުގައި ގޯސްވެދާނެ އެވެ. އަނެއް ބަޔަކަށް އެހެން މާނައެއް ނެގިދާނެ އެވެ.

"އެހެންވީމާ އަހަރެމެން ވެސް ބޭނުންވީ މެސެޖެއް ދޭން. މިއީކީ މައްސަލައެއް ނޫން. މީހެއްގެ އަބުރާ ބެހެނީކީ ނޫން. ދީނީ ގޮތުން ފަސާދަކުރަނީއެއް ނޫން. ގައުމުގެ ހާލަތާ މެދު އާޓިސްޓަކު ދެކޭ ގޮތް އެ މީހަކަށް ފާޅުނުކުރެވެންވީ ސަބަބެއް ނެތް،" ލޯ ފާމްގެ އިން-ހައުސް އާޓިސްޓް އީމާން ރަޝީދު ބުންޏެވެ.

އެ ތަނުން ދެކޭ ގޮތުގައި މިކަހަލަ ކަންކަމުގައި މީހުންގެ ވިސްނުން ބަދަލުކުރެވޭނީ މިފަދަ އުފެއްދުންތަކަށް ސަމާލުކަން ވެސް ލިބިގެންނެވެ. އަނގަ ހަލުވި މީހުން އަނގައިން ހިޔާލު ފާޅުކުރާއިރު، ބަހަށް މޮޅު މީހުން އެކަން ކުރާނީ ލިޔުމުންނެވެ. އެހެންވީމާ ކުރަހަން މޮޅު މީހުން ކުރަހައިގެން، ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގުގެ ބޭނުންކުރެވެން ޖެހެ އެވެ.

ލޯ ފާމްގެ އިން-ހައުސް އާޓިސްޓް އީމާން އިންޓަވިއުދެނީ.

ލޯ ފާމްގެ އިން-ހައުސް އާޓިސްޓް އީމާން އިންޓަވިއުދެނީ.

ޝައްފާން ވެސް ދެކެނީ އެހެންނެވެ. ސިޔާސީ އެއްޗެއް ކުރެހުމަކީ މައްސަލައެއް ކަމަށް އޭނާ ނުދެކެ އެވެ. ރާއްޖޭގައި އޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ނޫސްތަކުގައި ލިޔެ ހަދާއިރު ޓްވީޓް ވެސް ކުރެ އެވެ. އެކަމަކު ކުރަހާ މީހުންނަށް އެ ހައްގު ބޭނުންކުރަން ނުލިބުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

ގެލެރީގެ އުސްއައްޔަށްވި ޝައްފާންގެ "އަހުރެން" ކުރެހުމުން ފެންނަނީ އެ ހައްގު ހޯދަން މަސައްކަތްކުރާ މީހެއް ހެއްޔެވެ؟ ފެންނަނީ ގައުމީ ދިދަ، ގަޔާއި މޫނުގައި އޮޅިފައިވާ މީހެކެވެ. މައްޗަށް އުފުލިފައިވާ އަތާއި ގައިގައި އޮތީ ވާގަނޑެއް އައްސައިފައި އެވެ. އަތް ވަނީ ވަރުބަލިވެ އެލިފަ އެވެ. ސިފަކުރެވެނީ، އަތްފައި ބަނދެވިފައިވާ ދިވެއްސަކު، އެކަމުން މިންޖުވުމަށްކުރާ މަސައްކަތުގައި ވަރުބަލިވެފައިވާތަނެވެ.

މި ކުރެހުމަށް ފަހު ދިމާވީ މި ކުރެހުމުން މާނަކުރެވިދާނެ ކަންކަމުގެ ހަގީގީ ހާދިސާއެކެވެ. އެހެންވެ ކުރެހުމުގެ ހާއްސަކަން އިތުރުވި އެވެ.

