Roadha Mihaaru
ފަސް ބެލުމެއް ނެތް: 21 ވަނަ ރަން މެޑަލް ހޯދައިފި

ފެލްޕްސް ފަސް ބެލުމެއް ނެތް: 21 ވަނަ ރަން މެޑަލް ހޯދައިފި

10 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 10) - އޮލިމްޕިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓް ކަމަށްވާ އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސްގެ ކާމިޔާބަށް މަޑުޖެހިލުމެއް ނެތެވެ؛ ފެލްޕްސް މިއަދު ހޯދި އިންޑިވިޖުއަލް އަދި ޓީމު އިވެންޓް ރަން މެޑަލާ އެކު، އޭނާ ހޯދި ރަން މެޑަލުގެ އަދަދު މިވަނީ 21 އަށް އަރައިފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 10) - އޮލިމްޕިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓް ކަމަށްވާ އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސްގެ ކާމިޔާބަށް މަޑުޖެހިލުމެއް ނެތެވެ؛ ފެލްޕްސް މިއަދު ހޯދި އިންޑިވިޖުއަލް އަދި ޓީމު އިވެންޓް ރަން މެޑަލާ އެކު، އޭނާ ހޯދި ރަން މެޑަލުގެ އަދަދު މިވަނީ 21 އަށް އަރައިފަ އެވެ.

އޭނާގެ މިއަދުގެ ފުރަތަމަ ރަން މެޑަލަކީ 200 މީޓަރު ބަޓާފްލައި އިވެންޓުން ހޯދި މެޑަލެވެ. ފެލްޕްސް 1 މިނެޓު 53:36 ސިކުންތުން ރޭސް ނިންމާލި އިރު ރިހި މެޑަލް ހޯދި ޖަޕާނުގެ މަސްޓާއޯ ސަކާއީ ރޭސް ނިންމީ 1 މިނެޓު 53:40 ސިކުންތުންނެވެ. ތިން ވަނަ އަކީ ހަންގޭރީގެ ޓަމާސް ކެންޑެރެސެއީ އެވެ. އޭނާ ލޯ މެޑަލް ހޯދީ 1 މިނެޓު 53:62 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ލަންޑަން އޮލިމްޕިކްސްގެ މި އިވެންޓުން ފެލްޕްސްގެ މައްޗަށް ކާމިޔާބުކުރި ހޯދި ދެކުނު އެފްރިކާގެ ޗަޑް ލެ ކްލޮސްގެ ކިބައިން ފެލްޕްސް މި ފަހަރު ބަދަލު ހިފި އިރު އުމުރުން 24 އަހަރުގެ ފެތުންތެރިޔާ ދިޔައީ ހަތަރު ވަނަ އަށެވެ. މި ދެ ފެތުންތެރިންގެ ކުރިމަތިލުމެއް 100 މީޓަރު ބަޓަފްލައި އިވެންޓުގައި ފެނިގެންދާނެ އެވެ.

ފެލްޕްސް މެޑަލް ކާމިޔާބުކުރުމަށް ފަހު އުފާވެފައި. --ފޮޓޯ: އޭއެފްޕީ

ފެލްޕްސް މެޑަލް ކާމިޔާބުކުރުމަށް ފަހު އުފާވެފައި. --ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ 200 މީޓަރު ބަޓްފްލައި އިވެންޓް ކާމިޔާބުކުރުމަކީ ފެލްޕްސްގެ އެންމެ ބޮޑު އުއްމީދެވެ. މީގެ ހަތަރު އަހަރު ކުރިން ލަންޑަން އޮލިމްޕިކްސް އަށް ފަހު އޭނާ ރިޓަޔާކުރާ ގޮތަށް ނިންމިއިރު އެ ފަހަރުގެ 200 މީޓަރު ބަޓްފަލައި ވެގެންދިޔައީ ފަހު އިވެންޓަށެވެ. އެކަމަކު އެ އިވެންޓުން ރަން މެޑަލް ނުލިބުމަކީ، ފެލްޕްސް ރިޓަޔާނުކުރަން ނިންމި އެންމެ ބޮޑު އެއް ސަބަބެވެ.

ފެލްޕްސްގެ މިއަދުގެ ދެ ވަނަ ރަން މެޑަލަކީ، ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިން އެމެރިކާ ޓީމާ އެކު ހޯދި މެޑަލެވެ. މި އިވެންޓް އެމެރިކާ ޓީމު ކާމިޔާބުކުރީ 7 މިނެޓު 0.66 ސިކުންތުންނެވެ. ރިހި މެޑަލް ހޯދި ގްރޭޓް ބްރިޓަންގެ ޓީމު ރޭސް ނިންމީ 7 މިނެޓު 3.13 ސިކުންތުންނެވެ. އެއީ އިނގިރޭސި ގައުމީ ރެކޯޑެކެވެ.

ފެލްސް ވަނީ މިހާރު އޮލިމްޕިކްސްގައި ޖުމްލަ 25 މެޑަލް ހޯދައިފަ އެވެ. އެއީ އިތުރު ދެ ރިހި މެޑަލާއި ދެ ލޯ މެޑަލާ އެކު އެވެ. އިންޑިވިޖުއަލް އެތުލީޓުންގެ ތެރެއިން އެންމެ ގިނަ ރަން މެޑަލް ހޯދި އެތުލީޓުންގެ ލިސްޓުގެ އެއް ވަނައިގައި ފެލްޕްސް އޮތްއިރު ދެ ވަނައިގައި އޮތް ސޯވިއެޓް ޔޫނިއަންގެ ލަރީސާ ލެޓީނިނާ އަށް ހޯދިފައިވަނީ ނުވަ ރަން މެޑަލެވެ.