Roadha Mihaaru
ވިކްޓަރީ އެނބުރި އައިސް ނިއު މާޔޫސްކޮށްލައިފި

ވިކްޓަރީގެ ވަރުގަދަ އެނބުރި އައުމުން ނިއު މާޔޫސްކޮށްލައިފި

08 އޮކްޓޯބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ހާޒިރުނުވެ އަދި މާލީ މައްސަލަތަކެއް ވެސް ދިމާވެފައި އޮތް ވިކްޓަރީން "އެނބުރި އައިސް" ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވުމާ އެކު، ނިއު އަށް ތާވަލުގައި ތަފާތު ކުޑަކުރަން ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ހާޒިރުނުވެ އަދި މާލީ މައްސަލަތަކެއް ވެސް ދިމާވެފައި އޮތް ވިކްޓަރީން "އެނބުރި އައިސް" ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވުމާ އެކު، ނިއު އަށް ތާވަލުގައި ތަފާތު ކުޑަކުރަން ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް ރޭ ގްރީންސްޓްރީޓްސް އަތުން 2-1 އިން ބަލިވުމުން، ނިއު އަށް މިއަދު މޮޅުވެ ޓީސީއާ ދެ ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު އޮތެވެ. ނިއު މި ވަގުތު ދެ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އީގަލްސް އަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ވިކްޓަރީ އޮތީ ހަ ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު ނަޒީހު އަލުން ވިކްޓަރީއާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ޕޮއިންޓެއް ހޯދިއިރު އެ ޓީމު ދެ މަސް ދުވަހަށް ފަހު ރަސްމީކޮށް ޕްރެކްޓިސް ފެށީ ވެސް އިއްޔެ އެވެ. އެ ކްލަބުގެ ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފް ވަނީ އިސްތިއުފާ ދީފަ އެވެ. މުސާރައިގެ މައްސަލަ އުޅުނަސް ކުޅުންތެރިން ތިބީ އެންމެ ފަހުން ކުޅެން އޮތް މެޗަށް ވެސް ހާޒިރުވާ ގޮތަށެވެ. އެކަމަކު ބައެއް ބޯޑް މެމްބަރުންގެ އެދުމުގެ މަތިން ހާޒިރުނުވީ އެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ އެ ޓީމުގެ ވެސް ބައެއް ސީނިއާ ކުޅުންތެރިން ޕްރެކްޓިހަށް ނާންނާތީ އެންމެ އެދެވޭ ގޮތެއްގައި ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ. އެކަމަކު ކިތަންމެ އާދައިގެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް އެވަރަށް މަސައްކަތް ނުކުރެވެންޏާ އޭގެ ފައިދާ ނުނެގޭނެ ކަމަށް ސޮބާ ބުންޏެވެ.

"ވަރަށް ރަނގަޅު ފުރުސަތެއް މި ގެއްލުނީ. ނިއުގެ ބައެއް ކުޅުންތެރިން ސީދާ މެޗަށް އައީ (ޕްރެކްޓިސް ނުކޮށް). މެޗުގައި ވެސް އަޅުގަނޑުމެންނަށް ސަތޭކަ ޕަސެންޓް އެފަޓެއް ނުލެވޭ. މަސައްކަތް ނުކުރެވެންޏާ ނަމުން ކިތަންމެ ބޮޑަށް، އަދި އިދިކޮޅަށް ދެ ވަނަ ޑިވިޝަނުގެ ޓީމެއް ނުކުމެ އޮތަސް ކާމިޔާބެއް ނުހޯދޭނެ،" ސޮބާ ބުންޏެވެ.