"އެ މީހަކު ގައުމާ ދޭތެރޭ ދެކޭ ގޮތް، މި ކުރެހުން ބަލާފައި ހިތަށް އަރާނީ. ނުބައިކޮށް ވިސްނާ މީހަކަށް ވިސްނޭނީ ނުބައިކޮށް. ކަޑަކަންތައްތަކެއް ވެފައި ހުރި މީހަކަށް ވިސްނޭނީ ކަޑަކޮށް. އެ މީހެއްގެ ވިސްނުން އެއީ. އެ މީހަކު ވިސްނި އެއްޗެއް ވިސްނޭނީ،" މީގެ 16 އަހަރު ކުރިން ކުރަހަން ފެށި ޝައްފާން ބުންޏެވެ.

ކޮންޓެމްޕަރަރީ އާޓަކީ އެޔެވެ. ކުރެހުންތެރިޔާ އޭނާގެ "ހިޔާލާއި ފިކުރު" ކުރަހަނީ އެވެ. ބަލާ މީހާ އެ މީހެއްގެ "ހިޔާލާއި ފިކުރު" އެއިން ތަސައްވުރު ކުރާނީ އެވެ. އެކަމަކު "އަހުރެން" ކުރަހައި ނިންމާފައި ޝައްފާނަށް ތަސައްވުރު ކުރަން ޖެހުނީ ބެދިދާނެ ގާނޫނީ މަޅިއަކާ މެދު އެވެ. އެހެންވެ ކުރަހާ ނިންމާފައި އެގްޒިބިޓްކުރުމުގެ ކުރިން ޝަހުދީ އަށް ގުޅި އެވެ. އެކަމަކު ޝަހުދީ އާއި ޓީމު އެތަނަށް އަންނަން ޖެހުނީ، އެގްޒިބިޓްކުރި ހިސާބުން ފުލުހުން އައުމުންނެވެ.

ސުއޫދު އަންވަރު އެން ކޯ ލޯފާމްގެ އޮފީހުގައި މުވައްޒަފަކު މަސައްކަތްކުރާއިރު، އެތަނުގައި ބަހައްޓާފައިވާ ކުރެހުމެއް ފެންނަން.

ސުއޫދު އަންވަރު އެން ކޯ ލޯފާމްގެ އޮފީހުގައި މުވައްޒަފަކު މަސައްކަތްކުރާއިރު، އެތަނުގައި ބަހައްޓާފައިވާ ކުރެހުމެއް ފެންނަން.

"ރާއްޖޭގައި ގާނޫނީ ގޮތުން ނެތް ހުރަހެއް ނެތް. އެހެން ގޮތަކުން ވެސް ނެތް ގޯހެއް. (މީހުންގެ) ވިސްނުން ބަދަލުކުރަން ޖެހެނީ. އެއީ މިފަދަ (ދެ މާނަ ހިމެނޭ) ޕެއިންޓިންއެއް ކުރަހަން ޖެހުނު ސަބަބަކީ ވެސް،" ޝައްފާން ބުންޏެވެ.

އާޓިސްޓުންގެ "ހިމާޔަތުގައި" އައި ގާނޫނީ ޓީމަށް މި ކުރެހުމަށް ހިތް ޖެހުނީ އެ ކުރެހުމުން ކޮން މާނައެއް ނެގިގެން ހެއްޔެވެ؟ އެއީ ހައްގުތައް ހޯދަން ކުރާ މަސައްކަތުގައި އުފުލަންޖެހޭ ތުރާތައް މި ކުރެހުމުން ސިފަކުރެވޭތީ އެވެ. މި ކުރެހުމުން ޝަހުދީމެން ފަދަ ލޯޔަރުންގެ ހިނގަން ޖެހޭ ދަތި އުނދަގޫ މަގު ވަރަށް ރަނގަޅަށް ސިފަކުރެވެ އެވެ. ކުރެހުމުން ފެންނަ މީހާގެ އަތުން ވާ މޮހެވެތާން ފެންނަ ފެނުމުން ސިފަކުރެވެނީ އެ މަގު ހުރަސްކުރެވި، އަމާން، އޮމާން މަގަކަށް ލަނބާލާ މަންޒަރުބާވަ އެވެ؟

"އެ ގޮށް ކުޑަކޮށް މޮހެވެން އުޅޭހެން ހީވޭދޯ؟ އެހެންވީމާ ވަރަށް ބޮޑަށް މި ވަގުތު ސިގްނިފިކަންޓްވޭ. އަހަރެން އެ ސްޓްރަގަލް އިން ފްރީވާހެން ހީވޭ ދުވަސްކޮޅެއް މިއީ. އެކަމަކު އަހަރެން ބޭނުމެއް ނޫން ފްރީވެފައޭ ބުނާކަށް،" އީމާން ބުންޏެވެ.

