Roadha Mihaaru
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ

ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެންނަން ފަށާ

07 އޮކްޓޯބަރ 2018

ޓައިޕް 2 ޑައެބެޓީސް ހުރިކަން ކަށަވަރުވުމުގެ ވިއްސަކަށް އަހަރު ކުރިން ވެސް އެ ބަލީގެ ނިޝާންތައް ހަށިގަނޑުން ފެންނަން ފަށާ ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.

ޓައިޕް 2 ޑައެބެޓީސް ހުރިކަން ކަށަވަރުވުމުގެ ވިއްސަކަށް އަހަރު ކުރިން ވެސް އެ ބަލީގެ ނިޝާންތައް ހަށިގަނޑުން ފެންނަން ފަށާ ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.

މި ދިރާސާކުރި ޓީމުން ބުނި ގޮތުގައި، ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރު މަތިވުމާއި އިންސިއުލިން ރެސިސްޓެންސަކީ ހަކުރުބަލީގެ ކުރީކޮޅު އާންމުކޮށް ފެންނަ އަލާމާތްތަކުގެ އެތައް އަހަރެއް ކުރިން ފެށިގެން ހަށިގަނޑުން ފާހަގަވާން ފަށާ ނިޝާންތަކެކެވެ. އެހެންވެ، ހަކުރުބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ ވަރަށް ކުރިން ފަށަންޖެހޭ މަސައްކަތެެއްކަން މި ދިރާސައިން ދެއްކި ކަމަށް ބުނެފައިވެ އެވެ.

ޖަޕާނުގެ ޓީމަކުން 2005 އާއި 2016 އާ ދެމެދު 27،000 މީހަކު ބައިވެރިކޮށްގެން ކުރި މި ދިރާސާގައި ބޮޑީ މާސް އިންޑެކްސް، ފާސްޓިން ބްލަޑް ޝުގަ އަދި އިންސިއުލިން ސެންސިޓިވިޓީ ބަލާފައިވެ އެވެ. ދިރާސާގައި ބައިވެރިކުރި އެންމެންނަކީ ވެސް އުމުރުން 30-50 އަހަރާ ދެމެދުގެ، ހަކުރު ބަލި ނެތް މީހުންނެވެ. މީގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.

އިންސިއުލިން ރެސިސްޓެންސަކީ ހަށިގަނޑުގެ ސެލްތައް އިންސިއުލިން ހޯމޯނަށް އެކަށީގެންވާ ގޮތެއްގައި އިޖާބަ ނުދިނުމެވެ. މިހެން ދިމާވުމުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވެ އެވެ.

ބޮޑީ މާސް އިންޑެކްސް މަތިވުމަކީ ޓައިޕް 2 ޑައެބެޓީސްގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

މި ދިރާސާގައި ބައިވެރިކުރި މީހުންގެ މައުލޫމާތު އެއްކުރަމުން ދިޔައީ އެ މީހަކަށް ހަކުރު ބަލި ޖެހިފައިވާކަން ޑައިގްނޯޒް ކުރެވެންދެން ނުވަތަ ނުޖެހޭ ނަމަ، ދިރާސާގެ މުއްދަތު ނިމެންދެންނެވެ.

ދިރާސާގެ މުއްދަތުގެ ތެރޭގައި 1،067 މީހަކަށް ހަކުރުބަލި ޖެހުނެވެ.

ދިރާސާއިން ފާހަގި ގޮތުގައި ހަކުރުބަލި ޖެހުނު މީހުންގެ ހަށިގަނޑުން، އޭގެ 10 އަހަރު ކުރިން ފެށިގެން ވެސް ދިޔައީ، ހަކުރު ހުންނަ މިންވަރު އެހެން މީހުންގެ ހުންނަ ވަރަށް ވުރެ މަތިވުމާއި އިންސިއުލިން ރެސިސްޓެންސް ފާހަގަވަމުންނެވެ. އަދި ހަކުރު ބަލި ޖެހުމުގެ ކުރިން ފެންނަ އަލާމަތްތައް ނުވަތަ ޕްރީ ޑައެބެޓީސްގެ އަލާމަތްތައް ދިރާސާގެ ތެރޭގައި ފެންނަން ފެށި މީހުންގެ ކިބައިން ވެސް ހަމަ މިކަން ފާހަގަވި އެވެ.

ދިރާސާގައި ބުނީ މި ނިޝާންތައް ވިއްސަކަށް އަހަރު ކުރިން ވެސް ފެންނާނެ ކަމަށެވެ.

"މި ދިރާސާއިން އެނގުނީ ޕްރީ ޑައެބެޓީސްގެ އަލާމާތްތައް ފެންނަން ފެށުމުގެ މާކުރިން ވެސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހޭކަން. އަދި ހަކުރުބަލީގެ ނިޝާންތައް ވަރަށް ކުރިން ފެންނަން ފަށާކަން،" ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި، ޖަޕާނުގެ އައިޒަވާ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ހިރޮޔޫކީ ސަގެސާކާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަކުރުބަލިން ސަލާމަތްވުމަށް، ބޭސް ބޭނުންކުރުމާއި ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ވަރަށް ކުރިން ފަށަންޖެހޭ މަސައްކަތެއްކަން މި ދިރާސާއިން ހާމަވާ ކަމަށެވެ. -- ބީބީސީ