Roadha Mihaaru

މަރަން ހުކުމްކުރި އީރާނުގެ ބިލިއަނަރުގެ މުދާތައް ނީލަން ކިޔަނީ

ތެހެރާން (އޮގަސްޓް 10) - ކޮރަޕްޝަނުގެ ކުށުގައި މަރަން ހުކުމްކޮށްފައި ހުރި އީރާނުގެ ބިލިއަނަރު ބަބާކު ޒަންޖާނީގެ މުދާތައް ނީލަން ކިޔަން އީރާނުން ނިންމައިފި އެވެ.

މަރަން ހުކުމްކުރި އީރާނުގެ ބިލިއަނަރުގެ މުދާތައް ނީލަން ކިޔަނީ
ހަސަން އާމިރު
ހަސަން އާމިރު

10 އޯގަސްޓް 2016

ތެހެރާން (އޮގަސްޓް 10) - ކޮރަޕްޝަނުގެ ކުށުގައި މަރަން ހުކުމްކޮށްފައި ހުރި އީރާނުގެ ބިލިއަނަރު ބަބާކު ޒަންޖާނީގެ މުދާތައް ނީލަން ކިޔަން އީރާނުން ނިންމައިފި އެވެ.

އީރާނުގެ ޝަރުއީ ދާއިރާއާ ގުޅުން އޮންނަ ނޫހެއް ކަމަށްވާ މީޒާން އޮންލައިނުން ބުނީ ޒަންޖާނީގެ ލަގްޒަރީ ވިލާތަކާއި އެޕާޓްމަންޓްތަކާއި ފިހާރަތައް އަދި އެހެން މުދާތައް ވިއްކާލާނެ ކަމަށެވެ. ޒަންޖާނީގެ މުދާތައް ގަންނަން ބޭނުންވާ ފަރާތްތަކުން ބަންދުކޮށްފައިވާ ސިޓީ އުރައިގައި މި މަހު 20 ވަނަ ދުވަހުގެ ކުރިން އަގު ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.

ދިގު ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު ޒަންޖާނީ، 41، މަރަން ހުކުމްކުރީ މާޗު މަހު އެވެ. ސަރުކާރުގެ ފައިސާ އިން ކޮރަޕްޝަން ހިންގައިގެން އޭނާ 2.8 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އީރާނުން ބުންޏެވެ. ޒަންޖާނީގެ ކޮރަޕްޝަން ފަޅާ އެރީ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނުގެ ބޭންކުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އީރާނުގެ ތެޔޮ ބައިނަލްއަގުވާމީ މާކެޓަށް ވިއްކައިގެން ލިބޭ ފައިސާގެ ބޮޑު ބައެއް ޒަންޖާނީ ވަނީ ނަގައިފަ އެވެ. ޒަންޖާނީ ވެސް ވަނީ ޔޫއޭއީ، ތުރުކީ އަދި މެލޭޝިއާގެ ކުންފުނިތަކަށް އީރާނުގެ ތެޔޮ ވިއްކައިގެން އެތައް ބިލިއަން ޑޮލަރަށް ހޯދާފައިވާ ކަމަށް އެއްބަސްވެފަ އެވެ. އޭނާ ބުނެފައި ވަނީ އެކަންކުރީ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދުގެ ރުހުމާ އެކު ކަމަށެވެ.

މިހާރުގެ ރައީސް ހަސަން ރޫހާނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ތެރޭ، ޑިސެމްބަރު 2013 ގައި ޒަންޖާނީ ވަނީ ހައްޔަރުކޮށްފަ އެވެ. ރޫހާނީ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ.