Roadha Mihaaru
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް

ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް

17 ސެޕްޓެމްބަރ 2016

މެންދުރު ފަހުގެ ވަގުތުކޮޅެއްގައި ނިދާލުމުގެ ފައިދާ ބޮޑުކަމަށް ސައިންސްވެރިން ބުނެ އެވެ. އެކަމަކު މިކަމުގައު ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި ދުވާލު މާގިނައިރު ނިދާ ނަމަ ޓައިޕް 2 ޑައެބެޓީސްގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ސައިންސްވެރިން އިންޒާރު ދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މެންދުރު ފަހުގެ ވަގުތުކޮޅެއްގައި ނިދާލުމުގެ ފައިދާ ބޮޑުކަމަށް ސައިންސްވެރިން ބުނެ އެވެ. އެކަމަކު މިކަމުގައު ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި ދުވާލު މާގިނައިރު ނިދާ ނަމަ ޓައިޕް 2 ޑައެބެޓީސްގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ސައިންސްވެރިން އިންޒާރު ދީފި އެވެ.

އެމެރިކާގެ ނިއު ޔޯކްގެ މޮންޓެފިއޯގެ މެޑިކަލް ސެންޓަރުގެ ކްލިނިކަލް ޑައެބެޓީސް ސެންޓަރުގެ ޑިރެކްޓަރު ޑރ. ޖޯލް ޒޮންސްޒެއިން ދިރާސާއަކަށް ފަހު ވިދާޅުވެފައި ވަނީ ދުވާލު ގަޑިއެއްހާއިރަށް ވުރެ ގިނައިރު ނިދާ ނަމަ ލޭގައި ހަކުރުގެ މިންވަރު މާބޮޑަށް މައްޗަށް ދިއުމުގެ ފުރުސަތު 45 ޕަސެންޓް މަތިވެދާނެ ކަމަށެވެ.

ދިރާސާއިން މިކަން ކަށަވަރެއް ނުވެ އެވެ. ނަމަވެސް ދިރާސާގައި ބެލެވިފައިވާ ގޮތަށް ވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެއްވަ އެވެ.

ގަޑިއެއްގެ އިރަށް ނުވަތަ އެއަށްވުރެ މަދުން ދުވާލު ނިދާ ނަމަ ހަކުރު ބަލީގެ މި ނުރައްކާ މިގޮތަށް ނޯންނަކަން ވެސް ދިރާސާއިން ފާހަގަވެފައިވެ އެވެ.

ޑރ. ޒޮންސްޒެއިން ވިދާޅުވެފައި ވަނީ މިއީ ވަރަށް ޝައުގުވެރި ދިރާސާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދުވާލު މާގިނައިން ނިދުމާ ޓައިޕް 2 ޑައެބެޓީސްއާ ގުޅުން ހުރިކަން ދިރާސާއިން ދައްކަ އެވެ. އެކަމަކު ހަކުރު ބައްޔާ އެންމެ ބޮޑަށް ގުޅުން ހުންނަނީ ދިރިއުޅުމުގެ އާދަތަކާ ކަމަށާއި ދުވާލު ނިދުމާ ހަކުރު ބައްޔާ ގުޅުމެއް ހުރި ކަމަށް ވެސް ދައްކަނީ މިގޮތުންކަން ހަނދާންކުރަންޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައިވެ އެވެ.

މި ދިރާސާއަށް މައުލޫމާތު ނަގާފައި ވަނީ 21 ދިރާސާއެއްގައި ބައިވެރިކޮށްފައިވާ 300،000 މީހެއްގެ ފަރާތުންނެވެ. އެ މީހުންގެ މައުލޫމާތަށް ބަލާއިރު ދުވާލު އެއްގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނަކީ ޓައިޕް 2 ޑައެބެޓީސް ހުރި މީހުންނަށް ވުމުގެ ފުރުސަތު، އެއަށްވުރެ މަދުން ދުވާލު ނިދާ މީހުންނާ އަޅާބަލާއިރު 45 ޕަސެންޓް އިތުރުވެ.

ދިރާސާ ޓީމުން ވަނީ މިއީ ހަމައެކަނި އަޅާކިޔުމެއް ކަމާއި ހަކުރު ބައްޔަށް މަގު ފަހިކުރުވާ ވަރަށް ގިނަ ސަބަބުތައް ވެސް ހުންނާނެކަން ފާހަގަކުރައްވައިފަ އެވެ. އެހެންވެ، ދުވާލު ގިނައިން ނިދުމަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އެތައް ގުނައެއް ބޮޑުވާ ކަމެއްގެ ގޮތުގައި އަދި ކަށަވަރު ނުވާ ކަމަށް ބުނެފައިވެ އެވެ.