މުސާރައިގެ މައްސަލައަށް އިޝާރާތްކޮށް ސޮބާ ބުނީ އެފަދަ ކަންތައްތަކެއް އުޅުނަސް ކުޅުންތެރިން އަމިއްލަ ކެރިއަރަށް ވިސްނާފައި ވިޔަސް ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާ ބުނީ ލީގުގައި އަދިވެސް ގިނަ މެޗުތަކެއް އޮތުމާ އެކު، ކަންކަން ރަނގަޅުވެ ނިއު އަށް ކާމިޔާބު ހޯދައިދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ މިއަދު މާޔޫސްވާން ޖެހެނީ ވިކްޓަރީ ކަމަށާއި ސަބަބަކީ ގެއްލުނީ އެ ޓީމުގެ އަތުގައި އޮތް ތިން ޕޮއިންޓް ކަމަށެވެ. އޭނާ ބުނީ ބޭރުން ބަލާ މީހަކަށް ފެންނަ ފެނުމާ ހިލާފާށް ވިކްޓަރީގެ ހާލަތު އެހާ ގޯސް ނޫން ކަމަށެވެ. އަދި މުސާރައިގެ މައްސަލަ އުޅުނަސް ކުޅުންތެރިން ތިބީ ޓީމަށްޓަކައި މަސައްކަތްކުރާ ގޮތަށް ކަމަށާއި އެކަން ފާހަގަކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ވެސް ވިކްޓަރީން ބުނެފިއްޔާ، ހުހަށް ހުންނަ ދުވަސްކޮޅު ހިލޭ ސާބަހަށް ކޮށްދޭނަން ކޮންމެ ކަމެއް ވެސް،" ނަޒީހު ބުންޏެވެ.

ނިއުގެ ސެންޓޭ (ކ) އަށް ހުރަސް އަޅަން ވިކްޓަރީގެ ޝާފީ އާއި ޖެރާޑް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ސެންޓޭ (ކ) އަށް ހުރަސް އަޅަން ވިކްޓަރީގެ ޝާފީ އާއި ޖެރާޑް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްގަނީ އާއި ބިދޭސީ ފޯވާޑް އަތުހިއޭ ކިޕްސަން ނުހިމެނެ އެވެ. އެކަމަކު ސެންޓޭ އާއި އަކްރަމް ފަހު ހާފުގައި އެރި އެވެ.

ފުރަތަމަ ހާފުގައި ނިއު އިން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އުމެއިރު ވަނީ ނުރައްކާކޮށްފަ އެވެ. އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރިއިރު އުމެއިރު ފޮނުވާލި ހިލޭ ޖެހުން ވެސް އޭނާ ދިފާއުކުރި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ދަނޑި އަށް އަމާޒުވި އެވެ. ވިކްޓަރީން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުން ދިޔައިރު އެ ޓީމުން މި ހާފުގައި ކައުންޓާގައި ނުރައްކާކުރި އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި 59 ވަނަ މިނެޓުގައި ގޯލް ޖެހީ ހުސެއިން ނިހާން (ނިހާޓު) އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ނިއުގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުމުން އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ނިއު އަށް އެއްވަރުކޮށްދިނީ 75 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ސެންޓޭ އެވެ. އޭގެ ފަހުން ނިއު އިން ކުޅުން ރަނގަޅުކޮށް އިތުރު އެޓޭކްތަކެއް އުފެއްދި އެވެ. އެކަމަކު އަރިމަތިން އޭރިއާ ތެރެއަށް ލަމުން ދިޔަ ހުރަސްތައް އިމްރާން ވަނީ ސަލާމަތްކޮށްފަ އެވެ.

ޖުމްލަކޮށް މުޅި މެޗުގައި ނިއު ހުއްޓުމުގައި ވިކްޓަރީން އެންމެ މުހިއްމު ދައުރެއް އަދާކުރީ އިމްރާނެވެ. އެކަމަކު މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވިކްޓަރީގެ ނިހާޓަށެވެ. ވިކްޓަރީގެ ބައެއް އޮފިޝަލުން ވަނީ އިމްރާނަށް އެ މަގާމް ނުލިބުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީ ޒައީމް އަލީގެ ނިންމުންތަކާ ދެކޮޅަށް މެޗުގައި އަދި މެޗަށް ފަހު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައި ނިއު އިން ދެ ޕެނަލްޓީއަށް ވެސް އެޕީލްކުރި އެވެ. ފުރަތަމަ ހާފުގައި ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުއިރު ދެ ވަނަ ހާފުގައި އެޕީލްކުރީ ސެންޓޭ އަށް އޭރިއާ ތެރެއިން ފައުލްކަމަށް ބުނެ އެވެ. އަނެއްކޮޅުން ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ ނިއު އިން ގޯލް ޖެހި ހިލޭ ޖެހުން އެއީ ދޭން ޖެހޭ އެއްޗެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.