ސުއޫދު އަންވަރު އެން ކޯ ލޯފާމްގެ އޮފީހުގައި ބަހައްޓާފައިވާ ނީލާގެ ކުރެހުމެއް.

ސުއޫދު އަންވަރު އެން ކޯ ލޯފާމްގެ އޮފީހުގައި ބަހައްޓާފައިވާ ނީލާގެ ކުރެހުމެއް.

އެ ގޮންޖެހުން ބޮޑު ގާނޫނީ މަސައްކަތުގައި ޝަހުދީ އާއި ސުއޫދު މެން އުޅޭއިރު ހިތަށް ފިނިކަން ލިބެނީ ޝައްފާންމެން ފަދަ އާޓިސްޓުންގެ ކުރެހުންތަކުންނެވެ. އެ ލޯފާމުގެ އެކި ދިމަދިމާލުގައި ފެންނަން އެހުރީ، ގަނެ އެއްކޮށްފައި ހުރި އެފަދަ ކުރެހުންތަކެވެ. އާޓަށް ޖެހިފައިވާ ވަރުގަދަ ލޯތްބާ އެކު، އާޓިސްޓުންނަށް ހުރިހާ ގޮތަކުން ވެސް އެހީވެދޭން ތިބީ ތައްޔާރާށެވެ. އާޓިސްޓުންނާ ގުޅޭ ކަންކަމުގައި ސެމިނާތަކާއި ވޯކްޝޮޕްތައް ހިލޭ ވެސް ވަނީ ރާވައިފަ އެވެ. އެ ހުރިހާ ކަމަކަށް ވުރެ ވެސް، އާޓިސްޓް ކޮމިއުނިޓީ އަށް ލޯ ފާމުން ކޮށްދިން ހިދުމަތަކީ މި ކުރެހުމުގެ ހިމާޔަތުގައި ނުކުމެ، އަދި އެ ގަނެ ފޮނުވާލި ވަރުގަދަ މެސެޖެވެ. އެ މެސެޖާ އެކު ޝައްފާން ޔަގީންކަން ދިނީ އަންނަ އަހަރުގެ ކޮންޓެމްޕަރަރީ އާޓް ގެލެރީގައި މިފަދަ އެތައް ކުރެހުންތަކެއް އަންނާނެ ކަމެވެ. އާޓިސްޓުންނަށް ހިތްވަރުލިބިއްޖެ ކަމަށް ބުނެ އެވެ.

"މިކޮޅުން ވެސް އުއްމީދުކުރަނީ ޒުވާން، އަރަމުން އަންނަ އާޓިސްޓުން ކޮމްފޯޓް ޒޯނުން ބޭރަށް ނުކުމެ، ޝައްފާންގެ މި "އެކްޓިވިޒަމް" އިން ހިތްވަރު ހޯދާނެ ކަމަށް،" އީމާން ބުންޏެވެ.

އެ ހާއްސަ ކުރެހުން ޝައްފާން އަތުގައި ބަހައްޓަން ވެސް ބޭނުންވެ އެވެ. ސަމާސާއަކަށް ހަދާފައި ޝައްފާން ބުނީ އެ ކުރެހުން ވިކުނީމާ އަސްލު ދެރަވި ކަމަށެވެ. އެކަމަކު "މާޔޫސް" ވާން ޖެހޭ ސަބަބެއް ނެތެވެ. އެ ކުރެހުން އަބަދަށް ފްރޭމްކުރެވިފައި ހުންނާނީ ރާއްޖޭގެ ގާނޫނީ ދާއިރާގެ އެންމެ ފުންނާބުއުސް ލޯ ފާމުގައި، ގާނޫނީ އެތައް ސައްލާތަކެއްކުރާ ކޮޓަރީގަ އެވެ. ހިޔާލުފާޅުކުރުމުގެ ހައްގުތަކުގެ ރަމްޒެއްގެ ގޮތުގަ އެވެ.