Roadha Mihaaru
"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި

"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި

04 ސެޕްޓެމްބަރ 2018

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބާއްވާ "އަންވެއިލިން ވިޝަންސް: މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަން 2018" ރޭ ހުޅުވައިފި އެވެ.

ފަރާ އަހުމަދު ފަރާ އަހުމަދު

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބާއްވާ "އަންވެއިލިން ވިޝަންސް: މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަން 2018" ރޭ ހުޅުވައިފި އެވެ.

މިއީ އެމްއޭސީ އިން މި އިވެންޓް ބާއްވާ ދެ ވަނަ އަހަރެވެ. ރާއްޖޭގެ 50 އާޓިސްޓުންގެ ފަންނުވެރިކަން ދައްކުވައިދޭ މި އެގްޒިބިޝަން މި މަހުގެ 7 އާ ހަމައަށް ނެޝަނަލް އާޓް ގެލެރީގައި އޮންނާނެ އެވެ.

މި އަހަރު ބައިވެރިވާ އާޓިސްޓުން ހަ ކެޓަގަރީއަކަށް ވަނީ ބަހާލައިފަ އެވެ. އޭގެ ތެރޭގައި ފެންކުލަ، ޑިޖިޓަލް އާޓް، ސްކަލްޕްޗާ، އިންސްޓޮލޭޝަން، ކެލިގްރަފީ އަދި ފަންސޫރު ކުރެހުންތައް ހިމެނެ އެވެ.

މި އަހަރުގެ އެގްޒިބިޝަން އިފްތިތާހު ކޮއްދެއްވަމުން މި އިވެންޓްގެ މައި ސްޕޮންސާ ކަނޑިމަ ރިސޯޓުގެ ޑިޖިޓަލް މާކެޓިން އެންޑް ސޯޝަލް މީޑިއާގެ ޑެޕިއުޓީ ޑައިރެކްޓަރު މުހައްމަދު ޝަފްރާޒް ވިދާޅުވީ، މިދިޔަ އަހަރުގެ އެގްޒިބިޝަންގައި ބައިވެރިވި އާޓިސްޓުންގެ ތެރެއިން 15 ފަރާތަކަށް ވަނީ ކަނޑިމަ ރިސޯޓަށް އެމީހުންގެ ކުރެހުންތައް ދައްކާލުމުގެ ފުރުސަތު ދީފައި ކަމަށެވެ. އަދި އެ 15 އާޓިސްޓުންގެ 27 ކުރެހުމެއް އެ ރިސޯޓުގެ ގެސްޓުންނަށް ވިއްކާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އެގްޒިބިޝަންތަކުގެ ބޭނުމަކީ ދިވެހި އާޓިސްޓުންގެ ހުނަރު އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ދައްކާލައި، ޕަބްލިޝް ކުރެވޭނެ ގޮތްތައް ހޯދުމެވެ.

މި އަހަރު ވެސް އެގްޒިބިޝަންގައި ބައިވެރިވާ އާޓިސްޓުންގެ ތެރެއިން 15 ފަރާތަކަށް، ކަނޑިމަ ރިސޯޓުގައި ޑިސެންބަރު މަހު ބާއްވާ "ކުލަ އާޓް ފެސްޓިވަލް" ގައި ބައިވެރި ވުމުގެ ފުރުސަތު ލިބޭނެ އެވެ.

އެގްޒިބިޝަން ރަސްމީކޮށް ހުޅުވުމަށް ފަހު، މިދިޔަ އަހަރު މި އިވެންޓްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުރެހުމެއް ހުށަހަޅާފައިވާ ތިން ފަރާތަކަށް ވަނީ އެވޯޑާއި ސްޕޮންސަރުންގެ ފަރާތުންދޭ އިނާމެއް ހަދިޔާކޮށްފަ އެވެ. އިނާމު ލިބުނު ޒުވާން އާޓިސްޓުންނަކީ މުހައްމަދު ހަމްމާދު، އިސްމާއިލް މައިޝް މުހައްމަދު އަދި އަލީ ފަހުމީ އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަންގައި ވަނަ ލިބުނު މުހަންމަދު ހަމްދާން މި އަހަރު ހުށަހެޅި ކުރެހުން. -- މިހާރު ފޮޓޯ: ހުސެން ވަހީދު

މިދިޔަ އަހަރުގެ މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަންގައި ވަނަ ލިބުނު މުހަންމަދު ހަމްދާން މި އަހަރު ހުށަހެޅި ކުރެހުން. -- މިހާރު ފޮޓޯ: ހުސެން ވަހީދު

މިއަހަރުގެ "އަންވެއިލިން ވިޝަންސް" އެގްޒިބިޝަން ރަސްމީކޮށް ހުޅުވުމަށްފަހު، މި އިވެންޓް ރޭވުމުގައި އިސްކޮށް އުޅުނު އާޓިސްޓެއް ބުނީ، ކޮންމެ އަހަރަކުވެސް މި އެގްޒިބިޝަން ބާއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މިފަދަ އިވެންޓްތަކުގައި ބައިވެރިވާ ޒުވާނުން އިތުރުވާކަން ފާހަގަކޮށް، އޭނާ ބުނީ ދެން އަންނަ އަހަރު ވެސް މި އަހަރަށްވުރެ ގިނައިން ފަންނުވެރިން ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެމްއޭސީގެ މި އިވެންޓުގައި މިދިޔަ އަހަރު ވެސް ބައިވެރިވި ޒުވާނަކު ބުނީ، މިފަދަ އެގްޒިބިޝަންތައް ބޭއްވުމަކީ ކުރެހުމަށް އިތުރަށް "މޯޓިވޭޓްވާ" ކަމެއްކަމާއި، މިއީ ޒުވާން އާޓިސްޓުންނަށް އޮތް ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ. އަދި ދެން އަންނަ އަހަރުވެސް ބައިވެރި ވުމަށް އޭނާ އުންމީދުކުރާ ކަމަށް ބުންޏެވެ.

ރޭގެ އެގްޒިބިޝަންގައި ވަރަށް ގިނަ ކުރެހުންތައް ވަނީ ވިކިފަ އެވެ. ކުރެހުންތަކުގެ އަގު ހުރީ 2،000-20،000 ރުފިޔާއާ ދެމެދުގަ އެވެ.

ޒުވާން އާޓިސްޓުންގެ ހުނަރުތައް ޝޯކޭސް ކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މި އެގްޒިބިޝަންގައި ލައިވް އާޓް އިވެންޓްތަކާއި އާޓް ވޯކްޝޮޕް އަދި ކުޑަކުދިންނަށް ހާއްސަކޮށް ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.